19 ސެޕްޓެމްބަރ 2024
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން ބާކީ ނުދައްކާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް ފަސްކޮށްދީފި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބޮންޑުގެ ތެރެއިން ބާކީ ނުދައްކާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް ފަސްކޮށްދީފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ.
އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން މިދިޔަ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ މޭ މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު ދަންމާލި އެވެ. ނަމަވެސް ތިން ވަނަ ޓީ ބިލް ދެއްކުމުގެ މުއްދަތު މި މަހު ހަމަވެ އެވެ.
އެކަމަކު، ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތިން ވަނަ ޓީ ބިލްގައި ހިމެނޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުމަށް ދިވެހި ސަރުކާރަށް އިތުރު އެއް އަހަރު ދޭން އިންޑިއާ ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
"ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރު ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ. މިއީ މި އަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި ކަމަށް ވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާ ކޮށްފަ އެވެ،" ދިވެހި ސަރުކާރުގެ ބަޔާނުގައި ވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ތިންވަނަ ޓީ ބިލް ދެއްކުމުގެ މުއްދަތު އިންޑިއާ ސަރުކާރުން ފަސްކޮށްދިނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިދިޔަ މޭ މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ކުރެއްވި މަޝްވަރާތަކާ ގުޅިގެން ކަމަށެވެ. އެ މަޝްވަރާތަކުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިދިޔަ އޮގަސްޓް މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ފޮރިން މިނިސްޓަރު ޒަމީރާ ސަލާން ކުރައްވާއިރު ރައީސް މުއިއްޒު ބަލަހައްޓަވައިގެން.---ފޮޓޯ: ރައީސް އޮފީސް
"ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރަމެވެ. އަދި މި އެހީތެރކަން ލިބިގެން މިދިޔައީ އިގުތިސާ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން އަނެއްކާވެސް އެހީތެރިކަން ފޯރުކޮށްދިން އިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވާނެކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެކަމަކު، އޭގެ ތަފުސީލްތަކެއް އަދި ނުދެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވައިލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމުމާ ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރު ވިޔަސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ވެސް ދެ ގައުމުގެ ސަރުކާރުން އެއްބަސްވި ގޮތަށް އަނބުރާ ފޮނުވާލައި، އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ އާއި ދެ ހެލިކޮޕްޓަރު ދުއްވަން ވަނީ އެ ގައުމުގެ ސިވިލިއަނުން ގެނެސްފަ އެވެ.
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް
މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި
ރައީސް، ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި
މޯދީ ހުވާކުރެއްވުމުގައި ރައީސް ބައިވެރިވެ ވަޑައިގެންފި
ރައީސަށް އިންޑިއާ އިން ހޫނު މަރުހަބާއެއް
ހުވާކުރާ ރަސްމިއްޔާތަށް އިސްކަންދިނީ ކައިރި ގައުމުތަކަށް
ރާއްޖެއަކީ އިންޑިއާގެ އަގުހުރި ބައިވެރިއެއް: މޯދީ
ރައީސް މުއިއްޒުގެ މަރުހަބާ މޯދީ އަށް