Roadha Mihaaru
މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި

މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި

16 ޖޫން 2024

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަޟްހާ އީދު ދުވަހުގެ ތަހުނިޔާ މިއަދު ފޮނުއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަޟްހާ އީދު ދުވަހުގެ ތަހުނިޔާ މިއަދު ފޮނުއްވައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ފާހަގަކުރާ ބޮޑު އީދު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، މޯދީގެ ފަރާތުން ރައީސް މުއިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވާ ކަމަށެވެ.

"ބޮޑުވަޒީރު މޯދީގެ މެސެޖުގައި، މިއަދު މި ފާހަގަކުރާ އުފާވެރި އީދު ދުވަހުން ހަނދާނަށް ގެނެސްދެނީ އަޅުގަނޑުމެން އެންމެން އުއްމީދުކުރާ ސުލްހަވެރި އަދި އެންމެހާ ފަރާތްތަކެއް ހިމެނޭ ދުނިޔެއެއް ބިނާކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކެމެވެ،" އެ ބަޔާނުގައިވެ އެވެ.

އީދަކީ ރާއްޖެ އާއި އިންޑިއާ ދެމެދުގައި އޮތް މަލްޓި ކަލްޗުރަލް ހެރިޓޭޖުގެ ތެރެއިން ފޯރި އާއި އުފާވެރިކަމާ އެކު ފާހަގަކުރެވޭ ދުވަހެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވި އިރު، ދާދި ފަހުން އެ މަނިކުފާނު ވަނީ މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމަށް ހުވާކުރެއްވި ރަސްމިއްޔާތަށް ނިއު ދިއްލީ އަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ދެ ބޭފުޅުން ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވި އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުން ރަނގަޅު ކަމަށާއި އެ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ވެސް ވަނީ އޭރު ބުނެފަ އެވެ.