Roadha Mihaaru
ޓްރަމްޕުގެ ސަބަބުން ކޮންމެވެސް އުފާތަކެއްލިބޭ: ރައީސް

ޓްރަމްޕު ހޮވިވަޑައިގަތުމުން ކޮންމެވެސް ވަރެއްގެ އުފާތަކެއް ލިބޭ: ރައީސް

09 ނޮވެމްބަރ 2016

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ހޯއްދެވުމަކީ ކޮންމްވެސް ވަރެއްގެ އުފާތަކެއް އަދި ހިތްހަމަ ޖެހުންތަކެއް ލިބޭ ކަމެއް ކަމަށް ރަައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ހޯއްދެވުމަކީ ކޮންމްވެސް ވަރެއްގެ އުފާތަކެއް އަދި ހިތްހަމަ ޖެހުންތަކެއް ލިބޭ ކަމެއް ކަމަށް ރަައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ބައެއް ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން މުޅި ދުނިޔޭގެ ކަންކަމަށް އެމެރިކާއިން "ޕޮލިސް ކުރުން" ނުވަތަ ފާރަލުން މިހާ ހަމައިން ހުއްޓާލަން ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވާ ވާހަކައަށް ރައީސް ޔާމީން ތާއީދު ކުރެއްވި އެވެ.

"މިއީ އެއްވެސް ޝައްކެއް ނެތްގޮތުގައި ރަނގަޅު ވާހަކައެއް." އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ގައުމަކީ ވެސް ސިޔާދަތީ ބާރު އޮތް، ފުރިހަމަ އިސްތިގްލާލީ ބާރު އޮންނަ ބަޔަކަށް ވާންޖެހޭ،"

ރައީސް ޔާމީން ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމުތަކުން ކުރާކަންކަން ޕޮލިސް ކުރާކަށް އެހެން ގައުމަކަށް ނުޖެހޭނެ ކަމަށާއި ޓްރަމްޕްގެ މި ސިޔާސަތުގެ ދަށުން އަމަލު ކުރައްވާނަމަ ދުނިޔެ އަކީ މިހާރަށް ވުރެ އަމާންތަނަކަށްވާނެ ކަމަށެވެ. އަދި އޭރުން ރައްޔިތުން އުޅެން ބޭނުންވާ ގޮތަށް އުޅޭވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިހާތަނަށް ފެނިގެން އައިސްފައިވަނީ ދުނިޔޭގެ ކޮންމެ ދިމާއެއްގައި ވެސް ހިނގާ ކަންކަމަށް ކޮންމެވެސް ބާރު ހުރި ގައުމަކުން ނުފޫޒު ފޯރުވާތަން ކަމަަށެވެ. އެހެންވެ، ދުނިޔޭގައި އުޅޭ މީހުން ދެ ދަރަޖައަކަށް ބެހިފައިވާކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

އެކަމަކު ޓްރަމްޕްގެ މި ސިޔާސަތުގެ ދަށުން އެންމެން އެއް ދަރަޖައިގެ ބަޔަކަށްވެ، ޑިޕްލޮމަސީގައި އެއް ބަހުރުވައަކުން ވާހަކަ ދައްކާ ބަޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ހިސާބުން ދުނިޔޭގެ މައްސަލަތައް ހައްލުވެގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޓްރަމްޕްގެ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ އެ މަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޓްރަމްޕްގެ ޒަޢާމަތުގައި އެމެރިކާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ‏‏ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.