Roadha Mihaaru
އެމެރިކާގެ އަމަލާ މެދު ހިތާމަކުރަން: ރައީސް ޔާމީން

ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމުން ހިތާމަކުރަން: ރައީސް ޔާމީން

02 ޖޫން 2017

ޖައްވަށް ބޭރު ކުރާ ނުރައްކާތެރި ގޭސް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ގިނަ ގައުމުތަކެއް ބައިވެރިވާ "ޕެރިސް އެގްރީމެންޓް" އިން އެމެރިކާ ވަކިވުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޖައްވަށް ބޭރު ކުރާ ނުރައްކާތެރި ގޭސް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ގިނަ ގައުމުތަކެއް ބައިވެރިވާ "ޕެރިސް އެގްރީމެންޓް" އިން އެމެރިކާ ވަކިވުމަކީ ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން، 2015 އަހަރު ދުނިޔޭގެ 195 ގައުމަކުން ސޮއިކުރި މި އެއްބަސްވުމުން އެމެރިކާ މިއަދު ވަކިވީ، އެއީ އެގައުމުގެ އިގްތިސޯދާއި އަމިއްލަވަންތަ ކަމަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ރައީސް ޔާމީން ވިދާޅުވީ، އެމެރިކާގެ މި އަމަލާ މެދު، ކުދި ގައުމުތަކުގެ އިއްތިހާދު، (އޭއޯއެސްއައިއެސް)ގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެ އިން ހިތާމަކުރާ ކަމަށެވެ. އަދި މިއީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް ވިއްސިވިހާލުމުގެ އިތުރުން، މިކަމާ ގުޅޭގޮތުން ގައުމުތަކުން އެއްބަސްވެފައިވާ އެކި އެއްބަސްވުންތައް މަޑުޖެހޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 37 ގައުމު ހިމެނޭ އިއްތިހާދުގެ ލީޑަރުގެ ހައިސިއްޔަތުންނާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމަކަށް ރާއްޖެ ވެފައިވާއިރު، އެހާ މުހިއްމު ކަމަކާ ގުޅޭގޮތުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ހިމެނޭ އެމެރިކާ އިން އަމަލު ކުުރި ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ޕެރިހުގައި ގާއިމްކުރި ތިމާވެށި އެއްބަސްވުމުން އެމެރިކާ ވަކިވިކަން، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިއުލާން ކުރެއްވުމާއެކު، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު އެއްބަސްވުން ދެމި އޮންނާނެކަމުގެ ޔަގީންކަން އެ ގައުމުތަކުން ވަނީ ދީފަ އެވެ.

އެގޮތުން ޔޫރަޕިއަން ޔޫނިއަން އާއި ޗައިނާ އިން ވަނީ ތިމާވެއްޓާ ގުޅޭ ހާއްސަ ސަމިޓެއް، އަންނަ ސެޕްޓެމްބަރުމަހު ބާއްވަން އިއުލާންކޮށްފަ އެވެ.