Roadha Mihaaru
ޓްރަމްޕުގެ ނިންމުމަކީ ރާއްޖެ އަށް މަރުގެ ހުކުމެއް

ޓްރަމްޕުގެ ނިންމުމަކީ ރާއްޖެ އަށް އިއްވި މަރުގެ ހުކުމެއް : ނަޝީދު

04 ޖޫން 2017

ޖައްވަށް ބޭރު ކުރާ ނުރައްކާތެރި ގޭސް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ގިނަ ގައުމުތަކެއް ބައިވެރިވާ "ޕެރިސް އެގްރީމެންޓް" އިން އެމެރިކާ ވަކިވުމަކީ ރާއްޖެ އަށް އިއްވި މަރުގެ ހުކުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޖައްވަށް ބޭރު ކުރާ ނުރައްކާތެރި ގޭސް ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ގިނަ ގައުމުތަކެއް ބައިވެރިވާ "ޕެރިސް އެގްރީމެންޓް" އިން އެމެރިކާ ވަކިވުމަކީ ރާއްޖެ އަށް އިއްވި މަރުގެ ހުކުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ޓީވީ ޗެނަލް، ސްކައި ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ދިވެހިންނާއި ތިރި ޖަޒީރާތަކުގައި އުޅޭ މީހުން ތިބީ މަރުގެ ތުންފަތްމަތީގަ ކަމަށެވެ.

ބޭރު ދުނިޔޭގައި ތިމާވެށީގެ "ޗެމްޕިއަން"ގެ ގޮތުގައި މަޝްހޫރުވެފައިވާ ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ވަރަށް ކުޑަ ބަދަލަކުން ވެސް ރާއްޖެ އަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ގިރައި، މުރަކަ ހުދުވެ، ފެން ތަޣައްޔަރުވުމަކީ ވަމުން އަންނަ ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.

މީގެ ދެ އަހަރު ކުރިން، 2015 އަހަރު ދުނިޔޭގެ 195 ގައުމަކުން ސޮއިކުރި ޕެރިސް އެއްބަސްވުމުން އެމެރިކާ މިދިޔަ ހުކުރު ދުވަހު ވަކިވީ، އެއީ އެ ގައުމުގެ އިގްތިސޯދާއި އަމިއްލަވަންތަ ކަމަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެވެ.

ޓްރަމްޕުގެ މި ނިންމުމާ މެދު ދިވެހި ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމެރިކާގެ މި އަމަލާ މެދު، ކުދި ގައުމުތަކުގެ އިއްތިހާދު، (އޭއޯއެސްއައިއެސް)ގެ ޗެއާގެ ހައިސިއްޔަތުން ރާއްޖެ އިން ހިތާމަކުރާ ކަމަށެވެ. އަދި މިއީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން ކުރަމުން އަންނަ މަސައްކަތް ވިއްސިވިހާލުމުގެ އިތުރުން، މިކަމާ ގުޅޭގޮތުން ގައުމުތަކުން އެއްބަސްވެފައިވާ އެކި އެއްބަސްވުންތައް މަޑުޖެހޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޓްރަމްޕުގެ މި އަމަލުން މައްސަލަ އިތުރަށް ހޫނު ވެއްޖެ ކަމަށާއި ބޭނުންވަނީ މި މައްސަލައިގެ ބޮޑުކަން ހާމަކޮށްދިނުން ކަމަށެވެ. އަދި މިއީ މުސްތަގްބަލުގައި ދިމާވާނެ ކަމަށް ލަފާ ކުރާ މައްސަލައެއް ނޫން ކަމަށާއި މިހާރު ވެސް ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސޯދު ބިނާވެފައި މި އޮންނަނީ މަސްވެރިކަމާއި ޓޫރިޒަމަށް. (ކަނޑުގެ ލޮނުގަނޑު) ހޫނުވުމުގެ ސަބަބުން މުރަކަ ހުދުވެ، ފަރުތައް ހަލާކުވާނަމަ އެއީ ޓޫރިޒަމަށް ވެސް އޮތް ނުރައްކަލެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ މިފަދަ އެއްބަސްވުންތަކާ ދެކޮޅު ނުހެދޭނެ ކަމަށާއި އޭރުން އޭގެ އަގު އެހެން ގައުމުތަކުން ދައްކަން ޖެހޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް: ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި

އެމެރިކާގެ ރައީސް ޓްރަމްޕް: ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި

ނަޝީދު ވަނީ މި އެއްބަސްވުމުން ވަކިނުވުމަށް، ޓްރަމްޕަށް އާދޭސް ދަންނަވާފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ރަނގަޅު އަސަރުތަކެއް ކުރާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ ޓްރަމްޕް ކަހަލަ ރަނގަޅު ވިޔަފާރިވެރިއަކު މުސްތަގްބަލާ މެދު ވިސްނަން ބޭނުންފުޅު ނުވަނީ ކީއްވެކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ޕެރިސް ތިމާވެށީގެ އެއްބަސްވުމުން ވަކިވާކަން އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެއީ އެމެރިކާ އަށް ދީފައިވާ "އަދަބެއް" ކަމަށެވެ. އަދި އެއްބަސްވުމުގައި އެމެރިކާ ބައިވެރިވުމުން އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ. ވައިޓް ހައުސްގެ ރޯޒް ގާޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ތިމާވެށީގެ އާ އެއްބަސްވުމަކަށް ނުވަތަ ޕެރިސް އެއްބަސްވުމަށް ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ޕެރިސް އެއްބަސްވުމުން ވަކިވާ ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވީ އޭގެ ސަބަބުން އެމެރިކާގެ ޖީޑީޕީން ތިން ޓްރިލިއަން ޑޮލަރު ގެއްލި، 6.5 މިލިއަން މީހުންގެ ވަޒީފާ ގެއްލޭނެތީ ކަމަށެވެ. އަދި ވާދަވެރި އިގްތިސާދުތައް ކަމަށްވާ ޗައިނާ އާއި އިންޑިއާ އަށް އޭގެ ފައިދާ ކުރާ ކަމަށެވެ. ޓްރަމްޕް އަދި ވިދާޅުވީ އޭނާ އަދާކުރައްވަމުން ދަނީ އެމެރިކާ އާއި އެމެރިކާ ރައްޔިތުން ރައްކާތެރި ކުރުމުގެ ޒިންމާ ކަމަށެވެ.