Roadha Mihaaru
"ވަގުތު އޮއްވައި ކްލައިމެޓް ފައިނޭންސް ލިބެންޖެހޭ"

ޒަމީރު ދުނިޔެއަށް ގޮވާލެއްވީ ކްލައިމެޓް ފަންޑިން އަވަސްކުރަން

16 ފެބުރުއަރީ 2024

މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފައިވީ ނަމަވެސް، ދިވެހިންގެ އަޒުމެއް ނުގުޑާނެ ކަމަށް ވިދާޅުވެ، ކްލައިމެޓް ފަންޑިން އަވަހަށް ލިބޭނެ މަގުފަހިކޮށް ދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދުނިޔެއަށް ގޮވާލައްވައިފި އެވެ.

މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފައިވީ ނަމަވެސް، ދިވެހިންގެ އަޒުމެއް ނުގުޑާނެ ކަމަށް ވިދާޅުވެ، ކްލައިމެޓް ފަންޑިން އަވަހަށް ލިބޭނެ މަގުފަހިކޮށް ދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދުނިޔެއަށް ގޮވާލައްވައިފި އެވެ.

ޖާމަނީގެ މިޔުނިކްގައި ކުރިއަށްދާ ސެކިޔުރިޓީ ކޮންފަރެންސްގެ ތެރެއިން ކްލައިމެޓް ފައިނޭންސިން އާ ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ އެންމެ ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ތިމާވެއްޓާ ރައްޓެހި، އިޔާދަކުރަނިވި ހަކަތަ ފަދަ މަޝްރޫއުތަކުން ފައިދާ ނެރެވޭނެ ކަމަށް ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރަށް ވިސްނައިދިނުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

އެހެންކަމުން، ރާއްޖެ ފަދަ ގައުމުތަކުގައި މިފަދަ މަޝްރޫއުތަކުން ފައިދާވާ މިންގަނޑު ބަދަލުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގާތު އަބަދުވެސް ބުނަނީ މި މަޝްރޫއުތަކުން ފައިދާވާނެތޯ ސާބިތުކޮށްދޭން. މިއީ ވާނެ ކަމެއް ނޫން،" ޒަމީރު ވިދާޅުވި އެވެ.

ކްލައިމެޓް ފައިނޭންސް އާ ގުޅޭ ޕެނަލް ޑިސްކަޝަންގައި ޒަމީރު ވާހަކަ ދައްކަވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ކްލައިމެޓް ފައިނޭންސް އާ ގުޅޭ ޕެނަލް ޑިސްކަޝަންގައި ޒަމީރު ވާހަކަ ދައްކަވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ބޯކޮށް ވާރޭވެހުމާއި އުދައެރުން އަވަސްވެ، ވަރުގަދަވަމުންދާ ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވި ގޮތުގައި ސްކޫލްތަކާއި ހޮސްޕިޓަލުތައް އެޅުމަށް ހުރި ދައުލަތުގެ މަދު ފައިސާ ކޮޅު މިފަދަ ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ބޭނުންކުރަން ވަނީ މަޖުބޫރުވެފަ އެވެ.

ނަމަވެސް، މި ކާރިސާތަކުގެ ސަބަބުން ދިވެހިންގެ އަޒުމެއް ނުގުޑާނެ ކަމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖޭން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"އަޅުގަނޑުމެން ފޮށި ތަންމަތި ބަނދެގެން ރާއްޖެ ދޫކޮށް ނުދާނަން. މި ރަށްތަކުގައި އަޅުގަނޑުމެން ގެދޮރު ބިނާކޮށްގެން ދިރިއުޅޭތާ 4،000 އަހަރު ވެއްޖެ،" ޒަމީރު ވިދާޅުވި އެވެ.

https://x.com/MoosaZameer/status/1758549797684789342?s=20

އޭނާ ވިދާޅުވި ގޮތުގައި، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ބޭނުންކުރާ މިންވަރުގެ 33 ޕަސަންޓަށް ހެދުމާއި ތިން މީޓަރަށް އުސްކޮށް "ސޭފް އައިލެންޑް" ކޮންސެޕްޓަށް ރާއްޖޭގެ ރަށްތައް ތަރައްގީ ކުރަން ސަރުކާރުން ޕްލޭންތައް ހަދާފައިވާ އިރު، އެ ކަމަށް ފައިސާ ބޭނުންވެ އެވެ.

މިހާރު ކްލައިމެޓް ފައިނޭންސިން ލިބެން އޮންނަ މަގު ކުރުކޮށް، އަވަހަށް ލިބޭނެ މަގު ފަހިކޮށް ދިނުމަށް ޒަމީރު ވަނީ ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.

"އެންމެން ގުޅިގެން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ވަގުތު އޮއްވައި ކްލައިމެޓް ފައިނޭންސް ލިބޭނެ މަގު ފަސޭހަކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

"މިއަދު ހޭދަ ކުރާ ކޮންމެ ޑޮލަރަކުން، މާދަމާ އަޅުގަނޑުމެންނަށް 15 ޑޮލަރު ސަލާމަތް ކުރެވޭނެ."

މިރޭގެ ޕެނަލްގައި ޒަމީރުގެ އިތުރުން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި، އެމެރިކާގެ ކްލައިމެޓް އެންވޯއީ ޖޯން ކެރީ އާއި ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ މޮޓްލީ ވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވައިފަ އެވެ.