Roadha Mihaaru
ތަރައްގީ ހާސިލު ވާނީ ގުޅުންތައް އިތުރަށް ހަރުދަނާވެގެން

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ވާނީ ގައުމުތަކުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިގެން: ޒަމީރު

17 އޯގަސްޓް 2024

ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ގްލޯބަލް ސައުތާއި އެ ނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ގްލޯބަލް ސައުތާއި އެ ނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުން ވާޗުއަލްކޮށް މިއަދު ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ޒަމީރު ތަގުރީރުކުރައްވައިފައިވާ ކަމަށެވެ.

އެ ތަގުރީރުގައި ޒަމީރު ވަނީ މިދިޔަ އަހަރުގެ ގްރޫޕް އޮފް 20 (ޖީ20)ގެ ރިޔާސަތުގައި އިންޑިއާއިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފު ކުރި މުހިންމު ހަރަކާތްތަކަށް ފާހަގަކޮށް އެ ގައުމުގެ ސަރުކާރަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެ ހަރަކާތްތަކުގެ ސަބަބުން ޖީ20ގެ މެމްބަރު ގައުމުތަކުގެ އިތުރުން ޖީ20ގައި ނުހިމެނޭ، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް ނިސްބަތްވާ ގައުމުތަކަށް ލިބުނު މަންފާ ފާހަގަކުރައްވައި ޒަމީރު ޝުކުރު އަދާކުރެއްވި އެވެ.

ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ތަގުރީރުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ތަގުރީރުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ޒަމީރު ވިދާޅުވީ ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި ދަރަނި އިތުރުވުމުގެ މައްސަލަ އާއި މަލްޓިލެޓްރަލް ފްރޭމްވޯކްތަކަށް އަދާހަމަކޮށްގެން ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ގްލޯބަލް ސައުތާއި މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތަކީ މިއީ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ރާއްޖެ ކަހަލަ ގައުމުތަކުގެ ތަރައްގީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އާ އީޖާދުތައް ހަމަހަމަ އުސޫލެއްގެ މަތިން ގްލޯބަލް ސައުތުގެ ގައުމުތަކަށް ފޯރާކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ޒަމީރް ފާހަގަކުރެއްވި އެވެ. އަދި، ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ގްލޯބަލް ސައުތާއި އެ ނޫން ގާއުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ނުހިމެނޭ މެމްބަރު ގައުމުތައް، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް ދިމާވަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ.

އެހެން އަހަރުތަކަކޭ އެއްގޮތަށް މި އަހަރުގެ ސަމިޓު ވެސް އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ.

ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރެވެ. އެ ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫގެ ފޮރިން މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ.