Roadha Mihaaru
އިއާދަ ނުކުރެވޭ މިންވަރަށް ދުނިޔޭގެ ހޫނުމިން މައްޗަށް

އިއާދަ ނުކުރެވޭ މިންވަރަށް ދުނިޔޭގެ ހޫނުމިން މައްޗަށް

16 ޖޫން 2021

އަލުން އަނބުރާ އިއާދަނުކުރެވޭ މިންވަރަށް، ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް، އާޓިކްގައި މިހާތަނަށް ކުރި، މިކަމާ ގުޅޭ އެންމެ ބޮޑު ދިރާސާގެ އިސް ސައެންސްވެރިޔާ އިއްޔެ އިންޒާރު ކޮށްފި އެވެ.

އަލުން އަނބުރާ އިއާދަނުކުރެވޭ މިންވަރަށް، ދުނިޔޭގެ ހޫނުމިން މައްޗަށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށް، އާޓިކްގައި މިހާތަނަށް ކުރި، މިކަމާ ގުޅޭ އެންމެ ބޮޑު ދިރާސާގެ އިސް ސައެންސްވެރިޔާ އިއްޔެ އިންޒާރު ކޮށްފި އެވެ.

ދިރާސާ ޓީމުގެ އިސް ސައެންސްވެރިޔާ މާކުސް ރެކްސް ވިދާޅުވި ގޮތުގައި، އާޓިކްގައި ހުރި ގަނޑުފެންތައް، މީގެ ކުރިން ދުވަހަކުވެސް ނުވިރޭހާ އަވަސްމިނުގައި މިހާރު އަންނަނީ ވިރެމުންނެވެ. މިއީ، ދުނިޔެ ހޫނުވުމުގެ މައްސަލަ މިހާރު އޮތް ހާލަތު ދެނެގަތުމަށް، ދުނިޔޭގެ އުތުރު ޕޯލްގައި މިހާތަނަށް ކުރި އެންމެ ފުޅާ ދިރާސާ އެވެ.

މި ދިރާސާގެ ފުރަތަމަ މަރުހަލާގެ ހޯދުންތައް، ޖަރުމަން ވިލާތުގެ ބާލިންގައި އާންމު ކުރައްވަމުން، މާކުސް ރެކްސް ވިދާޅުވި ގޮތުގައި އާޓިކްގެ މި ދިރާސާތަކުން ހޯދުނު އެންމެ ހައިރާންކުރުވަނިވި ކަމަކީ، އެއްގޮތަކަށް ވެސް ގަނޑުފެން ނެތް ހޫނު މޫސުމެއް، ވަރަށް އަވަހަށް އާޓިކަށް އަތުވެދާނެކަމުގެ ހެކިތައް ފެނުމެވެ. އަދި އެހެންވެއްޖެ ނަމަ، ދުނިޔެ ހޫނުވުމުގެ މައްސަލަ މިހާރު އެއޮތީ، އަލުން އިއާދަ ނުކުރެވޭނެ ހާލަތަކަށް ގޯސްވެފައި ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ދިރާސާގައި ދުނިޔޭގެ 20 ގައުމަކުން 300 އަށް ވުރެ ގިނަ ސައެންސްވެރިން ބައިވެރިވި އެވެ. އާޓިކްގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް ދިރާސާކުރުމުގައި 389 ދުވަސް ހޭދަކުރުމަށް ފަހު، ދިރާސާ ޓީމު އެނބުރި ޖަރުމަނަށް އައީ، ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެމީހުންގެ ދިރާސާ ދަތުރުން އެނބުރި އައި އިރު، އާޓިކް ކަނޑުގެ ދިރުންތައް ނެތި ހިނގައިދާނެ ކަމުގެ ހެކިތަކާއި، ގަނޑުފެން ނެތް ހޫނު މޫސުމެއް، ވިއްސަކަށް ތިރީހަކަށް އަހަރުގެ ތެރޭގައި، އުތުރު ޕޯލުން ފެނިދާނެ ކަމުގެ ހެކިތައް ގެނަ އެވެ. އޭގެ އިތުރުން 1000 އަށް ވުރެ ގިނަ ގަނޑުފެނުގެ ސާމްޕަލްތަކާއި، 150 ޓެރަބައިޓްގެ ޑާޓާ ހިމެނެ އެވެ.

މި ދިރާސާގައި އެއްކުރި މައުލޫމާތުގެ ތެރޭގައި، އުތުރު ޕޯލް ސަރަހައްދުގެ ވައިގެ ފަށަލައިގެ އެތެރޭގެ ހާލަތާ ބެހޭ މައުލޫމާތުތަކާއި، އެ ސަރަހައްދުގެ ކަނޑުގެ ހާލަތާ ބެހޭ މައުލޫމާތާއި، ކަނޑުގައި އުފެދިފައި ހުރި ގަނޑުފެނުގެ ހާލަތާ ބެހޭ މައުލޫމާތުގެ އިތުރުން، އެ ސަރަހައްދުގެ މާހައުލީ ނިޒާމުގެ މައުލޫމާތު ހިމެނެ އެވެ.

ސައެންސްވެރިޔާ މާކުސް ވިދާޅުވި ގޮތުގައި އުތުރު ޕޯލްގައި ކުރި ދިރާސާ އަށް މައުލޫމާތު އެއްކުރަން ފެށި ފަހުން، އެންމެ ހަލުވިމިނުގައި އާޓިކް ކަނޑުގެ ގަނޑުފެންތައް ވިރެމުން ދިޔައީ، 2020 ވަނަ އަހަރުގެ ރަބީއު މޫސުމުގެ (މާޗް، އެޕްރީލް، މެއި) ތެރޭގަ އެވެ. އަދި މީގެ ވިއްސަކަށް އަހަރު ކުރިއާ އަޅައި ބަލާއިރު، ހޫނު މޫސުމުގެ ތެރޭގައި އާޓިކް ކަނޑުގެ ތެރެއަށް ގަނޑުފެންތައް ފެތުރިގެން ދިޔަ މިންވަރު، މިދިޔަ އަހަރުގެ ތެރޭގައި ދެ ބައިކުޅަ އެއްބައި މަދެވެ.

އޭގެ އިތުރުން އާޓިކްގައި ހުރި ގަނޑުފެންތަކުގެ ބޯމިން މިހާރު ހުރީ، 1890ގެ އަހަރުތަކުގައި ކުރި ދިރާސާތަކުގައި ރެކޯޑް ކުރެވިފައިވާ މިންވަރަށް ވުރެ ދެ ބައިކުޅަ އެއްބައި ތުނިވެފަ އެވެ. އަދި އެ ދުވަސްވަރާ އަޅައި ބަލާއިރު، އާޓިކްގެ ހޫނުމިން ވެސް 10 ޑިގްރީ މަތިވެއްޖެ އެވެ.

އާޓިކް ކަނޑުގެ ސަތަހައިގައި ހުރި ގަނޑުފެނުގެ މިންވަރު ދަށްވުމާއި، ގަނޑުފެނުގެ ބޯމިން ތުނިވެފައިވުމުގެ ސަބަބުން، ހޫނުމޫސުމުގެ ތެރޭގައި އާޓިކް ކަނޑުގެ ތެރެއަށް އިރުގެ ހޫނު ފޭދިގެންދާ މިންވަރު އިތުރުވާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ހަރީފު މޫސުމު (ސެޕްޓެމްބަރު 21 – ޑިސެމްބަރު 21)ގެ ދުވަސްވަރު، އާޓިކް ކަނޑުގައި ގަނޑުފެން އުފެދޭ މިންވަރު، މީގެ ކުރިއާ އަޅައި ބަލާއިރު ދަށްވާނެ އެވެ.

ސައެންސްވެރިޔާ މާކުސް ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތްކުރުމަށް މިހާރަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން، އާޓިކް ކަނޑުގެ ގަނޑުފެންތައް ސަލާމަތް ކުރެވިދާނެކަން ނުވަތަ، މިހާރު މިތިބީ އަލުން އިއާދަ ނުކުރެވޭ މިންވަރަށް ދުނިޔޭގެ ހޫނުމިން މަތިވެފައިކަން ކަށަވަރުވާނީ، ކުރިއަށް އޮތް އަހަރުތަކުގައި ހަދާ އިތުރު ދިރާސާތަކުންނެވެ.

"ހޫނު މޫސުމުގައި ގަނޑުފެނުން ފޮރުވިފައިވާ އާޓިކް ކަނޑު ދުށުމުގެ ނަސީބު ލިބޭ އެންމެ ފަހު ޖީލުގެ މީހުންނަކީ، މިހާރު ދުނިޔޭގައި ތިބި މީހުން ކަމަށް ފަހަރެއްގައި ވެދާނެ ކަން އެނގުމަކީ، އަހަރެމެންނަށް ވަރަށް ބޮޑު ވޭނެއް ލިބުނު ކަމެއް،" މިދިރާސާގައި ބައިވެރިވި، ކަނޑުތަކުގެ ފިޒިކްސްއާ ބެހޭ ތަޖުރިބާކާރު ސްޓެފަނީ އާންޑެޓް ވިދާޅުވި އެވެ.

"އާޓިކްގެ މަތީގައި އޮތް ގަނޑުފެން ފަށަލަ އަންނަނީ މަޑުމަޑުން ވިރެމުން ތުނިވަމުން. އެއީ ޕޯލާ ބެއާ ދިރިއުޅެން އޮތް ވަރަށް މުހިންމު ޖާގައެއް،" ސްޓެފަނީ އާންޑެޓް ވިދާޅުވި އެވެ.