07 މެއި 2022
އެންޓާޓިކާގެ ގަނޑުފެނުގެ ދަށުގައި ފޮރުވިފައިވާ ބޮޑު ފެންގަނޑެއް ސައިންސްވެރިން ހޯދައިފި އެވެ.
އެންޓާޓިކާގެ ގަނޑުފެނުގެ ދަށުގައި ފޮރުވިފައިވާ ބޮޑު ފެންގަނޑެއް ސައިންސްވެރިން ހޯދައިފި އެވެ.
އެ ފެންގަނޑު ފެނުނީ އެންޓާޓިކާގެ ހުޅަނގުގެ ސަރަހައްދަކުންނެވެ. މިއީ އެންޓާޓިކާގެ ގަނޑުފެނުގެ ދަށުން ބޮޑު ފެންގަނޑެއް ފެނުނު ފުރަތަމަ ފަހަރެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި، އެ ފެންގަނޑު ހޯދި ސައިންސްވެރިން ކުރި ދިރާސާގައި ބުނެފައި ވަނީ އެއީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންޓާޓިކާ އަށް ކުރާ އަސަރު ވަރަށް ސާފުކޮށް ދައްކައިދޭ ކަމެއް ކަމަށެވެ.
"މީގެ ކުރިން ބައެއް މީހުން ބުނެފައިވޭ އެ ގަނޑުފެނުގެ ދަށުގައި ފެން ހުރެދާނެ ކަމަށް. އެކަމަކު އޭގެ ސާފު ހެއްކެއް އަދި ކިރިޔާ މި ފެނުނީ،" އެ ދިރާސާގައި އިސްކޮށް އުޅުނު ކެލިފޯނިއާ ޔުނިވާސިޓީގައި މަސައްކަތްކުރައްވާ ކަނޑުތަކުގެ ދިރާސާތަކަށް ހާއްސަ ސައިންޓިސްޓް ކްލޯއީ ގުސްތަފާސަން ވިދާޅުވި އެވެ.
އެންޓާޓިކާގެ ގަނޑުފެނުގެ ދަށުން ފެންގަނޑެއް ހޯދި ސައިންސްވެރިން އެތަނުގައި ދިރާސާކުރިއިރުގައި ނަގާފައިވާ ފޮޓޯއެއް.
ގުސްތަފާސަންގެ ރިސާޗު ޓީމުން ވަނީ 2018 ވަނަ އަހަރު ހަ ހަފުތާ ވަންދެން އެ ސަރަހައްދަށް ގޮސް މައުލޫމާތު އެއްކޮށްފަ އެވެ. އެ ޓީމުން ވަނީ 96.6 ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއް ބަލައިފަ އެވެ. އެ ފެންގަނޑު ފެނުނީ އެ މަސައްކަތުގެ ތެރެއިންނެވެ.
އެ ފެންގަނޑު ފެނުނީ ޖިއޯފިޒިކަލް އިންސްޓްރޫމެންޓްތައް ބޭނުންކޮށްގެން، ގަނޑުފެނުގެ ދަށް ބަލަމުން ދަނިކޮށެވެ. އެކަން ކުރުމަށް އެމީހުން ބޭނުންކުރީ މެގްނެޓޯޓެލުރިކް އިމޭޖިން ކިޔާ ޓެކްނީނެކެވެ. އެ ޓެކްނީކްގެ އެހީގައި ގަނޑުފެނުގެ ދަށުގައި ހުންނަ ގަނޑާއި ހިލަވެއްޔާއި ސާފު ފެނާއި އަދި ލޮނުފެނުގެ މައުލޫމާތު އެއްކުރެވެ އެވެ.
އެ ފެންގަނޑު އޮތީ ފަސް ކިލޯމީޓަރު އަޑީގަ އެވެ.
އެންޓާޓިކާގެ ގަނޑުފެނުގެ ދަށުން ފެންގަނޑެއް ހޯދި ސައިންސްވެރިން އެތަނުގައި ދިރާސާކުރިއިރުގައި ނަގާފައިވާ ފޮޓޯއެއް.
އެ ދިރާސާވެރިން ހެދި ހިސާބުތަކުން ދައްކާ ގޮތުގައި އެ ފެންގަނޑުގައި ހުރި ފެން މައްޗަށް ދަމައިފި ނަމަ، 100 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި 220-820 މީޓަރު އުސް ކޯރެއް ހެދޭނެ އެވެ. އެއީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އެމްޕަރާ ސްޓޭޓް ބިލްޑިން އަށް ވުރެ ވެސް މާ އުހެ އެވެ. އެ އިމާރާތުގެ އުސްމިނުގައި 420 މީޓަރު ހުރެ އެވެ.
އެންޓާޓިކާ އިން ގަނޑުފެނުގެ މަތީގައި ހެދިފައި ހުންނަ ފެނާއި ފެން ކޯރުތައް އާންމުކޮށް ފެނުނަސް، ގަނޑުފެނުގެ ދަށުގައި ފެން ހުރި ތަން މީގެ ކުރިން ފެނިފައެއް ނުވެ އެވެ.
މޫސުމަށް އަންނަ ބަދަލާ އެކު ދުނިޔެ ހޫނުވަމުން ދާތީ އެންޓާޓިކާގެ ގަނޑުފެންގަނޑު ވަނީ ވަރަށް ބޮޑަށް ވިރެގެން ގޮސްފަ އެވެ. އޭގެ ސަބަބުން ދުވަހެއް ދުވަހަކަށް ކަނޑުގެ ލޮނުގަނޑު ވެސް އަންނަނީ އުސްވަމުންނެވެ.
ދުނިޔެ ސަލާމަތް ކުރަން އޮތީ މަދު އަހަރުތަކެއް
އިއާދަ ނުކުރެވޭ މިންވަރަށް ދުނިޔޭގެ ހޫނުމިން މައްޗަށް
ކޮޕް29 ސަމިޓުގައި މުހިންމު ލީޑަރުން ބައިވެރިއެއް ނުވޭ
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއީ ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އެއް އަހަރު
މިދިޔަ އަހަރަކީ އެންމެ ހޫނުގަދަ އަހަރު
މިހާތަނަށް އެންމެ ހޫނު އަހަރު: 2023
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
އެންޓާޓިކާ އިން އާޖެންޓީނާ ވަރުގެ ގަނޑުފެން ނެތިއްޖެ
އަނެއްކާ ވެސް ރެކޯޑް މިންވަރަކަށް ހޫނު ދުވަހެއް