16 ޖުލައި 2018
އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތަކަކީ އެވެ؛ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރުގެ އިސް ވެރިންގެ ކަރަށް ބޮޑު "މަޅިއެއް ފައްތައިފި" އެވެ. މިއީ ފަސޭހަ އިން މޮހާނުލެވޭ ވަރުގެ މަޅިއެކެވެ. އިސްލާހު ކުރަން ބުނި ކަންކަން ސަރުކާރުން ނުކުރި އެވެ. ސަރުކާރުގެ ވެރިންނަށް "ހަމަ ނޭވާއެއް" ނުލެވި އުޅެނިކޮށް، މިހާރު ކުރިމަތިވެގެން އުޅޭ ނުރައްކާ މާ ބޮޑެވެ. ސަރުކާރުގެ އެއްވެސް ވެރިއަކަށް "ފިއްލެވުމުގެ" ފުރުސަތެއް ނެތެވެ. "އިންސާފު" އަރާ ހަމަކުރަނީ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ވާހަކަތަކަކީ އެވެ؛ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރުގެ އިސް ވެރިންގެ ކަރަށް ބޮޑު "މަޅިއެއް ފައްތައިފި" އެވެ. މިއީ ފަސޭހަ އިން މޮހާނުލެވޭ ވަރުގެ މަޅިއެކެވެ. އިސްލާހު ކުރަން ބުނި ކަންކަން ސަރުކާރުން ނުކުރި އެވެ. ސަރުކާރުގެ ވެރިންނަށް "ހަމަ ނޭވާއެއް" ނުލެވި އުޅެނިކޮށް، މިހާރު ކުރިމަތިވެގެން އުޅޭ ނުރައްކާ މާ ބޮޑެވެ. ސަރުކާރުގެ އެއްވެސް ވެރިއަކަށް "ފިއްލެވުމުގެ" ފުރުސަތެއް ނެތެވެ. "އިންސާފު" އަރާ ހަމަކުރަނީ އެވެ.
ސަރުކާރުން ދައްކާ ވާހަކަތަކަކީ މި އެވެ: ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންނެވެ. ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުމުގެ ފުރުސަތެއް ނެތެވެ. ރާއްޖެއަކީ މިނިވަން ގައުމަކަށް ވެފައި، އަމަލު ކުރަމުން އަންނަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ސިޔާސީ ހައްޔަރީންނެއް ޖަލުގައި ނުތިބޭނެ އެވެ. "ޗާޓުން ބޭރުން" ކުރި ކަމެއް ނޯންނާނެ އެވެ. އިންޒާރުތައް ދިނުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރަމާ ހިނގާށެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލައި އިއްޔެ އެމްޑީޕީ އޮފީސް ކައިރީގައި ބޭއްވި މުޒާހަރާ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި ދެ ބާވަތުގެ ވާހަކަތަކުގެ ތެރެއިން މިހާރު ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ އިދިކޮޅު ފަރާތްތަކެވެ. ސަރުކާރުގެ ވެރިންނާ ދެކޮޅަށް ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޖަމާއަތް އީޔޫން މިއަދު ފިޔަވަޅު އަޅާނެ ކަމަށް ބެލެވެ އެވެ. ސަަރުކާރުން ވެސް ގަބޫލުކުރަނީ އެގޮތަށެވެ.
އީޔޫ އަށް ރާއްޖޭގެ ވެރިންނާ ދެކޮޅަށް އަޅަން އޮތީ ދެ ފިޔަވަޅެކެވެ. އެއީ ސަރުކާރުގެ އިސް ބޭފުޅުން ޔޫރަޕްގެ ގައުމުތަކަށް ވަޑައިނުގަންނެވޭ ގޮތަށް ވިސާ ހިފެހެއްޓުމާއި ބޭރު ގައުމުތަކުގައި ހުރި މުދާތައް ހިފެހެއްޓުމެވެ.
މިދިޔަ ފެބުރުއަރީ މަހު އީޔޫގެ ކައުންސިލުން ފާސްކުރި ގަރާރުގައި ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެއީ މިހާރު އާ ވާހަކައެއް ނޫނެވެ. އެކަމަކު ރާއްޖެއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅައިފި ނަމަ، އެއީ ރާއްޖޭގެ ތާރީހުގައި ވެސް ވަރަށް ކަޅު ސަފުހާއަކަށް ވާނެ އެވެ. މީގެ ކުރިން، ރާއްޖޭގެ ވެރިންނާ ދެކޮޅަށް ބޭރުގެ އެއްވެސް ފަރާތަކުން އެކަހަލަ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އީޔޫ އިން ރާއްޖެ އަށް ފިޔަވަޅު އެޅުމުގެ އިންޒާރު މިދިއަ މަހު މެދުތެރޭގައި ދީފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. ރައީސް ހަމައެކަނި ވިދާޅުވީ، ފިޔަވަޅު އަޅާ ނަމަ، އީޔޫ އިން އަޅާނީ އެމަނިކުފާނާއި، ކެބިނެޓު މެމްބަރުންނާ ދެކޮޅަށް ކަމަށެވެ. އެކަމަކު ރައްޔިތުންނަށް ގެއްލުމެއް ވެދާނެ ފިޔަވަޅެއް ވެސް އީޔޫ އިން އަޅައިފާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން މި ނިންމީ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތައް ހުއްޓާލައި، ޑިމޮކްރަސީގެ މަގަށް ރުޖޫއަވުމަށް ތަކުރާރުކޮށް ގޮވާލުމަށް ފަހު އެވެ. ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކުގެ އިސް ވެރިން ނުވަތަ އެ ބޭފުޅުންގެ މަންދޫބުން ތިއްބަވާ، އީޔޫގެ އެންމެ ބާރުގަދަ ތަނެވެ. އެ ގަރާރުގައި ވަނީ، އިސްލާހުކުރަން ރާއްޖެ އަށް ހުށަހަޅާ ކަންކަން ނުކޮށްފި ނަމަ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތަކުގައި ބައިވެރިވާ، ސަރުކާރުގެ ވެރިންނާއި ދިވެހި ސަރުކާރާ ގުޅިފައި ތިބި ވިޔަފާރިވެރިންނާ މެދު ފިޔަވަޅު އެޅުމަށެވެ.
ރައީސް ޔާމީން މުލަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
އީޔޫ އިން މި ފަހުން އެންމެ ބޮޑު ފިޔަވަޅެއް އެޅީ ރަޝިޔާއާ ދެކޮޅަށެވެ. އޭގެ އިތުރުން މިޔަންމާގެ އަސްކަރީ ޖެނެރަލުންތަކަކާ ދެކޮޅަށް ދާދި ފަހުން ވަނީ ފިޔަވަޅު އަޅާފަ އެވެ. އީޔޫ އިން އާންމު ގޮތެއްގައި ފިޔަވަޅު އަޅަނީ ސަރުކާރުގެ ވެރިންނަށާއި މުއައްސަސާތަކުގެ އިސް މީހުންނާއި ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖިލީހުގެ އިސް މީހުންނާ ދެކޮޅަށެވެ.
އެކަމަކު ސަރުކާރުގެ ވިސްނުން މިކަމުގައި ވަރަށް ބޮޑަށް ތަފާތެވެ. މިޔަންމާ އާއި ރަޝިއާ ފަދަ ގައުމުތަކުގައި އޮތް ހާލަތަށް ރާއްޖެ ނުދާ ކަމެވެ. އެހެންކަމުން ސަރުކާރުން ގަބޫލުކުރަނީ އީޔޫ އިން ރާއްޖެއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާ ހާލަތެއް އަދި މެދުވެރިނުވާ ކަމަށެވެ.
އިސްލާހުކުރަން އީޔޫއިން މައިގަނޑު ގޮތެއްގައި ގޮވާލީ އިދިކޮޅު ފަރާތްތަކުން ވެސް އެދެމުން އަންނަ ކަންކަމެވެ. އޭގެ ތެރޭގައި ސެޕްޓެމްބަރު 23 ގައި އޮންނަ އިންތިހާބު މިނިވަންކުރުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި ރައްޔިތުންގެ މަޖިލިހުގެ މިނިވަންކަމުގެ ތެރެއަށް ސަރުކާރުން އަތް ނުބޭނުމަށެވެ. އެކަމަކު ސަރުކާރުން ބޮޑަށް ދައްކަނީ ދީނީ މިނިވަންކަން ދޭން ޖެހޭނެ ކަމަށް އީޔޫގެ ބައެއް މީހުން ބުނާ ބުނުމެވެ. މިއީ އަބަދުވެސް ބޭރުގެ ޖަމާއަތްތަކުން ރާއްޖެއާ މެދު ދައްކާ ވާހަކައެކެވެ. ނަމަވެސް އެކަން ނުކޮށްގެން ފިޔަވަޅު އަޅާނެ ކަމަކަށް ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން ބުނެފައެއް ނުވެ އެވެ. އެއާ ހިލާފަށް ފިޔަވަޅު އަޅާނެކަމަށް އިންޒާރު ދިނީ މިހާރު ވެސް ރާއްޖޭގައި އުފެދިފައި އޮތް ސިޔާސީ ހަމަނުޖެހުންތަކަށް ހައްލެއް ގެންނަން ސަރުކާރުން މަަސައްކަތްކޮށްފައި ނުވާތީ އެކަން ކަމަށް ބިނާކޮށްފަ އެވެ.
- ރާއްޖޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ރައްޔިތުންގެ ހިފަހައްޓާފައިވާ ހުރިހާ ހައްގުތަކެއް ގާނޫނުއަސާސީގައި ވާ ގޮތަށް ކަށަވަރުކޮށްދިނުން.
- ހައްޔަރުކޮށްފައިވާ އަދި ހުކުމްކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރުން.
- ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ވާޖިބަށް ހުރަސްނޭޅުމަށާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް، ގާނޫނުއަސާސީގައިވާ ގޮތަށް މިނިވަންކަމާ އެކު ހިންގަން ފެށުން.
- ޑިމޮކްރަސީގެ މަގަށް ރާއްޖެ އަލުން އިޔާދަވުމަށް، ސަރުކާރުން ޕާޓީތަކާ އެކު މަޝްވަރާތައް ފެށުން.
ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަބަދުވެސް ރައްޔިތުންނަށް ދެއްވާ ޔަގީން ކަމަކީ މި އެވެ؛ އީޔޫ އިން ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ކިތައްމެ ބޮޑު ފިޔަވަޅު އެޅި ކަމަށް ވިޔަސް، އިސްލާމް ދީނަށް ގެއްލުން ވާނެ ކަމެއް ނުކުރައްވާނެ ކަމެވެ.
ސަރުކާރުން ޔޫރަޕްގެ ގައުމުތަކުގެ މަންދޫބުންނާ މަޝްވަރާ ކޮށްގެން މަސައްކަތް ކުރަނީ އީޔޫގެ ނިންމުން ބާރު ނެތް އެއްޗެއްގެ ގޮތުގައި ހެދުމަށެވެ. އެގޮތަށް ވާނީ ވެރިންގެ ނަންތައް، މިއަދު ފާސްކުރާ ނިންމުމުގައި ނުހިމަނައިފި ނަމަ އެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އީޔޫގެ ނިންމުމުގައި އަމަލީ ސިފައެއް ޖެހިގެން ދާނީ ވަކިވަކި މީހުންނާ މެދު ފިޔަވަޅު އަޅަން ނިންމުމުންނެވެ. ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު ނާޅައިވޭތޯ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިޔަވަޅު އަޅާނެ ބޭފުޅުންގެ ނަންތައް އީޔޫގެ ނިންމުމުގައި ނުހިމަނައިފި ނަމަ، އެކަން ވާނީ ހުސް ތޮށިގަނޑަކަށް. ނަންތައް ލައިފި ނަމަ، ޔޫރަޕްގެ ގައުމުތަކުން އެ އަށް އަމަލު ކުރާނީ. އެހެން ނޫނީ އެ ވާނީ ބޭކާރު އެއްޗަކަށް. މަސައްކަތް މި ކުރަނީ ވެރިންގެ ނަންތައް ނުހިމަނައި ވޭތޯ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ގާތްގަނޑަކަށް ދެ މަހަށް ވީ އިރު، އީޔޫ އިން ރާއްޖޭގެ ވެރިންނާ ދެކޮޅަށް ފިޔަވަޅެއް އަޅާނީ އިންތިހާބު ދާ ގޮތަކަށް ބަލައިފަ އެވެ. އިންތިހާބުގައި "ބޮޑެތި ކަންތައްގަނޑެއް" ނުހިނގައިފި ނަމަ، އީޔޫ އިން ދެން ގޮތެއް ނިންމާނީ އިންތިހާބުގެ ފަހުންނެވެ.
"އީޔޫ އިން ބޭނުންވީ އިދިކޮޅު ފަރާތްތަކަށް ވާދަކުރެވޭ އިންތިހާބެއް. ސަރުކާރުން އެ އޮތީ އެ މަގު ފަހިކޮށްދީފައި. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭތީ، އެމްޑީޕީން ނިކުންނަވަނީ އިބްރާހިމް މުހައްމަދު ސޯލިހް. އިބޫ ގެންދަވަނީ މިހާރު ކެމްޕެއިން ކުރައްވަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ލީޑަރުން މިނިވަންކޮށް އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލައި އިއްޔެ އެމްޑީޕީ އޮފީސް ކައިރީގައި ބޭއްވި މުޒާހަރާގައި އިންތި ވާހަކަ ދައްކަވާއިރު، ފުލުހުން އެސަރަހައްދުގައި މަޑުކޮށްލައިގެން. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމްޑީޕީގެ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އީޔޫ އިން ރާއްޖޭގެ "ބޮޑުންނާ" ދެކޮޅަށް ފިޔަވަޅު އެޅުމަކީ ދިވެހިންނަށް ލިބޭނެ އުފަލެއް ނޫން ކަމަށެވެ. އެއީ ދިވެހިން މެޑަލް ޖަހަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމަކީ ހިތާމަހުރި ކަމެކެވެ. އަދި އޭގެ ޒިންމާ ރައީސް ޔާމީން ފުރިހަމަ އަށް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. .
"ރައީސް ޔާމީން އެންމެ އަވަސް ގޮތެއްގައި ކުރައްވާނެ ކަމަކީ ފިއްލަވަން އުޅުން. އެކަމަކު ފިލިޔަކަ ނުވެސް ދޭނެ. ދެވޭނެ ގައުމެއް ނެތް،" ރައީސް ޔާމީން އިންތިހާބުން ބަލިކޮށް، އެމަނިކުފާނު ހިންގަވާފައިވާ ޖަރީމާތަކާ ދެކޮޅަށް ހުޅުވާލެވިފައިވާ ޝަރީއަތްތަކެއް ހިންގަވާނެ ކަން ފާހަގަކުރައްވައި އިންތި ވިދާޅުވި އެވެ.
އީޔޫ އިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅެއް އަޅައިފި ނަމަ އެއީ ގައުމުގެ ނަމަށް ވެސް ލިބޭނެ ވެއްޓުމެކެވެ. އެކަމަކު މިއަދު އެކަން މި އޮތީ ވަރަށް ކައިރީގަ އެވެ.
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކޮށްފި
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
އީޔޫ ޕާލަމެންޓް މެމްބަރުންތަކެއްގެ ޝަކުވާ އީޔޫ އަށް
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި
އީޔޫ އިން ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ހިމެނޭ
އެކްސްޕޯޓް ކުރުން މަނާކޮށްފާނެ ކަމުގެ އިންޒާރު އެބަދޭ
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް
ފިޔަވަޅު އަޅައިގެން އަޅުގަނޑަށް ގެއްލުމެއް ނުލިބޭނެ