21 އޯގަސްޓް 2018
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި 41 މީހަކު ހިމެނޭ ކަމަށް ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ފާސް ކުރިއިރު، އީޔޫ އިން ހެދި އޮނިގަނޑުގައި އޮތީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަންނަ މީހުންނާއި މުއައްސަސާތަކުގެ އިތުރުން އެކަމުގައި ބައިވެރިވާ އެހެން މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.
އީޔޫ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އީޔޫގެ ގައުމުތަކަށް ދަތުރުކުރުން މަނާކުރުމާއި އެ ގައުމުތަކުގައި ހުރި ބައެއް ދިވެހިންގެ މުދާ ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހިމެނުނަސް، އެ ކަންކަން ތަންފީޒުކުރަން ފަށާނީ، ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އީޔޫ އިން ގެޒެޓްކުރުމުންނެވެ.
ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމާ ގުޅޭ ކަންކަމުގައި އީޔޫ ޕާލަމެންޓުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރެޕަޓުއާ އަދި އެ ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒެކޮވޯސްކީ "އީޕީޓުޑޭ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް އެބައޮތް ކަމަށާއި އެ ލިސްޓު އޭނާ ދެކެވަޑައިގެންނެވި ކަމަށެވެ. އެކަމަކު، ލިސްޓުގައި ހިމެނެނީ ކޮން ބައެއް ކަން ވިދާޅެއް ނުވެ އެވެ.
ޔޫރަޕިއަން ޕާލަމެންޓްގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.
"އަޅުގަނޑުމެން އަތުގައި ލިސްޓު އެބައޮތް. އޭގައި އެބައޮތް 41 މީހެއްގެ ނަމެއް. އެ ނަންތައް އަޅުގަނޑު ދުށިން. [ރާއްޖެ އަށް] ދަތިކުރުމުގެ ފިޔަވަޅު އަޅަން އޮތީ ނިންމާފައި. މިހާރު މިވަނީ ތަންފީޒު ކުރުމުގެ މަރުހަލާ އައިސް ޖެހިފައި. އޮނިގަނޑު ވަރަށް ސާފު. ދަތުރަށް ފަހު، އީޔޫ އަށް ވަރުގަދަ މެސެޖެއް ދޭނަން،" ތޯމަސް ވިދާޅުވި އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި ތޯމަސް ވިދާޅުވީ، އެ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ، ބައިނަލްއަގްވާމީ މުޖުތަމައު ބަލަން ނުތިބޭނެ ކަމަށާއި އެފަދަ ނަތީޖާއެއް ބަލައި ވެސް ނުގަންނާނެ ކަމަށެވެ. އެގޮތުން، ނަތީޖާ އޮޅުވާލައިފި ނަމަ އެ ބަޔަކާ މެދު އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޔޫރަޕް އޮތީ ސީރިއަސްކޮށް، މެމްބަރު ގައުމުތައް ތިބީ ކަންބޮޑުވެފައި. އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑް، އިންޑިއާ އަދި ޖަޕާން ގުޅިގެން މަސައްކަތް ކުރާނެ [ރާއްޖޭގެ] ޑިމޮކްރަސީ ނަގަހައްޓަން. ފިޔަވަޅު އަޅަން ނިންމާފައިވާ ލިސްޓު ވެސް އަދި ހާމަކުރާނެ،" ތޯމަސް ވިދާޅުވި އެވެ.
އީޔޫ ޕާލަމެންޓްގެ އެހެން މެމްބަރެއް ކަމުގައިވާ ރައިޒާޑް ޒަނެކީ ވިދާޅުވިގޮތުގައި، އީޔޫ އަށް ވާގިވެރިވާ ގައުމުތަކުން، ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އަވަސްވެގަންނަން ޖެހެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީނަކީ އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ބޭފުޅެއް ކަމަށާއި އިންސާނީ ހައްގުތަކާ ދެކޮޅަށް މަސައްކަތް ކުރާ އެއްވެސް މީހަކަށް ފިލައިގެން ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ނަންތައް އާންމު ކުރައްވާނެ ކަމުގެ އިންޒާރާ އެކު، ރައިޒާޑް ވިދާޅުވީ އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުން ހިމާޔަތް ކުރަން ބަޔަކު ނާންނާނެ ކަމަށެވެ. އަދި އެމީހުންގެ ހިމާޔަތުގައި ރައީސް ޔާމީން ވެސް ނުހުންނަވާނެ އޭނާ ވިދާޅުވި އެވެ.
ޔޫރަޕިއަން އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ 30 ވަނަ ރައީސް ހެންރީ މަލޯސީ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން ދަނީ ބައިނަލްއަގްވާމީ މުޖުތަމައު ވަރަށް ބޮޑަށް ކަންބޮޑުވާ ކަންކަން ކަމަށެވެ. ރާއްޖެ އަނދަވަޅަކަށް ވައްޓާލުމުގެ ފުރުސަތު ރައީސް ޔާމީނަށް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީން އޮޅުވާލައްވައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ، ދަތިކުރުމުގެ ފިޔަވަޅު އަޅާނީ އެމަނިކުފާނާއި އެކުވެރިންނަށް އެކަންޏެއް ނޫނެވެ. އެއާ އެކު، ޓޫރިޒަމާއި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓުތައް ވެސް ހުއްޓުވާނެ ކަމަށް މަލޯސީ ވިދާޅުވި އެވެ.
އީޔޫ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.
ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫ ޕާލަމެންޓްގެ ބައެއް މެމްބަރުން ބާރު އަޅުއްވަމުން ގެންދަވާއިރު، ރައީސް ޔާމީން، މީގެ ކުރިން ވިދާޅުވީ އީޔޫ އިން ފިޔަވަޅު އެޅިޔަސް، އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. އެކަމަކު، އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
އެކަމަކު، އެއްވެސް ވިޔަފާރިވެރިއަކާ މެދު ފިޔަވަޅު އެޅިޔަ ނުދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.
ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮނިގަނޑު އެކުލަވާލާފައި އޮތަސް، އީޔޫގެ 28 ގައުމުން އެއްބަސްވެގެން ނޫން ގޮތަކަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ޚާރިޖީގެ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެހެންވެ، އީޔޫން މިހާތަނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މިއަންމާ އާއި ވިއެޓްނާމް ފަދަ ގައުމުތަކުގެ ހާލަތާ ގާތަށް ވެސް ރާއްޖޭގެ ކަންކަން ނުދާތީ، ފިޔަވަޅު އެޅުމަކީ ނުވާނެ ކަމެއް ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
އެ އޮނިގަނޑުގައިވާ ފިޔަވަޅުތައް އެޅުމަށް އީޔޫގެ އިތުރު ނިންމުމެއް ބޭނުންވާނެ އެވެ. އަދި ޔުނިއަން ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ އަދި ޔޫރަޕިއަން ކޮމިޝަނަށް މިކަމަށް ބޭނުންވާ ޕްރޮޕޯސަލެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި ފާސްކުރާ "ރެގިއުލޭޝަން" އާއި ފިޔަވަޅު އަޅާ މީހުންގެ ލިސްޓު އާންމުކުރަން ޖެހޭނެ އެވެ.
ރާއްޖޭގެ އިސް ވެރިންނާ މެދު ފިޔަވަޅު އަޅަން އީޔޫން ނިންމީ، ރާއްޖޭގައި އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ހިންގާ އަމަލުތައް ހުއްޓާލައި، ޑިމޮކްރަސީގެ މަގަށް ރުޖޫއަ ވުމަށް އަންގައި މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އީޔޫގެ ކައުންސިލުން ފާސްކުރި ގަރާރާ ގުޅިގެންނެވެ. ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ ގައުމުތަކުގެ އިސް ވެރިން ނުވަތަ އެ ބޭފުޅުންގެ މަންދޫބުން ތިއްބަވާ، އީޔޫގެ އެންމެ ބާރުގަދަ ތަނެވެ.
"ފިޔަވަޅު ނާޅަން އީޔޫގައި އެދޭކަށް އިބޫއަށް ނުކުރޭނެ"
ފިޔަވަޅު އަޅާ ލިސްޓުގެ ވާހަކަ ނޫހުން އުނިކޮށްފި
ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް ނޫޅޭ: ޝިއާން
އެކްސްޕޯޓް ކުރުން މަނާކޮށްފާނެ ކަމުގެ އިންޒާރު އެބަދޭ
އީޔޫގެ ނިންމުމަށް ޔޫކޭ އިން އަމަލުކުރަން ފަށައިފި
ވޯޓު ހޯދާނީ އަޅުގަނޑުގެ މިނިމަސް ކައިގެން ނޫން:ރައީސް
ފިޔަވަޅު އަޅައިގެން އަޅުގަނޑަށް ގެއްލުމެއް ނުލިބޭނެ
ވެރިންނާ ދެކޮޅަށް އީޔޫގެ ނިންމުން އަންނަ ދުވަސް!
ރިޝްވަތު ދިން ކަމަށް ބުނާ ވާހަކަ ޖަމީލް ދޮގުކޮށްފި
"ފިޔަވަޅު އެޅިއަސް ރާއްޖެ އަށް ގެއްލުންވިޔަ ނުދޭނެ"