Roadha Mihaaru
"ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން"

ޓްރަމްޕް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދުކުރަން: ރައީސް ޔާމީން

20 ޖެނުއަރީ 2017

އެމެރިކާގެ ރައީސް ކަމުގެ ހުވާ މިއަދު ކުރެއްވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެމެރިކާގެ ރައީސް ކަމުގެ ހުވާ މިއަދު ކުރެއްވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ކަމުގެ މަގާމާ ޓްރަމްޕް ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވި ގޮތުގައި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ހޯއްދެވި ކާމިޔާބީ ދައްކުވައިދެނީ އެމެރިކާގެ ޑިމޮކްރެސީގެ ހަރުދަނާ ކަމެވެ.

ޓްރަމްޕް ހޯއްދެވި ކާމިޔާބީ ރައީސް ޔާމީން ސިފަ ކުރެއްވީ ބައިނަލްއަގްވާމީ މުޖުތަމައު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި ހަގީގީ ޑިމޮކްރަސީއަކުން ދެއްކި މުހިންމު މިސާލެއް ގޮތުގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އާއި އެމެރިކާއާ ދެގައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުން ވެސް މަސައްކަތް ކުރާ ކަމަށެވެ. އަދި އެމެރިކާގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ފޮނުއްވި މެސެޖުގައި، އެމެރިކާގެ 45 ވަނަ ރައީސް ޓްރަމްޕަށް، އެމަނިކުފާނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ހެޔޮ އެދުންތައް ފޮނުއްވާފައިވެ އެވެ.

ސިފައިންގެ ހިދުމަތަށް ގެނައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތައް ބޭނުންކުރަން ފެށުމަށް މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ކޯސްޓް ގާޑުގެ އޮފިސަރަކާ ސަލާމް ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

ސިފައިންގެ ހިދުމަތަށް ގެނައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތައް ބޭނުންކުރަން ފެށުމަށް މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ކޯސްޓް ގާޑުގެ އޮފިސަރަކާ ސަލާމް ކުރައްވަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

އެމެރިކާގެ ރައީސް ކަމަށް ޓްރަންމްޕް ހޮވުމާ ގުޅިގެން ރައީސް ޔާމީން ވަނީ މީގެ ކުރިން ވެސް އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރިޔާސީ ރޭހުން ޓްރަމްޕް ކާމިޔާބު ހޯއްދެވުމަކީ ކޮންމްވެސް ވަރެއްގެ އުފާތަކެއް އަދި ހިތްހަމަ ޖެހުންތަކެއް ލިބޭ ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ބައެއް ކައުންސިލް މެމްބަރުންނާ ބައްދަލުކުރެއްވުމަށް މިދިޔަ ނޮވެމްބަރު ނުވަ ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ތައުރީފް ކުރައްވައިފަ އެވެ. އެގޮތުން މުޅި ދުނިޔޭގެ ކަންކަމަށް އެމެރިކާއިން "ޕޮލިސް ކުރުން" ނުވަތަ ފާރަލުން މިހާ ހަމައިން ހުއްޓާލަން ވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވާ ވާހަކައަށް ރައީސް ޔާމީން ތާއީދު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ ދުނިޔޭގެ ހުރިހާ ގައުމުތަކުން ކުރާކަންކަން ޕޮލިސް ކުރާކަށް އެހެން ގައުމަކަށް ނުޖެހޭނެ ކަމަށާއި ޓްރަމްޕްގެ މި ސިޔާސަތުގެ ދަށުން އަމަލު ކުރައްވާނަމަ ދުނިޔެ އަކީ މިހާރަށް ވުރެ އަމާންތަނަކަށްވާނެ ކަމަށެވެ. އަދި އޭރުން ރައްޔިތުން އުޅެން ބޭނުންވާ ގޮތަށް އުޅޭވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވެފައި ވަނީ މިހާތަނަށް ފެނިގެން އައިސްފައިވަނީ ދުނިޔޭގެ ކޮންމެ ދިމާއެއްގައި ވެސް ހިނގާ ކަންކަމަށް ކޮންމެވެސް ބާރު ހުރި ގައުމަކުން ނުފޫޒު ފޯރުވާތަން ކަމަަށެވެ. އެހެންވެ، ދުނިޔޭގައި އުޅޭ މީހުން ދެ ދަރަޖައަކަށް ބެހިފައިވާކަން ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

އެކަމަކު ޓްރަމްޕްގެ މި ސިޔާސަތުގެ ދަށުން އެންމެން އެއް ދަރަޖައިގެ ބަޔަކަށްވެ، ޑިޕްލޮމަސީގައި އެއް ބަހުރުވައަކުން ވާހަކަ ދައްކާ ބަޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ހިސާބުން ދުނިޔޭގެ މައްސަލަތައް ހައްލުވެގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.