Roadha Mihaaru
"ކުދި ގައުމުތަކަށް ދަރަނި އަދާކުރަން އެހީ ބޭނުންވޭ"

ކުދި ގައުމުތަކަށް ދަރަނި އަދާކުރަން އެހީ ބޭނުންވޭ: ރައީސް

21 ސެޕްޓެމްބަރ 2024

ކުދި ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އިންތިހާ އަށް ބޮޑުވުން ކަމަށާއި އެފަދަ ގައުމުތަކަށް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓު ސާވިސް (ޑީއެސްއެސްއެސް) ނުވަތަ ދަރަނި ދެއްކުމުގައި ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުދި ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި އިންތިހާ އަށް ބޮޑުވުން ކަމަށާއި އެފަދަ ގައުމުތަކަށް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓު ސާވިސް (ޑީއެސްއެސްއެސް) ނުވަތަ ދަރަނި ދެއްކުމުގައި ދާއިމީ ހައްލެއް ބޭނުންވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުން އަންނަ ސިޑްސްގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުދި ގައުމުތަކުގެ ބޭރުގެ ދަރަނި އިތުރުވަމުންދާ ކަމަށާއި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 40 ޕަސެންޓް ގައުމަށް ދަރަނީގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އާއި ސިޑްސްގެ އެހެން ގިނަ ގައުމުތަކުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަަސެންޓަށް ވުރެ މަތީގައި ކަމަށެވެ. މި އަހަރު ނިމޭ އިރު ރާއްޖޭގެ ޖުމްލަ ދަރަނި 129 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.

ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު ޒަމީރު އަދި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް ސިޑްސްގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު ޒަމީރު އަދި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް ސިޑްސްގެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ކްލައިމެޓް ފައިނޭންސާއި ޑެޓް ރިލީފް ވަރުގަދަ ކުރަން ޖެހޭ. އަދި ކުޑަ އިންޓްރެސްޓް ރޭޓޭއްގައި ދަރަނި އަދާކުރަން ފައިނޭންސް ލިބޭނެ ގޮތެއް ހޯދަން ޖެހޭ. އަދި ރީޕޭމެންޓްގެ މުއްދަތުތައް އިތުރުކޮށްދީ، ދަރަނި ރީސްޓްރަކްޗާ ކުރެވޭނެ ގޮތްތަކެއް ފަހިވާން ޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދަން ޖެހެ އެވެ. އަދި މާލީ ހާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށީގެ މަޝްރޫއުތަކަށް މިހާރަށް ވުރެ ބޮޑަށް ހޭދަކުރެވެން އޮތީ ވެސް ދަރަނީގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައުމުގެ އާމްދަނީގެ ބޮޑު ބައެއް މިވަގުތު ހޭދަކުރަން ޖެހެނީ ދަރަނި އަދާކުރުމަށް. އެހެންވެ، ގައުމުގެ އިގްތިސާދަށް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައި،"--- ރައީސް

"ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ދަރަނި މެނޭޖް ކުރުމަކީ މުހިއްމު ކަމެއް. އެކަމަކު ސިޑްސްގެ ލީޑަރުން ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް. އެކަން ހާސިލު ކުރުމަށްޓަކައި ގައުމުތަކުގެ އިގްތިސާދުތައް ޑައިވާސިފައި ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ފަދަ ގައުމުތަކުގެ އިގްތިސާދުތައް ބަރޯސާވެފައި ވަނީ ޓޫރިޒަމާއި މަސްވެރިކަމަށް ކަމަށް ވާއިރު އެއީ ބޭރުން ކުރިމަތިވާ "އެކްސްޓާނަލް ޝޮކްތައް" އައުމުގެ ފުރުސަތު އޮތް ސިނާއަތުތައް ކަމަށެވެ.

ރައީސް މުއިއްޒު، ސިޑްސްގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، ސިޑްސްގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ގައުމުގެ އާމްދަނީގެ ބޮޑު ބައެއް މިވަގުތު ހޭދަކުރަން ޖެހެނީ ދަރަނި އަދާކުރުމަށް. އެހެންވެ، ގައުމުގެ އިގްތިސާދަށް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މަލްޓިލެޓްރަލް ޑިވެލޮޕްމެންޓް ބޭންކް (އެމްޑީބީ) އާއި އިންޓަނޭޝަނަލް ފައިނޭންޝަލް އިންސްޓިޓިއުޓް (އައިއެފްއައި) އާ ގުޅިގެން ކުދި ގައުމުތަކުގެ އިގްތިސާދު ފުޅާވާނެ ގޮތްތައް ހޯދައި، ބްލޫ އަދި ގްރީން ބޮންޑާއި ކޮންސެޝަނަލް ލޯނުތައް ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެފައި އޮތުން މުހިއްމު ކަމަށެވެ.