Roadha Mihaaru
ދަރަނީގެ މައްސަލަ ހައްލުވާހާ ފައިސާ ނުލިބި އެބަހުރި

ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ނުލިބި އެބަހުރި؛ އެއިން ދަރަނީގެ މައްސަލަ ހައްލުވާނެ: ރައީސް

27 ޖުލައި 2024

ދިވެހި ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ އެކަނި ހޯދިޔަސް ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހި ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ނުލިބި އެބަހުރި ކަމަށާއި އެ ފައިސާ އެކަނި ހޯދިޔަސް ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އަތްނުލައި ހުރި ވަރަށް ގިނަ ކަންކަމުގައި އަތްލާން އެބަޖެހޭ ކަމަށާއި ކޮންމެވެސް ސަބަބަކާ ހުރެ އެ ސަރުކާރުތަކުން ފަސޭހަގޮތް ހިޔާރު ކޮށްފައި އެބަހުރި ކަމަށެވެ.

އެއްކަމަށް ރައީސް ފާހަގަކުރެއްވީ ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި މިދިޔަ ސަރުކާރުތަކުން ދޫކޮށްލާފައިވުމެވެ.

"މިއީ ގާނޫނީ ގޮތުން ލިބެންޖެހޭ ފައިސާ، ގާނޫނުތަކުގެ ތެރެއިން ލިބެން ޖެހޭ ފައިސާ. މިގޮތުން ބަލާއިރުގައި، ލޭންޑް ރެންޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި ނުހޯދައި، އެކަމަކު ލިބެންޖެހޭ ފައިސާ، ރައްޔިތުންގެ ފައިސާ،" ރައީސް ވިދާޅުވި އެވެ.

"513 މިލިއަން އެމެރިކާ ޑޮލަރު ނުޙޯދާ."

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން ޑޮލަރާއި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ކުރީގެ ސަރުކާރުތަކުގައި ނުހޯދައި އެބަހުއްޓެވެ.

"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ،" ރައީސް ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރާނަން، އިދާރަކުރެއްވިއްޔާމުން އެ ފައިސާ ހޯދާނަން. މިހާރު އެ މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަން ވެސް ފަށައިފި. ސިޓީ ފޮނުވާލީމާ ފައިސާ ދައްކާ. އެކަމަކާ އުޅުނީމަ ދެއްތޯ ފައިސާ ދޭނީ ވެސް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވެސް މީގެ ތެރެއިން ބައެއް ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ފައިސާ ނުލިބިއްޖެ ނަމަ ކޯޓު މަރުހަލާ އަށް ގޮސްގެން ވެސް އެކަން ކުރައްވާނެ ކަމަށާއި މިފަހަރު ދޫނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ނިޒާމުގެ ތެރެއިން ކުރަން ޖެހިފައި ހުރި ކަންކަން ދޫކޮށް ނުލައި އިސްލާހު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.