Roadha Mihaaru

ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު ހޭދަކޮށްފި

ދައުލަތުގެ ދަރަނި އަދާކުރުމަށް މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކުރި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

ދަރަނި އަދާކުރުމަށް ރިޒާވުން 213 މިލިއަން ޑޮލަރު
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

07 އޯގަސްޓް 2025

ދައުލަތުގެ ދަރަނި އަދާކުރުމަށް މިދިޔަ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވުން 213 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ބޭނުންކުރި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.

މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭ އިން އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދަރަނި އަދާކުރުމަށް މި އަހަރު ހޭދަކުރި އަދަދަކީ މިދިޔަ އަހަރަށް ވުރެ 60 ޕަސެންޓު އިތުރު އަދަދެއް ކަމަށެވެ.

ރިޒާވުގެ އެންމެ ބޮޑު އަދަދެއް ބޭނުންކުރަނީ ތެލާއި ކާޑާއި ބޭހާއި މެޑިކަލް ސާމާނު އެތެރެކުރުމަށްޓަކަށެވެ.

އެމްއެމްއޭ އިން ބުނީ، އެ ހަރަދުތައް ހަމަޖެއްސުމަށް އެސްޓީއޯ އަށް ޖުލައި މަހުގެ ނިޔަލަށް 274 މިލިއަން ޑޮލަރު (4.2 ބިލިއަން ރުފިޔާ) ބޭނުންކޮށްފައިވެ އެވެ.

ރިޒާވަށް ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ލިބެނީ ޓޫރިޒަމްގެ ދާއިރާގެ ޓެކްސް އާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާގެ އާމްދަނީންނެވެ. މި އަހަރުގެ ފުރަތަމަ ހަތް މަހުގައި ސަރުކާރަށް ޓެކްސް އާއި ފީގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ 30 ޕަސެންޓު އިތުރެވެ.

"ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 247.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.

މަރުކަޒީ ބޭންކުން ބުނިގޮތުގައި އަމިއްލަ ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށާއި ކިޔެވުމަށާއި ބޭސްފަރުވާ އާއި ރާއްޖެ އިން ބޭރަށް ދަތުރުކުރާ މީހުންނަށް ދޭ 500 ޑޮލަރާއި އެފަދަ ބޭނުންތަކަށް 217 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.

ޖޫން މަހުގެ ރިޒާވްގައި ހުރީ 832 މިލިއަން ޑޮލަރެވެ. އަދި އެ މަހުގައި ޔޫޒަބަލް ރިޒާވްގައި ހުރީ 202 މިލިއަން ޑޮލަރެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ އަދަދުގެ ތެރެއިން، ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ އަދަދުގެ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 247.2 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ،"---- އެމްއެމްއޭ

އެމްއެމްއޭ އިން ބުނީ 2021 ވަނަ އަހަރުން ފެށިގެން ރިޒާވް ދަށްވަމުން ގޮސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވް 371.2 މިލިއަން ޑޮލަރަށް ދަށްވި ކަމަށެވެ.

އޭގެ ފަހުން ރިޒާވް އިތުރުވާން ފެށީ، ޓެކްސް އާމްދަނީ އިތުރުވުމާއި ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒު ކުރުމާއި ކަރަންސީ ސްވޮޕް ނެގުމުގެ ސަބަބުންނެވެ.

މިދިޔަ ދުވަސްތަކުގައި ރިޒާވް ދަށްވި ބައެއް ސަބަބުތައް

- ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ތެޔޮ އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ހޭދަ އިތުރުވުން. އެގޮތުން، 2017 އިން 2021 އަށް އަހަރަކު ތެލަށް ކުރާ ހަރަދު އެވްރެޖްކޮށް 33 ޕަސެންޓުގައި ހުރި އިރު އެ އަދަދު 2022 އިން 2024 އަށް އެވްރެޖްކޮށް ވަނީ 49 ޕަސެންޓަށް އިތުރުވެފައި.

- ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭރުގެ ދަރަނި އަދާކުރުމަށް އަދި އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭ އިން ވިއްކާ ޑޮލަރު ވަނީ ބޮޑުތަނުން އިތުރުވެފައި.

- މިދިޔަ އަހަރު ތަކުގައި ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ބޮޑުތަނުން އިތުރުވުމުގެ ސަބަބުން ސަރުކާރަށް ބޭރުން ފައިނޭންސިން ހޯދުމަށް ވަނީ ދަތިވެފައި.