Roadha Mihaaru
ރާއްޖެއަށް ފައިދާވާނީ ގައުމުތަކާ ގުޅިގެން: ރައީސް

ރާއްޖެއަށް ފައިދާ ވާނީ އެހެން ގައުމުތަކާ ގާތް ގުޅުމެއް ބާއްވައިގެން: ރައީސް

20 ސެޕްޓެމްބަރ 2024

ރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަގުވާމީ ދުނިޔެ އާއި އެހެން ގައުމުތަކާ ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއަށް އެންމެ ފައިދާ ވާނީ ބައިނަލްއަގުވާމީ ދުނިޔެ އާއި އެހެން ގައުމުތަކާ ގާތް ގުޅުމެއް ބާއްވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް މިރޭ ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަކީ ދުނިޔޭގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެ މަގުން މުހިންމު ގިނަ މަސައްކަތްތަކެއް އދ. ގެ މި ބައްދަލުވުމުގެ ހަވާސާގައި ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ދަތުރުފުޅުގެ އެކި ބައްދަލުވުންތަކުގައި މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއަށް ތަރައްގީ ގެނެވެން އޮތީ ބައިނަލްއަގްވާމީ ގައުމުތަކާ ގުޅުން ބަދަހިކޮށްގެން. އަދި ރާއްޖޭގެ ހާލަތު ރަނގަޅަށް ވަޒަންކޮށްދީ ބުނެދީގެން،" ރައީސް ވިދާޅުވި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ވިދާޅުވީ ރާއްޖެއަށް ފައިދާކުރަނިވި އެކި ކަންތައްތައް ކޮށްދެވިދާނެ ފަރާތްތަކާއި ގިނައިން ބައްދަލު ކުރައްވައި، އެ ފަރާތްތަކާ އެކުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ވަގުތު ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތްގޮތުން އދ. ގައި ރާއްޖޭގެ ފަރާތުން ވާހަކަ ދެއްކުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގެ އެހީގައި ތިމާވެއްޓާއި ޓެކްނޮލޮޖީ އަދި ތަރައްގީގެ ރޮނގުން ރާއްޖެއަށް އެކި ގައުމުތަކާއި ޖަމާއަތްތަކުގެ ފަރާތުން ބޭނުންވާ އެހީތެރިކަން ހޯދުމަށް މަގުފަހިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއީ ރައީސް އެމެރިކާއަށް އަދި އދ. އަށް ވެސް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ އދ. ގެ މެންބަރު ގައުމަކަށް ރާއްޖެ ވިތާ 59 އަހަރު ފުރޭ މުނާސަބަތާ އެވެ. މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި އެމަނިކުފާނު ތަގްރީރު ކުރައްވާނެ އެވެ.

މިއީ، ރާއްޖޭގެ ރައީސަކު އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސްގެ މި ދަތުރުފުޅުގައި އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގެ ފަރާތުން ބާއްވާ "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާއި ރައީސް މުހާތަބު ކުރައްވައި، ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވައިފަ އެވެ.