Roadha Mihaaru
ޓްރަމްޕުގެ ދެ ދަރިކަލުންގެ ޗުއްޓީ ރާއްޖޭގައި

ޓްރަމްޕުގެ ދެ ދަރިކަލުންގެ ޗުއްޓީ ރާއްޖޭގައި

17 ފެބުރުއަރީ 2017

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެ ދަރިކަލުން ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރައްވަމުން އެބަ ގެންދަވަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދެ ދަރިކަލުން ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރައްވަމުން އެބަ ގެންދަވަ އެވެ.

ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އާއި އެރިކް ރާއްޖެ ވަޑައިގަތީ މިދިޔަ އަންގަރާ ދުވަހެވެ. ރާއްޖެ އިން ފުރާވަޑައިގަތުމަށް ނިންމަވާފައި ވަނީ މިއަދު ހަވީރެވެ.

ދެބެއިންގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނަނީ، އެނގިފައިވާ ގޮތުގައި، އެމްއެންޑީއެފުންނެވެ.

އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ހަވާލުވެވަޑައިގަތުމާ ގުޅިގެން ޓްރަމްޕުގެ ވިޔަފާރި ހިންގެވުމުގައި އެންމެ އިސްކޮށް މިހާރު އުޅުއްވަނީ މި ދެ ބޭފުޅުންނެވެ.

ޓްރަމްޕް އޮގަނައިޒޭޝަނުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުގެ މަގާމު އަދާކުރައްވާ ޓްރަމްޕް ޖޫނިިއާ ބަލަހައްޓަވަމުން ގެންދަވަނީ ކުންފުނީގެ ކޮމާޝަލް ލީޒިން އޮޕަރޭޝަންސްތަކެވެ. ޓްރަމްޕް އޮގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އެރިކް ގެންދަވަނީ އެމެރިކާ އާއި އެމެރިކާ އިން ބޭރުގައި ކުންފުނީގެ ރިއަލް އެސްޓޭޓް މަސައްކަތްތައް ބަލަހައްޓަވަމުންނެވެ.

އެކަމަކު އާއިލާގެ ބޭފުޅުންނާ ވިޔަފާރި ހަވާލުކުރުމުން، އެމެރިކާގެ ވެރިންގެ އެތިކްސްއާ ބެހޭ ތަޖުރިބާކާރުންގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ބައެއް ތަޖުރިބާކާރުން ގަބޫލުކުރަނީ އެންމެ ރަނގަޅުވާނީ އާއިލާއާ ގުޅުމެއް ނެތް މުޅިން މިނިވަން ބައެއްގެ ބެލުމުގެ ދަށުން ޓްރަމްޕްގެ ވިޔަފާރި، އޭނާގެ ރައީސްކަމުގެ ދައުރުގައި، ކުރިއަށް ގެންދިއުން ކަމަށެވެ.

ޓްރަމްޕަކީ އަމިއްލަ މާލީ ބަޔާން ހާމަނުކުރައްވާ އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ބޭފުޅެވެ.