Roadha Mihaaru
ގެއްލުނު ޓޫރިސްޓް ވަގަށްނެގީކަމަށް ބުނެ ބޮޑު ތުހުމަތެއް

ރާއްޖޭގައި ގެއްލުނު ޓޫރިސްޓު "ވަގަށް ނެގީ" ކަމަށް ބުނެ ބޮޑު ތުހުމަތެއް

24 ފެބުރުއަރީ 2021

ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ގެއްލުނު ޓޫރިސްޓު މޫދަށް ގެއްލޭނެ ސަބަބެއް ނޯންނާނެ ކަމަށާއި ބަޔަކު އޭނާ ވަގަށް ނެގީ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ގެއްލުނު ޓޫރިސްޓު މޫދަށް ގެއްލޭނެ ސަބަބެއް ނޯންނާނެ ކަމަށާއި ބަޔަކު އޭނާ ވަގަށް ނެގީ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފި އެވެ.

ގެއްލުނު މީހާގެ އެކުވެރިންނާ ހަވާލާދީ ޔުނައިޓެޑް އަަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚަލީޖް ޓައިމްސް ނޫހުން ބުނީ މާމުނަގައު ރިސޯޓުން ގެއްލުނީ އެ ގައުމުގައި ދިރިއުޅޭ ޕަރްމާރް ގޫރްޝަރަންޖީތު ސިންގް ނަމަކަށް ކިޔާ މީހެއްގެ އަންހެނުން ގިއެޑްރީ ވަސްކައިޓް، 33، ކަމަށެވެ. ގެއްލުނު އިރު ވަސްކައިޓް އިނީ ބަލިވެ ކަމަށާއި އޭނާގެ ބަނޑަށް އަށް މަސް ކަމަށް ވެސް ފިރިމީހާއާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

އެ ނޫހަށް އޭނާ ބުނެފައި އޮތީ އަންހެނުން ގެއްލުނީ އަޖައިބު ގޮތަކަށް ކަމަށެވެ.

"މެންދުރު ފަހު 3:30 ހާއިރު ދެ މީހުން ޕޫލްގައި އަރާމުކޮށްލަން ތިބުމަށް ފަހު ވަސްކައިޓް ބުނީ މޫދުގައި ފަތާލާފައި އެބަ އަންނަމޭ،" މި މަހުގެ 12 ވަނަ ދުވަހު ރިސޯޓަށް ދިޔަ ސިންގް ބުނެފައިވެ އެވެ. "ދެން އަހަރެން ޕޫލް ސައިޑްގައި ހުރި އަހަރެމެން ތިބި ވިލާ އަށް ގޮސް ނިދާލީ. އަހަރެން 6:30 ގައި ހޭލި އިރު ވެސް އަންހެނުން ނާދޭ. ދެން ރިސެޕްޝަނަށް ގުޅައި އެކަން އެންގީ. އޭނާ ފެނުނު އެއްވެސް މީހަކާ ދިމައެއް ނުވި."

އޭނާ ބުނީ އަންހެނުނަށް ވީ ކިހިނެއްކަން ބުނެދިނުމުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތައް ފެއިލްވެފައިވާ ކަމަށާއި މިހާރު އޭނާ ހޯދުން ވެސް ހުއްޓާލާފައިވާ ކަމަށެވެ. އެކަން ބަލައިނުގަނެވޭނެ ކަމަށް ބޭނުންވަނީ މިކަން ހިނގި ގޮތެއް އެނގެން ކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާގެ އާއިލާގެ ގާތް ރައްޓެއްސަކާ ހަވާލާދީ އެ ނޫހުގެ އަންޖަނާ ސަންކަރު ނަމަަކަށް ކިޔާ ނޫސްވެރިއަކު ލިއުނު އެ ޚަބަރުގައި ބުނީ ވަސްކައިޓް އަކީ މޮޅު ފެތުންތެރިއެއް ކަމަށާއި ރާއްޖޭގެ ތިލަ ސަރަހައްދަކަށް އޭނާ ގެނބިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އެހެންވެ އޭނާއާ ބެހޭ މައުލޫމާތެއް ދީ، އޭނާ ހޯދަން އެހީތެެރިވާ މީހަކަށް އެއް ލައްކަ ޑޮލަރު ދޭނެ ކަމަށް ވެސް އުދޭ ސިންގް ނަމަކަށް ކިޔާ އެ މީހާއާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

އަންހެންމީހާ ގެނބިގެން މަރުވާނެ ކަމަށް ގަބޫލުނުކޮށް، އުދޭ ދެއްކި ވާހަކައިގައި ރާއްޖެއާ ބެހޭ ގޮތުން ބޮޑު ދޮގެއް ހަދާފައި އޮތް ނަމަވެސް ޚަލީޖް ޓައިމްސް އިން އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ، އޭނާ ކުރި ތުހުމަތު އެގޮތަށް ޚަބަރުގައި ހިމަނާފައި އެބަ އޮތެވެ.

"އަހަރެމެން ގަބޫލުކުރަނީ ކަނޑުފޭރޭ މީހުން އޭނާ ވަގަށް ނެގީކަމަށް، ނުވަތަ އޭނާ ކިޑްނެޕްކުރީ ކަމަށް. އެއީ ދިވެހިރާއްޖޭގައި އާއްމު ކަމެއް. އޭނާއާ ބެހޭ މައުލޫމާތެއް ދޭ މީހަކަށް ނުވަތަ އޭނާ ހޯދަން އެހީތެރިވެދޭ މީހަކަށް އިނާމެއްގެ ގޮތުގައި 100،000 ޑޮލަރު ދޭން އަހަރެމެން މި ހުށަހަޅަނީ،" ޚަލީޖް ޓައިމްސްގެ ޚަބަރުގައި ބުންޏެވެ.

އަންހެން މީހާ ގެއްލުނު ހާދިސާއާ ބެހޭ ގޮތުން ދިވެހި ފުލުހުން އެ ނޫހަށް ބުނެފައި އޮތީ އޭނާ މޫދަށް ގެނބިގެން ގެއްލުނީ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ނޫން ގޮތަކަށް ވިސްނާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ގޫރްޝަރަންޖީތު ސިންގަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ޔޫއޭއީގެ ނޫހުގެ ޚަބަރަކުން ނޭނގެ އެވެ. އެ ޚަބަރުގައި ބުނެފައި އޮތީ އެއީ ކެނެޑާ އާއި ޔޫއޭއީގައި ވެސް ވިޔަފާރިކުރާ މީހެއް ކަމަށެވެ.

އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި ގެއްލުނު ޓޫރިސްޓް ހޯދަން 54 އަކަނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލައިފަ އެވެ. އަދި ޑައިވްކޮށްގެން ވެސް 138،000 އަކަމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހޯދާފައިވާ ކަމަށް ވެސް ބުންޏެވެ. މި މަސައްކަތުގައި ކޯސްޓް ގާޑުގެ ކަނޑުމަތީ އުޅަނދުތަކާއި މަތިންދާބޯޓު ވެސް ބޭނުންކުރި އެވެ.