Roadha Mihaaru
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި

ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި

05 މެއި 2024

އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ރާއްޖޭގައި ތަމްރީނުތަކެއް މިއަދު ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ރާއްޖޭގައި ތަމްރީނުތަކެއް މިއަދު ފަށައިފި އެވެ.

ދިވެހި ސިފައިންނާއި މޮންޓާނާ ނޭޝަނަލް ގާޑުގެ ގުޅުން ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ގަ އެވެ. އޭގެ ފަހުން މޮންޓާނާ ނޭޝަނަލް ގާޑުގެ މި ތަމްރީނުތައް ރާއްޖޭގައި އަންނަނީ ބާއްވަމުންނެވެ.

އެމްއެންޑީއެފުން މިއަދު ބުނީ "ބްލެކް މާލިން" ގެ ހަތަރު ވަނަ އެޑިޝަން މިއަދުން ފެށިގެން މި މަހުގެ 28 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ތެރެއިން ބައެއް ތަމްރީނުތައް ލ. ކައްދޫގައި ވެސް ބާއްވާނެ އެވެ.

އެ ތަމްރީނުތަކުގެ ތެރޭގައި އިންޓެލިޖަންސާއި ލޮޖިސްޓިކްސް އާއި މެޑިކަލް އާއި އީއޯޑީ އަދި އިންފެންޓްރީއާއާ ގުޅުން ހުރި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގައި މިއަދު ފެށި އެމެރިކާ އާއި ދިވެހި ސިފައިންގެ ތަމްރީނުތަކުގައި ބައިވެރިވާ ބައެއް ސިފައިން.---ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގައި މިއަދު ފެށި އެމެރިކާ އާއި ދިވެހި ސިފައިންގެ ތަމްރީނުތަކުގައި ބައިވެރިވާ ބައެއް ސިފައިން.---ފޮޓޯ: އެމްއެންޑީއެފް

އެ ތަމްރީން ފެށުމަށް މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އެމެރިކާގެ ހުންނަވާ ސަފީރު ހިއުގޯ ޔޮންއާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ އާއި މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަ ޖެނެރަލް ޕީޓަ ރޮނެކް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާނާއި މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަ ޖެނެރަލް ޕީޓަ ރޮނެކް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ

ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާނާއި މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަ ޖެނެރަލް ޕީޓަ ރޮނެކް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ

މި ތަމްރީނުތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މޭޖަ ޖެނެރަލް ޕީޓަ ރޮނެކް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ވެސް މިއަދު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހި ސިފައިންނާއި މޮންޓާނާ ނޭޝަނަލް ގާޑާ ދެމެދު މިހާރު އޮތް ގުޅުމާ ބެހޭ ގޮތުން އަދި ދިފާއީ ދާއިރާ އިން ދެ ގައުމުން އިތުރަށް ކުރިއަށް ގެންދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.