Roadha Mihaaru
ސަލާމަތީ މަޖިލީހުގައި ރައީސަކު އަލަށް ތަގްރީރުކުރައްވަނީ

އދ. ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަގްރީރު ކުރައްވަނީ

19 ސެޕްޓެމްބަރ 2024

އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ އދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަގްރީރު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ އދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަގްރީރު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އދ. ގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް ރައީސް ފުރާވަޑައިގަންނަވާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމުގެ އިތުރުން ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި އެމަނިކުފާނު ތަގްރީރު ކުރައްވާނެ ކަމަށެވެ.

"ރައީސްގެ މި ދަތުރުފުޅުގައި އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާނެ އަދި ޔޫއެން ސެކިއުރިޓީ ކައުންސިލް [ސަލާމަތީ މަޖިލިސް]ގެ ހާއްސަ އޯޕެނިން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ،" ހީނާ ވިދާޅުވި އެވެ.

"މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު." ހީނާ ވިދާޅުވި އެވެ.

މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އާންމު މަޖިލީހުގެ އޯޕެން ޑިބޭޓެއް މި މަހު 25 ގައި ބާއްވަ އެވެ. އެއީ "ލީޑާޝިޕް ފޯ ޕީސް"ގެ ނަމުގައި ބާއްވާ ގައުމުތަކުގައި އަމަންއަމާންކަމާއި ސުލްހަވެރިކަމާ ގުޅޭގޮތުން ގައުމުތަކުގެ ވެރިންގެ މެދުގައި ބަހުސް ކުރުމަށް ބާއްވާ ސެޝަނެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި އދ. އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގެ ފަރާތުން ބާއްވާ "ދަ ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އޭން އިންޓެލިޖެންސް ޑްރިވެން ފިއުޗާ ފޯ މޯލްޑިވްސް"ގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ ދަރިވަރުންނާ މުހާތަބު ކުރައްވާ ތަގުރީރު ކުރައްވާ ގޮތަށް ވެސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އދ. ގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ އެންމެ ބޮޑު ފަސް ބާރު ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސް ހިމެނޭ ގޮތަށް އޮންނަ ކައުންސިލެކެވެ. އެ ކައުންސިލްގެ ވަގުތީ މެމްބަރުންގެ ގޮތުގައި އެކި ގައުމުތައް އިންތިހާބު ކުރެ އެވެ. ރާއްޖެއަކީ އެ ކައުންސިލްގެ މެމްބަރެއް ކަމަށް ނުވިޔަސް، މެމްބަރު ނޫން ގައުމުތަކަށް ވެސް އެ ކައުންސިލްގެ އާންމު ބަހުސްތަކުގައި ތަގްރީރު ކުރުމުގެ ފުރުސަތު އޮވެ އެވެ.