ސަރުކާރު މަސް ކުންފުނި، މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަތުމަށް ކަނޑައަޅާފައިވާ ރޭޓް އުވާލައި ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަތުމަށް ނިންމައިފި އެވެ.
30 ޖޫން 2024
ސަރުކާރު މަސް ކުންފުނި، މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަތުމަށް ކަނޑައަޅާފައިވާ ރޭޓް އުވާލައި ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގުގައި މަސް ގަތުމަށް ނިންމައިފި އެވެ.
މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށް ފަހު ލިބޭ އާމްދަނީ އަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާ އާއި މަސް ގަނެ ޕްރޮސެސްކޮށް ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރު ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައި ވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި މިހާރު މަސް ކިލޯއެއްގެ އަގު އުޅެނީ 18-20 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.
މިފްކޯ އިން ބުނީ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އެ ކުންފުންޏަށް ލިބޭ އާމްދަނީން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު މިފްކޯ އިން ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފަ އެވެ.
އެގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓު ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް މިފްކޯ އިން ބުންޏެވެ.
އެހެންވެ އެކަމަށް ހައްލެއް ހޯދައި މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމް ހަމަޖައްސަން މާދަމާ އިން ފެށިގެން މިފްކޯ އިން މަސްވެރިން އަތުން މަސްގަންނަމުން ދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށް މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނެ ހަރަދުތަކަށް ބަލައިގެން ކަމަށް މިފްކޯ އިން ބުންޏެވެ.
އަދި އެގޮތަށް ކަނޑައަޅާ އަގެއް ކޮންމެ ހަފްތާއަކު އެ ކުންފުނިން އާންމުކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެ މިފްކޯ އިން ބުންޏެވެ.
މީގެ އިތުރުން މިފްކޯގެ ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯ އިން މިހާތަނަށް މަސް ގަންނަމުން އައީ ބާޒާރުގައި ވިއްކާ އަގަށް ނުބަލައި ސަރުކާރުން ކަނޑައަޅާ އަގަކަށެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު 25ރ. އަށް ބޮޑު ކޮށްފަ އެވެ. އަދި މި ސަރުކާރުން ވަނީ އެ އަދަދު 20ރ. އަށް ކުޑަކޮށްފަ އެވެ.
އަގު ކުޑަ ކުރުމުން ވެސް މަސްވެރިންނަށް ފައިސާ ދެވެނީ ސަރުކާރުން ބޮޑު ސަބްސިޑީއެއް ދީގެންނެވެ. ކޮންމެ އަހަރަަކު ގާތްގަނޑަކަށް މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅަ އެވެ.
މަހުގެ އަގު ބާޒާރާ އެއްވަރަށް ކުޑަ ކުރުމަށް ކަމާ ގުޅޭ ތަޖުރިބާކާރުން ގޮވާލި ނަމަވެސް އެކަން ނުކުރާތީ ގިނަ ފަހަރަށް މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ދިނުން ލަސްވެ އެވެ. އެ މައްސަލާގައި މި ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް މަސްވެރިން ވަނީ ވަރަށް ގިނަ މުޒާހަރާތައް ކޮށްފަ އެވެ.
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
މަސްވެރިންނަށް 66 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
މި ހަފުތާގައި މަސްވެރިންނަށް 46 މިލިއަން ޖަމާކުރަނީ
"މަސްވެރިންގެ ވައުދުތައް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން"
މަސްވެރިންގެ 80 މިލިއަން މި ހަފުތާގައި ދޭން ފަށަނީ
މިފްކޯ ބޯޑުގައި މަސްވެރިން ހިމަނަން ރައީސް ނިންމަވައިފި
ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖު އަވަހަށް ނިންމަން ގޮވާލައިފި
ކޭޑު އާއި ޝާފިއު މަގާމުން އިސްތިއުފާ ދެއްވައިފި
އައިސްޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލުކޮށްފި