Roadha Mihaaru
މި ހަފުތާގައި މަސްވެރިންނަށް 46 މިލިއަން ޖަމާކުރަނީ

މި ހަފުތާ ނިމުމުގެ ކުރިން މަސްވެރިންނަށް 46 މިލިއަން ޖަމާކުރަނީ

13 ޖޫން 2024

މި ހަފުތާ ނިމުމުގެ ކުރިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ޖަމާ ކުރާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ހަފުތާ ނިމުމުގެ ކުރިން މަސްވެރިންނަށް 46 މިލިއަން ރުފިޔާ ޖަމާ ކުރާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

މިދިޔަ ދޮޅު މަސް ތެރޭގައި މިފްކޯ އަށް ކިރުވި މަހަށް މަސްވެރިންނަށް ފައިސާ ނުލިބި އޮތް މައްސަލާގައި މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެބައޮތެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން މިފްކޯގެ މީޑިއާ އޮފިޝަލު އިބްރާހިމް ސައީދު ވިދާޅުވި ގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އެއްބައި މި ހަފުތާ ނިމުމުގެ ކުރިން ޖަމާ ކުރާނެ އެވެ.

"މި ހަފުތާ ނިމޭ އިރު ދެބައިކުޅަ އެއްބައި ކްލިއާ ކުރާނަން. 46 މިލިއަން މިވަގުތަށް ހަމަޖައްސަނީ،" އޭނާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އަންނަ ހަފުތާ އިން ފެށިގެން މަސްވެރިންނަށް ނުދެވި އޮތް ބާކީބައި ޖަމާ ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ވީހާވެސް އެވަހަށް އެ ފައިސާ ވެސް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާ ކުރުމަށެވެ.

އެހެން ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް އެފަދަ ވައުދުތައް ފުއްދަން އުނދަގޫ ވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ މަސްވެރިންނަށް ނުދީ އޮތެވެ. ފުރަތަމަ ހަ މަސް ދުވަސް ނުނިމެނީސް 850 މިލިއަނަށް ވުރެން ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.