Roadha Mihaaru
ވޯލްޑްކަޕްގެ ނިޔަލަށް ލަފުއެންޓޭއަށް މަގާމުގެ ޔަގީންެކަން

ޔޫރޯގެ ކުރިން ސްޕޭނުގެ ކޯޗަށް ހަދިޔާއެއް، ވޯލްޑް ކަޕްގެ ނިޔަލަށް މަގާމުގެ ޔަގީންކަން

05 ޖޫން 2024

މެޑްރިޑް (ޖޫން 5) – ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ސްޕޭންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ އެއްބަސްވުން، އިތުރު ދެ އަހަރަށް ދެމެހެއްޓައިފި އެވެ.

މެޑްރިޑް (ޖޫން 5) – ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ސްޕޭންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭގެ އެއްބަސްވުން، އިތުރު ދެ އަހަރަށް ދެމެހެއްޓައިފި އެވެ.

ސްޕޭންގެ ކޯޗުކަމާ ޑިސެމްބަރު 2022 ގައި ހަވާލުވި ލަ ލަ ފުއެންޓޭއާ އެކު ސްޕޭނުން އޭރު ހެދި އެއްބަސްވުން، ޔޫރޯ އަށް ފަހު ހަމަވާނެ އެވެ.

މުބާރާތުގެ ކުރިން އޭނާގެ އެއްބަސްވުން އާކޮށް، 2026 ގެ ވޯލްޑް ކަޕްގެ ނިޔަލަށް އޭނާ މަގާމުގައި ބަހައްޓަން ވަނީ ނިންމާފަ އެވެ.

ސްޕޭނަށް ޔޫރޯގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު ވަނީ ގައުމީ ޓީމުގެ ކުޅުމުގެ ސްޓައިލަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ. ކުރު ޕާސްތަކެއް ޖަހައިގެން ހަމަލާ އުފައްދާ ޓީމުގެ ސްޓައިލަށް އޭނާ ގެނައި ބަދަލާ އެކު ހުރަސް ނަގައިދީގެން އަދި ކައުންޓަ ފުރުސަތުތަކުގައި ވެސް ގޯލް ޖަހައިގެން ކުޅޭނެ އެވެ. ކުރިން މިޑްފީލްޑްގެ ދައުރު ބޮޑު ޓީމުގައި ފައުންޓޭ އިސްކަން ދިނީ ސެންޓަ ފޯވާޑްގެ ދައުރަށެވެ. އެކަމަކު ސްޕޭންގެ ރަސްމީ ސްޓައިލް، ޕާސިން ގޭމް އެއްކޮށް ގެއްލިގެން ނުދާނެގޮތަށް އޭނާ ވަނީ ބަދަލު ގެނެސްފަ އެވެ.

އެތުލެޓިކް ބިލްބާއޯގެ ކުރީ ކޯޗަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި އިސްކަންދޭ ކޯޗެކެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ސްޕޭނުން ވަނީ 2023 ގެ ނޭޝަން ލީގު ކާމިޔާބުކޮށްފަ އެވެ.

ސްޕޭންގެ ރޯޔަލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ފުއެންޓޭ އާއި އޭނާގެ ކޯޗިން ޓީމުގެ އެއްބަސްވުންތައް ވެސް އާ ކޮށްފައިވާނެ ކަމަށެވެ.

އެއްބަސްވުން އާ ކުރަން ނިންމީ ޔޫރޯ ކައިރިވުމުން ނޫން ކަމަށާއި ފެބްރުއަރީ މަހު އެގޮތަށް ނިންމައި ވާހަކަތައް ކުރިއަށްގެންދިޔަކަމަށް ސްޕޭންގެ ފެޑެރޭޝަނުން ބުންޏެވެ.

މި މަހު 14 ވަނަ ދުވަހުގެ ރޭ ފަށާ ޔޫރޯގައި ސްޕޭންގެ ފުރަތަމަ މެޗުގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ 15 ވަނަ ދުވަހުގެ ރޭ ރާއްޖޭގަޑިން ނުވައެއް ޖަހާއިރު އެވެ.