Roadha Mihaaru

އެފްއޭއެމުން ބަލަހައްޓާ ދަނޑު ގޮނޑަކަށް، މުސާރަ ނުދޭތީ ސާފުކުރާ މުވައްޒަފު މަސައްކަތަށް ނުނިކުމޭ

މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ބަލަހައްޓާ ދަނޑު ސަރަހައްދުގައި ކުނި ގިނަވެ ގޮނޑަކަށް ވެއްޖެ އެވެ.

އެފްއޭއެމުން ބަލަހައްޓާ ދަނޑު ގޮނޑަކަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

29 އެޕްރީލް 2024

މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ބަލަހައްޓާ ދަނޑު ސަރަހައްދުގައި ކުނި ގިނަވެ ގޮނޑަކަށް ވެއްޖެ އެވެ.

ދަނޑު ސާފު ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ސާފުކުރާ މުވައްޒަފަށް މުސާރަ ނުދޭތީ އޭނާ މަސައްކަތަކަށް ނުނިކުމެ އެވެ. އޭނާ އަށް މުސާރަ ނުދޭތާ ތިން މަސް ވެއްޖެ އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރިފް ވަނީ، މުވައްޒަފަށް ގަވާއިދުން މުސާރަ ނުދެވޭ ކަމަށް އެއްބަސް ވެފަ އެވެ.

އޭނާ ވިދާޅުވީ މި އަންނަ މަހު އޭނާގެ މުސާރައިގެ ތެރެއިން ބައެއް އަދާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެތަނުގައި ކުނި ގިނަވުމުގެ ސަބަބުން އޭގެ އުނދަގޫ ދަނޑު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފްއޭއެމްގެ މެނޭޖުމެންޓްގައި ވެސް އެކަމާ ކަންބޮޑުވެ ވާހަކަ އޮތީ ދެކެވިފަ،" ޖައުޝަން ވިދާޅުވި އެވެ.

"[ސްޕޯޓްސް] މިނިސްޓްރީގެ ބޭފުޅަކާ ވެސް އަޅުގަނޑު ވާހަކަ ދެއްކިން. އަޅުގަނޑު ދަންނަވާފަ އޮންނާނީ މިކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތައް ލިޔުމުން ފޮނުވާނަމޭ."

އޭނާ ވިދާޅުވީ އާ ފުޓްބޯޅަ ސީޒަން ފެށެންވާއިރަށް އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. އާ ސީޒަން ފަށާނެ ދުވަހެއް ނޭނގެ އެވެ. ދަނޑުގައި މިހާރު ޕްރެކްޓިސް ކުރަނީ އެއްވަނަ ޑިވިޝަނުގެ އެކަޑަމީތަކުގެ ކުދިންނެވެ.

މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި އެކަޑަމީއެއްގެ ކޯޗަކު ބުނީ ހާލަތު ގޯސްކޮށް އޮތީ ދަނޑުގެ ކޮމްޕައުންޑް އެކަނި ނޫން ކަމަށެވެ.

"ދަނޑުގެ ވިނަގަނޑުގެ ހާލަތު ވެސް އޮތީ ގޯސްކޮށް، ވިނގަނޑުގައި ވެސް ފުޅީގެ އުނގުރި ފަދަ ތަކެތި ވަރަށް ގިނައިން އެބަހުރި. ބޫޓަށް އަރައިގެން ކުޅުނަސް އެއިން އެއްޗެއްގެ މައްޗަށް އެރިއްޖެއްޔާ ކުއްޖެގެ ފަޔަށް ގެއްލުމެއް ވެދާނެކަމުގެ ބިރު އެބައޮތް،" އޭނާ ބުންޏެވެ.

އެ ދަނޑަކީ ވަރަށް ގިނަ ކުޑަކުދިން ވެސް ކުޅެން ދާ ދަނޑެކެވެ. ބެލެނިވެރިޔަކު ބުނީ، ދުވާ ނުބައި ވަހުން ވެސް ކެތްވާ ވަރު ނުވާ ކަމަށެވެ.

"އަނެއްކާ އެހާ ބަލި ގިނަ ދުވަސްކޮޅެއް މިއީ،" އޭނާ ބުންޏެވެ.