Roadha Mihaaru

ފުޓުބޯޅަ ސްކޫލްގެ ބިމާއި ގުދަންބަރި ހެދުމުގެ މައްސަލާގައި ވަރުގަދަ ފިޔަވަޅުތަކެއް!

ފުޓްބޯޅަ ސްކޫލެއް ހަދަން ހުޅުމާލެ އިން އެފްއޭއެމަށް ކުރިން ދިން ބިމާ ގުޅޭ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަ ޖެނެރަލްގެ އެހީ އަށް އެދުމުގެ އިތުރުން މާފަންނު ސްޓޭޑިއަމްގައި ގުދަންބަރިތައް ހެދި މައްސަލާގައި ވެސް ފިޔަވަޅުތަކެއް އަޅަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

މައްސަލަތައް ހައްލު ކުރަން ވަރުގަދަ ފިޔަވަޅުތަކެއް!
ހުސެއިން ހަބީބް
ހުސެއިން ހަބީބް

06 އޯގަސްޓް 2025

ފުޓްބޯޅަ ސްކޫލެއް ހަދަން ހުޅުމާލެ އިން އެފްއޭއެމަށް ކުރިން ދިން ބިމާ ގުޅޭ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަ ޖެނެރަލްގެ އެހީ އަށް އެދުމުގެ އިތުރުން މާފަންނު ސްޓޭޑިއަމްގައި ގުދަންބަރިތައް ހެދި މައްސަލާގައި ވެސް ފިޔަވަޅުތަކެއް އަޅަން އެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ރޭ ބޭއްވި އެފްއޭއެމްގެ އެސްކޯ ބައްދަލުވުމުގައި ވަނީ ހުޅުމާލޭގެ ބިމާއި މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ހަދައިފައިވާ ގުދަންތަކުގެ މައްސަލައިގައި ފިޔަވަޅުތަކެއް އަޅަން ފާސްކޮށްފަ އެވެ.

އެ ބައްދަލުވުމުގެ ނިންމުންތަކާ ގުޅޭ ގޮތުން މީޑިއާއާ ހިއްސާކުރި ބަޔާނުގައި އެފްއޭއެމުން ބުނީ ފުޓްބޯޅަ ސްކޫލެއް ހަދަން ހުޅުމާލެއިން ދިން ބިމުގައި އެކަން ނުކޮށް، އުސޫލުތަކާ ހިލާފަށް ވަރަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެއްވެސް ކުއްޔަށް ދައްކަން ނުޖެހޭ ގޮތަށް އެފްއޭއެމަށް ހުޅުމާލެ 1 އިން ބިމެއް ދިނީ ހިލޭ ސާބަހަށް އިޖުތިމާއީ މަޝްރޫއެއް ހިންގާތީ އެވެ.

އެކަމަކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ބިން މެދުވެރިކޮށް ވިޔަފާރި ކުރަން އެފްއޭއެމް ބޭނުންވުމުން، ބިމުގެ ކުލި ދައްކަންޖެހޭ ގޮތަށް ވިޔަފާރި އުސޫލުން ބިން ބޭނުން ކުރުމުގެ ހުއްދަ ދީ، އެޗްޑީސީން ބިމުގެ އެއްބަސްވުން ބަދަލުކޮށް ދިނެވެ. ނަމަވެސް އެފްއޭއެމުން ކުލި ނުދައްކާތީ އެޗްޑީސީން މިދިޔަ އަހަރު އެ ބިން އަތުލީ އެވެ.

ފުޓްބޯޅަ ސްކޫލްގެ ބިމުގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ހަދާފައިވާ އެކޮމެޑޭޝަން ބްލޮކް: ފުޓްބޯޅަ އެކަޑަމީއާ ގުޅޭ އެއްވެސް އެހެން މަސައްކަތެއް އެ ބިމުގައި ކޮށްފައެއް ނުވޭ

ފުޓްބޯޅަ ސްކޫލްގެ ބިމުގައި އެފްއޭއެމްގެ ކުރީގެ ލީޑާޝިޕުން ހަދާފައިވާ އެކޮމެޑޭޝަން ބްލޮކް: ފުޓްބޯޅަ އެކަޑަމީއާ ގުޅޭ އެއްވެސް އެހެން މަސައްކަތެއް އެ ބިމުގައި ކޮށްފައެއް ނުވޭ

މިދިޔަ އެއް އަހަރުގެ ތެރޭގައި އެފްއޭއެމް ހިންގި ނޯމަލައިޒޭޝަން ކޮމިޓީން ހުޅުމާލޭގެ ބިމުގެ މައްސަލައިގައި މިދިޔަ މަހު އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ އެ ބިން ވިޔާފާރީގެ ގޮތުގައި އެކި ފަރާތްތަކަށް ކުއްޔަށް ދީފައި ވަނީ އަކަފޫޓަކަށް ޖެހޭ ވަރަށް ވުރެ ވެސް ކުޑަ އަގަކަށް ކަމަށެވެ. އަދި ބައެއް ކުންފުނިތަށް ދޫކޮށްފައިވާ ބިންތަކުން ދިގު މުއްދަތަކަށް ޖެހޭ ކުލީގެ ފައިސާ އެޑްވާންސްކޮށް ވެސް އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލުގެ ދައުރުގައި ނަގާފައިވާ ކަމަށް ވެސް ނޯމަލައިޒޭޝަން ކޮމިޓީން ނެރުނު ބަޔާނުގައި އޭރު ބުނެފައި ވެ އެވެ. އެކަމަކު އެ ފައިސާ އެފްއޭއެމަށް ވަދެފައި ނުވާ ކަމަށް ވެސް އެ ކޮމިޓީން ފާހަގަކޮށްފައި ވެ އެވެ.

މިދިޔަ މަހުގެ 26 ގައި ބޭއްވި އިންތިހާބުގައި އެފްއޭއެމްގެ ރައީސްކަމަށް ވަޑައިގެންނެވި އަހްމަދު ތޯރިގް (ޓޮމް) ގެ އެކްސްކޯގެ ދެވަނަ ބައްދަލުވުމުގައި ރޭ ނިންމީ ހުޅުމާލޭގެ ބިމާ ގުޅޭ އެ މައްސަލަތަކުގައި ހާއްސަ އޮޑިޓެއް ކުރުމަށެވެ. އަދި އެ އޮޑިޓް ކުރުމުގައި އޮޑިޓަ ޖެނެރަލްގެ އެހީ އަށް ހޯދަން ވެސް އެކްސްކޯ އިން ނިންމި އެވެ.

ހުޅުމާލޭ ބިމާއި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ހަދާފައިވާ އެފްއޭއެމްގެ އިމާރާތް (މިހާރު ގުދަން ބަރިތަކެއް) ހަދާފައިވާ ތަން ކުއްޔަށް ދިން ކުންފުނިތަކާ އެކު، ހެދި ކަމަށް ބެލެވޭ އެއްބަސްވުންތައް އެފްއޭއެމްގައި ނެތް ކަމަށް ވެސް އެ އެސޯސިއޭޝަނުން އާންމު ކުރި ބަޔާނުގައި ބުންޏެވެ.

މާފަންނު ސްޓޭޑިއަމްގެ ހަދާފައިވާ އެފްއޭއެމްގެ އިމާރާތް: ފުޓްބޯޅައިގެ މަޝްރޫއެއް ހިންގުމަށް ހަދަން ފެށި މި އިމާރާތް ބޭނުން ކުރަނީ ގުދަންތަކެއްގެ ގޮތުގައި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މާފަންނު ސްޓޭޑިއަމްގެ ހަދާފައިވާ އެފްއޭއެމްގެ އިމާރާތް: ފުޓްބޯޅައިގެ މަޝްރޫއެއް ހިންގުމަށް ހަދަން ފެށި މި އިމާރާތް ބޭނުން ކުރަނީ ގުދަންތަކެއްގެ ގޮތުގައި --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

Football ge tharaggee ah feshi mashroouthah haraabuve gudhankoffai

Football ge tharaggee ah feshi mashroouthah haraabuve gudhankoffai

The most trusted news source in the Maldives

Mihaaru

ފުޓުބޯޅައިގެ ތަރައްގީ އަށް ފެށި މަޝްރޫއުތައް ޚަރާބުވެ "ގުދަންކޮށްފައި"

އެހެންވެ އެކްސްކޯއިން ނިންމީ ހުޅުމާލޭ ބިމާއި މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ގުދަންބަރި ކުއްޔަށް ދީފައިވާ ކުންފުނިތަކާ އެކު، ހެދި ކަމަށް ބެލެވޭ އެއްބަސްވުންތަކުގެ ކޮޕީތައް އެފްއޭއެމަށް ހޯދަން އާންމު އިއުލާނެއް ކުރުމަށެވެ.

މާފަނުން ސްޓޭޑިއަމްގައި ހަދަމުންދާ އެ އިމާރާތަށް އިތުރު ބަދަލެއް ނުވަތަ އެ ސަރަހައްދުގައި ވަގުތީ ގޮތުން ވެސް އިމާރާތެއް ހެދުން ފަދަ މަސައްކަތެއް ނުކުރުމަށް ވެސް އާންމުކޮށް އިއުލާން ކުރުމުގެ އިތުރަށް އެ ސަރަހައްދުގައި އެ ނޯޓިސް ހަރުކުރުމަށް ވެސް އެކްސްކޯއިން ނިންމި އެވެ.

ހުޅުމާލޭގެ ބިމާއި މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ގުދަންބަރިތަކާ ގުޅޭގޮތުން އެކްސްކޯއިން ފާސްކުރިން ނިންމުންތައް:

- ހުޅުމާލޭގެ ބިމާ ގުޅޭ ހާއްސަ އޮޑިޓެއް ކުރުން.

- އެ އޮޑިޓް ކުރަން އޮޑިޓަ ޖެނެރަލްގެ އެހީއަށް އެދުން.

- ހުޅުމާލޭގެ ބިމުން ވިޔަފާރި ބޭނުމަށް ކުއްޔަށް ނަގާފައިވާ ފަރާތްތަކާ އެކު، ހެދި (ސަބްލީސް އުސޫލުން ކުއްޔަށް ނަގާފައިވާ ފަރާތެއް ނަމަ އެ ފަރާތެއް ވެސް ހިމަނައިގެން) އެއްބަސްވުމުގެ ކޮޕީއެއް އެފްއޭއެމަށް ހޯދަން އާންމު އިއުލާނެއް ކުރުން .

- މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށްދާ ނަމަ އެ މަސައްކަތެއް ހުއްޓާލަން އާންމުކޮށް އިއުލާންކޮށް އެ ތަނުގައި ނޯޓިހެއް ހަރުކުރުން.