Roadha Mihaaru

17 އަހަރުންދަށުގެ ކޯޗުކަމަށް ސޮބާ، ފުޓްސަލް ގައުމީ ޓީމަށް ނިޔާ

ސަތާރަ އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް، ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ހަމަޖައްސައިފި އެވެ.

17 އަހަރުންދަށުގެ ޓީމަށް ސޮބާ، ފުޓްސަލް ޓީމަށް ނިޔާ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

21 އޯގަސްޓް 2025

ސަތާރަ އަހަރުންދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް، ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ހަމަޖައްސައިފި އެވެ.

މިއަދު އެފްއޭއެމުން ވަނީ ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ކަމަށް، ކުރީގެ ކުޅުންތެރިޔާ އަހްމަދު ނިޔާޒު (ނިޔަޓޭ) ވެސް ހަމަޖައްސައިފަ އެވެ.

ސަތާރަ އަހަރުންދަށުގެ ގައުމީ ޓީމަށާއި ފުޓްސަލް ގައުމީ ޓީމަށް ވެސް ކޯޗުން އައްޔަން ކުރީ އެފްއޭއެމުން ކުރި އިއުލާންތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިންނެވެ.

ސޮބާގެ ކޯޗުކަމުން ގައުމީ ޓީމު އެންމެ އަވަހަށް ތައްޔާރު ވާނީ އަންނަ މަހު ސްރީ ލަންކާގައި ބާއްވާ، 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަށެވެ.

ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭންގެ ކޯޗިން ޓީމުގައި ހިމެނިގެން ސޮބާ ވަނީ 23 އަހަރުންދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރިން ކޮށްފަ އެވެ.

އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ނިއު ރޭޑިއަންޓްގަ އެވެ. އެފްއޭއެމުން އޭޕްރީލް، މެއި ގައި ބޭއްވި ނުރަސްމީ މުބާރާތް ލީގު ކަޕުގައި ނިއުގެ ޓީމަށް އިރުޝާދު ދިނީ ސޮބާ އެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބް އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނީ މިދިޔަ އަހަރު ކުރީކޮޅު ސޮބާގެ ކޯޗުކަމުގެ ދަށުންނެވެ. ކްލަބް ގްރީން ސްޓްރީޓްސް ވެސް ފުރަތަމަ ޑިވިޝަނަށް 2016 ގައި ކޮލިފައިކޮށް ދިނީ އޭނާ އެވެ.

މިދިޔަ އަހަރު އެފްއޭއެމުން ބޭއްވި އޭ ލައިސެންސް ކޯޗިން ކޯސް ވެސް އޭނާ ފުރިހަމަ ކުރި އެވެ.

އޭއެފްސީ އޭ ލައިސެންސް ފުޓްބޯޅަ ކޯޗިން ކޯސް ވެސް ފުރިހަމަ ކުރި ނިޔާ ވަނީ ފުޓްސަލް ލެވަލް 1 ގެ ކޯޗިން ސެޓްފިކެޓް ހާސިލުކޮށްފަ އެވެ.

ފުޓްސަލް އަށް ހާއްސަކޮށް ބާއްވާ ކްލަބް މޯލްޑިވްސް ކަޕްގައި ނިޔާ ވަނީ އެމްއޭސީއެލްގެ ޓީމަށް 2007 އަދި 2008 ގައި ކުޅެފަ އެވެ.

ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު ކުރީގެ މީޑްފީލްޑަރު ނިޔާ، 2018 ގައި ކުޅުން ހުއްޓާލި ފަހުން ގިނަ މަސައްކަތްތަކެއް ކުރީ ފުޓްސަލްގަ އެވެ.

ކްލަބް މޯލްޑިވްސްގައި އޭނާ ވަނީ އެސްޓީއޯ އާއި ބީއެއެމްއެލް އާއި އެމްޕީއެލް އަދި އޭވިއޭޝަން ޓީމަށް ކޯޗުކޮށްދީފަ އެވެ. ކްލަބް މޯލްޑިވްސްގައި 2009 ން ފެށިގެން އެކި އަހަރުތަކުގައި އޭނާ ވަނީ އެކި ޓީމުތަކަށް ކޯޗުކޮށް ދީފަ އެވެ.

ކްލަބް މޯލްޑިވްސްގައި މިދިޔަ ދެ އަހަރު އެމްޑަބްލިއުއެސްސީގެ ކޯޗުކަމުގަ އެވެ.

ނިޔާގެ ކޯޗުކަމުގެދަށުން ފުޓްސަލް ޓީމު އެންމެ އަވަހަށް ނުކުންނާނީ އަންނަ މަހު މިޔަންމާގައި ކުޅޭ އޭޝިއަން ކަޕް ކޮލިގައި މުބާރާތުގަ އެވެ.