އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީކަމާ މިއަދު ހަވާލުވި އަހްމަދު ޒަރީރުގެ ފުޓްބޯޅައިގެ ހިދުމަތުގައި އެ ފެށީ އާ ސޮފްހާއެކެވެ. އެކަމަކު އެއީ އުމުރުން 45 އަހަރުގެ ޒަރީރު ފުޓްބޯޅައިގެ ހިދުމަތުގައި ފެށި ފުރަތަމަ ދަތުރެއް ނޫނެވެ.
21 އޯގަސްޓް 2025
އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީކަމާ މިއަދު ހަވާލުވި އަހްމަދު ޒަރީރުގެ ފުޓްބޯޅައިގެ ހިދުމަތުގައި އެ ފެށީ އާ ސޮފްހާއެކެވެ. އެކަމަކު އެއީ އުމުރުން 45 އަހަރުގެ ޒަރީރު ފުޓްބޯޅައިގެ ހިދުމަތުގައި ފެށި ފުރަތަމަ ދަތުރެއް ނޫނެވެ.
ދިވެހި ފުޓްބޯޅައިގެ ހިދުމަތް އޭނާ ފެށީ، ގާތްގަނޑަކަށް 21 އަހަރުކުރިން އުފެއްދި 'މޯލްޑިވްސޮކާޑޮޓްކޮމް' ގެމަސްއޫލުވެރިޔާގެ ގޮތުގަ އެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް ހާއްސަކޮށް އުފެއްދި އެ ނޫހުގެ ފައުންޑަރަކީ ޒަރީރެވެ. އެއީ ރާއްޖޭގެ ފުޓްބޯޅަ އަށް ހާއްސަކޮށް އުފެއްދި ފުރަތަމަ ނޫހެވެ.
މޯލްޑިވްސޮކާ ފެށި އިރު، އޭރުގެ ނޫސްތަކުން ބޮޑު އިސްކަމެއް ދިނީ ޗާޕްކޮށްގެން ނެރޭ، ނޫސް ނުވަތަ މަޖައްލާއަށެވެ. ޑިޖިޓަލައިޒޭޝަނާއި މަލްޓި މީޑިއާ އަށް އޭރު ނޫސްތައް ބީރައްޓެސެވެ. ގަވާއިދުން ވެބްސައިޓް އަޕްޑޭޓް ކުރުމުގެ ވިސްނުމެއް ބައެއް ނޫސްތަކުން ނުގެން ގުޅެ އެވެ.
އެކަމަކު މަޝްހޫރު ސްކްރީން ރައިޓަރު ޒަރީރަށް އޭރު ވެސް ފެނުނީ ރާއްޖޭގެ ފުޓްބޯޅައާ ގުޅޭ މައުލޫމާތުތައް ގެނެސްދިނުމަށް މަލްޓި-މީޑީއާ އަށް މާ މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ. އަދި ފުޓްބޯޅަ އަށް އޭނާގެ ހުންނަ ބޮޑު ޝައުގުވެރިކަމާ އެކު ފުޓްބޯޅައިގެ ޚަބަރުތަކާއި މައުލޫމާތުތައް ގެނެސް ދޭން އޮންލައިން ނޫހެއްގެ ސިފައިގައި ބަރާބަރަށް އަޕްޑޭޓް ވާނެ ވެބްސައިޓެއްގެ ގޮތުގައި ރާއްޖޭގެ ފުރަތަމަ ފުޓްބޯޅަ ނޫސް 2004 ގައި ލޯންޗު ކުރި އެވެ.
ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ޕޮޕޯވް އާއި ޒަރީރު: 2013 ގެ ލީޑގު ކާމިޔާބު ކުރުމަށް ފަހު ޝީލްޑްގައި ހިފަހައްޓާލައިގެން
"މޯލްޑިވްސްސޮކާ ލޯންޗުކޮށްފަ އަޅުގަނޑު ދިޔައީ މެލޭޝިއާ އަށް ކިޔަވަން. އަޅުގަނޑުގެ ބައެއް ރަށްޓެހިން އޭތި ޑެއިލީ އަޕްޑޭޓްކޮށް ނޫހެއްގެ ގޮތުގައި ހިންގައި ދިނީ،" މަލްޓި މީޑިއާ ދާއިރާއިން ތައުލީމު ހާސިލު ކުރި ޒަރީރު ކިޔައި ދިނެވެ.
ދިވެހި ފުޓްބޯޅަ އަށް ހާއްސަކޮށް އުފެއްދި އެ ވެބްސައިޓަް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. އިނގިރޭސި ބަހުން ރާއްޖޭގެ ފުޓްބޯޅައިގެ މައުލޫމާތުތައް ގެނެސްދޭ އެ ވެބްސައިޓް އޭރު އަދާކުރި ދައުރު ފުޓްބޯޅައިގެ ތަޖުރިބާކާރުން، މިހާރު ވެސް ފާހަގަ ކުރެ އެވެ.
ފުޓްބޯޅައިގެ ހިދުމަތުގައި، ޒަރީރު ދެން ފެނުނީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓްގެ ބޯޑް މެންބަރެއްގެ ގޮތުގަ އެވެ. އެ ކްލަބްގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ގެ އެކްސްކޯގައި ޒަރީރަކީ މުހިންމު ނަމަކެވެ. އެ ކްލަބްގައި އޭނާ އަދާ ކުރީ ބޯޑް މެންބަރުކަމުގެ ދައުރު އެކަންޏެއް ނޫނެވެ. އޭއެފްސީ ކަޕްގެ ފުރަތަމަ ކޮޅު އެ މުބާރާތަށް ނިއުގެ މެނޭޖަރުކަން ވެސް އޭނާ ކުރެއްވި އެވެ.
ޒަރީރު، ނިއު ރޭޑިއަންޓްގައި މަސައްކަތް ކުރި އިރު: އޭނާ ވަނީ އެ ކްލަބްގެ ބޯޑް މެންބަރުކަމާ މެނޭޖަރުކަން ވެސް ކޮށްފަ
އެފްއޭއެމްގެ ރައީސްކަމާ ދެވަނަ ފަހަރަށް މިދިޔަ މަހު ހަވާލުވި އަހްމަދު ތޯރިގް (ޓޮމް) އެ އިދާރާގެ ރައީސްކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވި އިރު އޭރުގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި ޒަރީރު ހުންނެވި އެވެ. ދެވަނަ ފަހަރަށް އެފްއޭއެމްގެ ރައީސްކަމަށް ތޯރިގް ވަޑައިގެން އެ އެސޯސިއޭޝަނުގެ އިދާރީ އެންމެ އިސް މަގާމަށް ޒަރީރު ހަމަޖެއްސާނީ، ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނި ގޮތުގައި އޭނާއާ މެދު ބޮޮޑު ޔަގީންކަމެއް ތޯރިގަށް އޮންނާނެތީ އެވެ.
އޭރު އެފްއޭއެމްގެ ރައީސްކަމަށް ތޯރިގް އިންތިހާބުވެ، ފަސް މަސް ވެސް ނުވަނީސް އެކްސްކޯގެ ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދީ، ތޯރިގްގެ މަގާމު ގެއްލުވާލި އެވެ. އެ ފަސް މެންބަރުން، އެފްއޭއެމްގެ އެކްސްކޯއިން އިސްތިއުފާ ދިނީ އޭރުގެ ޖެނަރަލް ސެކްރެޓަރީ އަދި ފަހުން ރައީސްކަން ވެސް ކުރެއްވި ބައްސާމް އަދީލް ޖަލީލް، މަގާމުން ވަކި ކުރުމުގައި އެކްސްކޯއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަމަށް ބުނެ އެވެ.
އެފްއޭއެމްގެ އެތެރެއިން ތޯރިގާ ދެކޮޅަށް އުފެއްދި ބޮޑު ގަޑުބަޑާ އެކު އޭނާ އަށް ޖެހި ވަޑައިގަތީ ފެއްޓެވި މަސައްކަތް ދޫކޮށްލާފައި ގެއަށް ވަޑައިގެންނަވާށެވެ. ސްޕޯޓްސް ޕޮލިޓިކްސްގެ އެ ބާނިގަނޑުގައި ނުޖެހި ތިބި އޭރުގެ އެކްސްކޯގެ ތިން މެންބަރުންގެ ތެރެއިން އެކަކީ ޒަރީރެވެ.
ވެޓަރަންސް މެޗެއްގައި ޒަރީރު (ކ) އާއި ކޯޗު ނިޒާމު އަދި ސުޒޭން
"މިހާރު" އާ ވާހަކަ ދެއްކި ތަޖުރިބާކާރު ބުނީ އާ ޖެނަރަލް ސެކްރެޓަރީއާ މެދު ތޯރިގަށް ޔަގީންކަން އޮންނަ ބޭފުޅަކު ހުރުމުގެ މުހިންމުކަން، އޭނާ އަށް މާ ބޮޑަށް ވިސްނިވަޑައިގަންނަވާނެ ކަމަށެވެ.
"އިންސައިޑް ކޫ އެއް ދެއްތޯ އެއީ،" ތޯރިގަށް ފުރަތަމަ ދައުރުގައި މަގާމު ގެއްލުނުގޮތާ ބެހޭގޮތުން ތަޖުރިބާކާރު ބުންޏެވެ.
"އެ ސިޓްއޭޝަންގައި ވެސް ލޯޔަލްކޮށް ހުންނެވި ބޭފުޅޭކޭ ތި ބުނީ ޖެނަރަލް ސެކްރެޓަރީކަމަށް ގެންނަނީ. ހީވޭތޯ ކުރީގެ ތަޖުރިބާ އަށް އޭނާ [ތޯރިގް] ނުވިސްނާނެ ކަމަށް. (އެހެންވެ އޭނާ އަށް) ޔަގީންކަން އޮތް މީހަކު އެކަހަލަ މުހިންމު މަގާމަކަށް އެޕޮއިންޓް ކުރާނީ ވެސް."
މަސްވެރިކަން ޕްރޮމޯޓް ކުރަން މިހާރުގެ ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި ޒަރީރު ވިދާޅުވީ އެފްއޭއެމްގެ ހިންގުން ހަރުދަނާ ކުރުމަށް އޮތީ ކިހާ ވަރެއްގެ ގޮންޖެހުމެއްކަން އޭނާ އަށް ވަޒަން ކުރެވޭ ކަމަށެވެ.
އުރީދޫގައި ވެސް މުހިންމު މަގާމެއް ކުރިން އަދާކުރި ޒަރީރު ވިދާޅުވީ އެފްއޭއެމްގެ ހިންގުން ހަރުދަނާ ކުރުމަށް އެކުލަވާލަންޖެހޭ އޮނިގަނޑު، ތޯރިގާ އެކު މިދިޔަ ދުވަސްތަކުގައި މަޝްވަރާކޮށް އެ އޮނިގަނޑުގެ ޑްރާފްޓް އެކުލަވާލާފައި ވާނެ ކަމަށެވެ.
ޒަރީރު
"ޓޮމްއާ ވެސް މަޝްވަރާކޮށް އޮޕަރޭޝަނަލް ސްޓްރަކްޗާއެއްގެ ޑްރާފްޓް އެކުލަވާލައިފަ މިހާރު ވެސް އިންނާނީ. ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ފުރަތަމަ ހިންގަން ފަށައިގަންނަ އިރު ވެސް،" ބީއެމްއެލްގެ މާކެޓިން ކޮމިޔުނިކޭޝަންގެ ހެޑްގެ މަގާމު ވެސް ކުރިން އަދާކުރި ޒަރީރު ވިދާޅުވި އެވެ.
"އަޅުގަނޑު މިއައީ ސުމަކުން އުފެއްދި ކުންފުންޏެއްގެ އޮނިގަނޑު އެކުލަވާލައި ހިނގަން ފަށައިގަނެފަ،" މަސްވެރިކަމާ ބެހޭ ކުންފުނީގައި ކުރި މަސައްކަތާ ބެހޭގޮތުން ޒަރީރު ވިދާޅުވި އެވެ.
"އެފްއޭގައި މި ޖެހެނީ ސުމަކަށް ވުރެ ވެސް ފަހަތުން ފަށައިގަންނަން."
އޭނާ ވިދާޅުވީ، ތޯރީގް ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ފުޓްބޯޅަ އަލުން ފަށައިގަނެވޭ ވަރަށް އިދާރީ ހިންގުން ވަކި ނިޒާމަކަށް ބަދަލުކުރެވޭނެ ކަމަށެވެ. އެފްއޭއެމުން އެންމެ ބޮޑު އިސްކަމެއް ދޭ ޕްރޮޖެކްޓަކީ އަތޮޅުތަކުގެ ފުޓްބޯޅަގެ ހަރަކާތް އަލުން ފަށައިގަތުމެވެ.
ޒަރީރު ވިދާޅުވީ އޮކްޓޯބަރުގައި އެ މަސައްކަތް ފަށައިގަނެވޭނެ މިންވަރަށް، އެފްއޭއެމުން ތައްޔާރު ވާނެ ކަމަށެވެ. އަދި މި އަހަރުގެ ފުޓްބޯޅަ ސީޒަން ވެސް ވީއެންމެ އަވަހަަކަށް ފަށަން ކުރަންޖެހޭ މަސައްކަތައް ވެސް މުހިންމު އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ދޮޅު އަހަރު ސީނިއާ ފުޓްބޯޅައިގެ އެއްވެސް މެޗެއް ރާއްޖޭގައި ކުޅެފައެއް ނުވެ އެވެ. ޒަރީރުގެ ޖެނަރަލް ސެކްރެޓަރީކަމުން އޭނާ އަށް އޮތީ މުޅިން އެސޯސިއޭޝަން އަލުން ކޮޅަށް ނެގުމެވެ. އެ މަސައްކަތުގައި އެފްއޭއެމްގެ އެކްސްކޯއިން ވަނީ އެ އެސޯސިއޭޝަނުގެ އިންޓަނޭޝަނަލް ރިލޭޝަން މެނޭޖަރުގެ މަގާމު ވެސް އޭނާއާ ހަވާލުކޮށްފަ އެވެ.
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އިތުރު ފުރުސަތެއް
ގައުމީ ޓީމު ޖާގަދޭން ކްލަބްގެ ޕްރެކްޓިސް ވެސް ބަލަނީ
ގައުމީ ޓީމުގެ މެނޭޖަރަކަށް އަނެއްކާވެސް އެކްސްކޯ މީހެއް
ނިއު އަށް ޖާގަ ދޭން މާޒިޔާގެ ކޮއްކީގެ ވޯޓު
ދެ އަހަރަށް ފަހު ފައިސަލް އެނބުރި ގައުމީ ޓީމަށް!
17 އަހަރުންދަށުގެ ޓީމަށް ސޮބާ، ފުޓްސަލް ޓީމަށް ނިޔާ
އަލިމަސް ޔޫބީލުގެ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި
ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަގުވަޒަން ކުރަނީ
17 އަހަރުންދަށުގެ ކޯޗުކަމަށް؛ ނާދު، ސޮބާ، ފަރިއްޓޭ، ޝާޑް
އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި