Roadha Mihaaru
މިފްކޯގެ ސީއީއޯ ސަމާހު ސަސްޕެންޑްކޮށްފި

މިފްކޯގެ ސީއީއޯ ސަމާހު ސަސްޕެންޑްކޮށްފި

18 މާޗް 2024

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން (ޕީސީބީ) ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު، މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން (ޕީސީބީ) ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު، މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.

އެ މައްސަލާގައި ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ މަތިން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މިދިޔަ މަހުގެ 29 ގައި ޕީސީބީން ސަމާހަށް ފޮނުވި ސިޓީގައި ވެސް ވަނީ އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.

ކުންފުންޏާ ގުޅޭ ގޮތުން ބަލަމުން އަންނަ މައްސަލަތައް:

- ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން.

- ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން.

- ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކަށް ރައްޓެހިންނަށް ބަޖެޓުގައި ހިމަނާފައިނެތް ނަމަވެސް ވަޒީފާ ދިނުން.

- ގަވަނަންސް އުސޫލުތަކާ ހިލާފަށް ހެޑް ހަންޓްކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އެއްވެސް އާންމުކޮށް އިއުލާނުކުރުމަކާ ނުލާ މީހުން ވަޒީފާއަށް ނެގުން.

- ޕީސީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުންލުން.

- އެކަށީގެންވާ ތައުލިމާއި ތަޖުރިބާ ނެތް މީހުން އުސޫލުން ބޭރުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން.

- ސީއީއޯ ރަސްމީ ދަތުރުތަކުގައި ދާއިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން. އަދި ކަމާ ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިއުން.

- ކުންފުނީގައި އޮޓް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން ކޮމިޓީއަށް ލުން.

- ކުންފުނީގެ މުވަައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރުޓީ ޕްރޮސީޖާ އާއި ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމާއި އެކްސެސް ލިބުން.

- ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުން.

- ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން.

- ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެ ކަމުގެ ބިރު ދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ހުރަސް އެޅުން.