Roadha Mihaaru
ސަސްޕެންޑް ކުރާ ވަރު ކަމެއް ނުކުރަން: ސަމާހު

ސަމާހު ވިދާޅުވީ ސަސްޕެންޑް ކުރާ ވަރު ކަމެއް ނުކުރައްވާ ކަމަށް!

25 މާޗް 2024

މަގާމުން ސަސްޕެންޑް ކުރަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަގާމުން ސަސްޕެންޑް ކުރަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މަގާމުން އެކަހެރި ކުރި މައްސަލައިގައި ޕީސީބީ އާއި މިފްކޯގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމުންނެވެ.

އެ މައްސަލާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަމާހު ވިދާޅުވީ ޕީސީބީން އޭނާ ސަސްޕެންޑް ކުރި އިރު އެއްވެސް ނޯޓިސްއެއް ފޮނުވާފައި ނުވާ ކަމަށާއި ސަސްޕެންޑް ކުރި ސަބަބެއް އަދި އޭނާ ކުރީ ކޮން ކަމެއް ކަމެއް އަންގާފައި ނުވާ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ގާނޫނީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމައެއް ނުވޭ." ސަމާހު ވިދާޅުވި އެވެ.

އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން 12 ނުކުތާއެއް ހިމެނޭ ސިޓީއެއް ޕީސީބީން މިފްކޯ އަށް ފޮނުވާފައިވާ ކަމަށާއި އެ ސިޓީ ވެސް އޭނާ އަށް ލިބުމުގެ ކުރިން ހުއްދަ ނެތި ކުންފުނީގެ ބޯޑުގެ އެހެން މެންބަރުންނާއި ސޯޝަލް މީޑިއާ އަށް ބޭރުވެފައިވާ ކަމަށް ސަމާހު ވިދާޅުވި އެވެ. އެއީ ސީދާ އަބުރު ކަތިލުމުގެ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަސްޕެންޑް ކުރުމަށް ފަހު ޕީސީބީން ފަސް ނުކުތާ ހިމެނޭ ލިސްޓެއް ފޮނުވާފައިވާ ކަމަށް ސަމާހު ވިދާޅުވި އެވެ. އެއީ އާއިލީ ނުވަތަ ވިޔަފާރީގެ ގުޅުން އޮތް ބަޔަކާ މިފްކޯ އިން ޑީލް ކުރޭތޯ އާއި ތިމާގެ މީހަކަށް ވަޒީފާ ދީފައިވޭތޯ އާއި ބޯޑުގެ ނިންމުންތައް ދިނުމަށް އެދިފައިވާ ކަމަށް ސަމާހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ މުނި މުނި ކާފަ އަށް ބެލިޔަސް އަޅުގަނޑުގެ ލޭ ހިނގާ އެއްވެސް މީހަކު މިފްކޯގައި ނުހުންނާނެ. އަދި އެއީ ސަސްޕެންޑް ކުރަން ޖެހޭ ވަރުގެ ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ އާ ވިޔަފާރީގެ ގޮތުންނާއި އާއިލީ ގޮތުން އެއްވެސް ގުޅުމެއް އޮތް ބަޔަކާ މިފްކޯ އިން އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށް ވެސް ސަމާހު ވިދާޅުވި އެވެ.

ޕީސީބީން ބުނީ އެއީ އިދާރީ ފިޔަވަޅެއް ކަމަށް!

މި މައްސަލާގައި ވާހަކަ ދައްކަވަމުން ޕީސީބީގެ ނައިބު މުހައްމަދު ފިރާޒް ފުރަތަމަ އެދިވަޑައިގަތީ ކޮމިޓީ ސިއްރު ކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ. އަދި ތަހުގީގު ކުރިޔަށް ދާތީ މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަށް އެނގޭ ގޮތަށް ބައެއް ވާހަކަތައް ހާމަ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ކޮމިޓީ ސިއްރު ކުރަން ފެނޭތޯ މުގައްރިރު ސުވާލު ކުރެއްވުމުން އެކަމަށް މެންބަރުންގެ ތާއީދެއް ނުލިބުނެވެ. މެންބަރުންގެ ވިސްނުމަކަށްވީ މިފްކޯގެ ތެރޭގައި ހިނގާ ކަންކަން ފުރިހަމަ އަށް ރައްޔިތުންނަށް ސާފު ވާނީ މިހާރަށް ވުރެ ބޮޑަށް ދެ ފުށް ފެންނަ ގޮތެއްގައި މަސައްކަތްތައް ކުރިޔަށް ގެންދިޔުމުންނެވެ.

އެ މައްސަލަ ސިއްރު ނުކޮށް ކުރިޔަށް ގެންދަން ނިންމުމުން ފިރާޒް ވިދާޅުވި ގޮތުގައި މިފްކޯގެ ސީއީއޯ އާ ދެކޮޅަށް މައްސަލަތައް ލިބުނީ ޕީސީބީގެ ވިސިލްބްލޯ ޕޯޓަލް މެދުވެރިކޮށެވެ. އެހެންވެ އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ މައްސަލަ އާ ގުޅޭ ވަރަށް ގިނަ ކިތާބީ ހެއްކާއި މެސެޖުތައް ފަދަ ތަކެތި ލިބިފައިވާ ކަމަށް ފިރާޒް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ނުވަ ވަރަކަށް ހުލާސާ މައްސަލަ ހުރި ކަމަށާއި ތަފާތު ފަސް ތުހުމަތެއް ސަމާހުގެ މައްޗަށް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި އިންތިހާބު ތެރޭގައި ސިޔާސީ ބޭނުމަށް މިފްކޯގެ އިމާރާތް ބޭނުން ކުރުމާއި ގިފްޓް ހެމްޕާތައް ދިން މައްސަލަ އާއި ދަތުރުތަކުގައި 1.3 މިލިއަން ހަރަދު ކުރުމާއި އާއިލީ ބޭފުޅުންނަށް ވަޒީފާތައް ދޭ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު ސަސްޕެންޑް ކޮށްފައި ވަނީ އެ މައްސަލަތަކާ ގުޅިގެން ފިޔަވަޅެއް އެޅުމުގެ ގޮތުން ނޫން ކަމަށާއި އެއީ އެއްވެސް ނުފޫޒެއް ނެތި އެކަންކަން ފުރިހަމަ އަށް ތަހުގީގު ކުރުމަށްޓަކައި އިދާރީ ގޮތުން ވަގުތީ ގޮތުން އެކަހެރި ކުރީ ކަމަށް ވެސް ފިރާޒް ވިދާޅުވި އެވެ.

އެ މައްސަލާގައި ބައެއް މެންބަރުން ވަނީ ޕީސީބީން އޭނާ އަށް ފިޔަވަޅު އަޅާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރެވޭ ތުހުމަތުތަކަކީ ސަސްޕެންޑް ކުރަން ޖެހޭ މައްސަލަތަކެއް ނޫން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް ޕީސީބީން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އެއީ މައްސަލަ އަށް ނުފޫޒެއް ނުވަންނަ ގޮތަށް ތަހުގީގު ކުރުމަށްޓަކައި އިދާރީ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.