Roadha Mihaaru
މިފްކޯގެ އެމްޑީ ސަމާހުގެ ސަސްޕެންޝަން އިތުރުކޮށްފި

މިފްކޯގެ މެނޭޖިން ޑިރެކްޓަރު ސަމާހުގެ ސަސްޕެންޝަން އިތުރުކޮށްފި

31 މާޗް 2024

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިތުރުކޮށްފި އެވެ.

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިތުރުކޮށްފި އެވެ.

ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަމާހު ސަސްޕެންޑް ކުރަން ނިންމާފައި އޮތީ މި މަހުގެ ނިޔަލަށެވެ. މިއަދު އެ މުއްދަތު ހަމަވާތީ، ޕީސީބީން ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ސަމާހުގެ ސަސްޕެންޝަން އިތުރު ކުރަން ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ.

އޭނާ ސަސްޕެންޑް ކޮށްފައިވަނީ ޕީސީބީން ބުނި ގޮތުގައި މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށެވެ.

އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން 12 ނުކުތާއެއް ހިމެނޭ ސިޓީއެއް ޕީސީބީން މިފްކޯ އަށް ފޮނުވި އެވެ. ސަމާހު ވިދާޅުވީ ޕީސީބީން އޭނާ ސަސްޕެންޑް ކުރި އިރު އެއްވެސް ނޯޓިސްއެއް ފޮނުވާފައި ނުވާ ކަމަށާއި ސަސްޕެންޑް ކުރި ސަބަބެއް އަދި އޭނާ ކުރީ ކޮން ކަމެއް ކަމެއް އަންގާފައި ނުވާ ކަމަށެވެ.

ޕީސީބީގެ ނައިބު މުހައްމަދު ފިރާޒް ވިދާޅުވެފައިވާ ގޮތުގައި މިފްކޯގެ ސީއީއޯ އާ ދެކޮޅަށް މައްސަލަތައް ލިބުނީ ޕީސީބީގެ ވިސިލްބްލޯ ޕޯޓަލް މެދުވެރިކޮށެވެ. އެހެންވެ އެ މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ މައްސަލަ އާ ގުޅޭ ވަރަށް ގިނަ ކިތާބީ ހެއްކާއި މެސެޖުތައް ފަދަ ތަކެތި ލިބިފައިވާ ކަމަށް ފިރާޒް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ނުވަ ވަރަކަށް ހުލާސާ މައްސަލަ ހުރި ކަމަށާއި ތަފާތު ފަސް ތުހުމަތެއް ސަމާހުގެ މައްޗަށް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިހާބު ތެރޭގައި ސިޔާސީ ބޭނުމަށް މިފްކޯގެ އިމާރާތް ބޭނުން ކުރުމާއި ގިފްޓް ހެމްޕާތައް ދިން މައްސަލަ އާއި ދަތުރުތަކުގައި 1.3 މިލިއަން ހަރަދު ކުރުމާއި އާއިލީ ބޭފުޅުންނަށް ވަޒީފާތައް ދޭ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިހާރު ސަސްޕެންޑް ކޮށްފައި ވަނީ އެ މައްސަލަތަކާ ގުޅިގެން ފިޔަވަޅެއް އެޅުމުގެ ގޮތުން ނޫން ކަމަށާއި އެއީ އެއްވެސް ނުފޫޒެއް ނެތި އެކަންކަން ފުރިހަމަ އަށް ތަހުގީގު ކުރުމަށްޓަކައި އިދާރީ ގޮތުން ވަގުތީ ގޮތުން އެކަހެރި ކުރީ ކަމަށް ވެސް ފިރާޒް ވިދާޅުވި އެވެ.

އެ މައްސަލާގައި ބައެއް މަޖިލިސް މެންބަރުން ވަނީ ޕީސީބީން އޭނާ އަށް ފިޔަވަޅު އަޅާފައި ވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރެވޭ ތުހުމަތުތަކަކީ ސަސްޕެންޑް ކުރަން ޖެހޭ މައްސަލަތަކެއް ނޫން ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.