Roadha Mihaaru
މިފްކޯގެ ސީއީއޯގެ މަގާމުން ސަމާހު ވަކިކޮށްފި

މިފްކޯގެ ސީއީއޯގެ މަގާމުން ސަމާހު ވަކިކޮށްފި

21 މެއި 2024

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ކުންފުނިތަކަށް ވެރިން އައްޔަންކުރުމުގެ ބާރު ލިބިގެންވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނީ، ސީއީއޯ ކަމުންނާއި ކުންފުނީގެ ބޯޑުން ސަމާހު ވަކި ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭނާ ވަކި ކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ޕީސީބީން ނުބުނެ އެވެ.

ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަމާހު ވަނީ މީގެ ކުރިން ސަސްޕެންޑު ކޮށްފަ އެވެ. އޭނާ ސަސްޕެންޝަނުން ވީއްލިފައިވަނީ މިދިޔަ މަހު އެވެ.

އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން 12 ނުކުތާއެއް ހިމެނޭ ސިޓީއެއް ޕީސީބީން މިފްކޯ އަށް ފޮނުވި އެވެ. ޕީސީބީގެ ނައިބު މުހައްމަދު ފިރާޒް މަޖިލިސް ކޮމިޓީގައި އޭރު ވިދާޅުވި ގޮތުގައި، އޭގެ ތެރޭގައި ނުވަ ވަރަކަށް ހުލާސާ މައްސަލަ ހުރި ކަމަށާއި ތަފާތު ފަސް ތުހުމަތެއް ސަމާހުގެ މައްޗަށް ކުރެވުނެވެ.

އޭގެ ތެރޭގައި އިންތިހާބު ތެރޭގައި ސިޔާސީ ބޭނުމަށް މިފްކޯގެ އިމާރާތް ބޭނުން ކުރުމާއި ގިފްޓް ހެމްޕާތައް ދިން މައްސަލަ އާއި ދަތުރުތަކުގައި 1.3 މިލިއަން ހަރަދު ކުރުމާއި އާއިލީ ބޭފުޅުންނަށް ވަޒީފާތައް ދޭ މައްސަލަ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީސީބީން އޭރު ބުނީ ސަމާހު ސަސްޕެންޑުކުރީ އެ މައްސަލައިގައި ފިޔަވަޅު އެޅުމުގެ ގޮތުން ނޫން ކަމަށާއި އެއީ އެއްވެސް ނުފޫޒެއް ނެތި އެކަންކަން ފުރިހަމަ އަށް ތަހުގީގު ކުރުމަށްޓަކައި އިދާރީ ގޮތުން ވަގުތީ ގޮތުން އެކަހެރި ކުރަން ނިންމި ނިންމުމެއް ކަމަށް ބުނެފަ އެވެ.

ސަމާހުއަށް ކުރެވުނު ތުހުމަތުތައް:

- ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން.

- ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން.

- ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސީއީއޯގެ އާއިލީ ގުޅުން ހުރި ފަރާތްތަކަށް ރައްޓެހިންނަށް ބަޖެޓުގައި ހިމަނާފައިނެތް ނަމަވެސް ވަޒީފާ ދިނުން.

- ގަވަނަންސް އުސޫލުތަކާ ހިލާފަށް ހެޑް ހަންޓްކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އެއްވެސް އާންމުކޮށް އިއުލާނުކުރުމަކާ ނުލާ މީހުން ވަޒީފާއަށް ނެގުން.

- ޕީސީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުންލުން.

- އެކަށީގެންވާ ތައުލިމާއި ތަޖުރިބާ ނެތް މީހުން އުސޫލުން ބޭރުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް ލުން.

- ސީއީއޯ ރަސްމީ ދަތުރުތަކުގައި ދާއިރު ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން. އަދި ކަމާ ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިއުން.

- ކުންފުނީގައި އޮޓް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން ކޮމިޓީއަށް ލުން.

- ކުންފުނީގެ މުވަައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރުޓީ ޕްރޮސީޖާ އާއި ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމާއި އެކްސެސް ލިބުން.

- ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުން.

- ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން.

- ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެ ކަމުގެ ބިރު ދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ހުރަސް އެޅުން.

އެކަމަކު ސަމާހް ވަނީ މި ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ޕީސީބީން މައްސަލަ ބެލުމަށް ފަހު ސަސްޕެންޝަން އުވާލުމުން އޭނާ ވަޒީފާއަށް ވެސް ނުކުންނެވި އެވެ.