Roadha Mihaaru
މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލައްވައިފި

މިފްކޯގެ ސީއީއޯގެ މަގާމަށް އާތިފް ކުރިމަތިލައްވައިފި

15 ޖުލައި 2024

މިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އިގްތިސާދީ ތަޖުރިބާކާރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު މިއަދު ކުރިމަތިލައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އިގްތިސާދީ ތަޖުރިބާކާރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު މިއަދު ކުރިމަތިލައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ މަހަކު ދެ ލައްކައެއްހާ ރުފިޔާގެ މުސާރައަށް ލިބޭ ގޮތަށް މިފްކޯގެ ސީއީއޯއަކު އިއުލާނުކޮށްފަ އެވެ. ރާއްޖެއިން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ދިން މުއްދަތު މިއަދު މެންދުރު 2:00 ގައި ވަނީ ހަމަވެފަ އެވެ.

މާލީ ގެއްލުމެއްގައި މިހާރު ވެސް ހިންގަމުން ގެންދާ މިފްކޯގެ ސީއީއޯގެ މަގާމަށް ކުރިމަތިލި މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އާތިފާއެކު ފެލިވަރު ކޭނިން ފެކްޓަރީގެ ފުޑް ސޭފްޓީ އިސްވެރިޔާ ކަމާއި ފެލިވަރުގެ މެނޭޖަރުކަން ކުރެއްވި އަލީ އަހުމަދު ވެސް އެ މަގާމަށް ކުރިމަތިލެއްވި އެވެ.

އާތިފް ވަނީ މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވައިފަ އެވެ. އެ ކުންފުނީގައި އޭނާ އެންމެ ގިނަ ދުވަހު ހުންނެވީ ޑެޕިއުޓީ ސީއީއޯއަކަށެވެ. އޭގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިއަކަށް ވެސް އޭނާ ކުރިން ހުންނެވި އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ މިފްކޯގެ ސީއީއޯއަށް ކުރިމަތިލެއްވީ، އެ މަގާމަށް އެކަށީގެންވާ ދިވެއްސަކު ނުލިބިގެން އެ ވަޒީފާ ބޭރު މީހަކަށް ދިން ކަމަށް ބުނުމުގެ ޖާގަ ނުދިނުމަށް ކަމަށެވެ. އަދި މިފްކޯ ހިންގޭނެ ގާބިލް ދިވެހިން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ބޭރުގެ ބޮޑެތި ބައެއް ކުންފުނިތަކުގެ ކޮންސަލްޓަންޓުކަން ވެސް ކުރައްވާފައިވާ އާތިފް އަންނަނީ ރާއްޖޭގެ އިގްތިސާދު ދިރާސާކޮށް، ރާއްޖޭގެ ނޫސްތަކާއި ބޭރުގެ ސައިޓްތަކުގައި ލިޔުއްވަމުންނެވެ.

ޕީސީބީން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތި ލެވޭނީ ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކޮށް، އަދި އަށް އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ އިންޓަނޭޝަނަލް ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ހުންނަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މަގާމަށް ހޮވޭ ފަރާތުގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޕީސީބީން ބުނެފައިވެ އެވެ.