Roadha Mihaaru
ޝަމާހު ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފި

ޝަމާހު ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފި

22 މެއި 2024

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) ޝަމާހު ވަކި ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި އޭނާ ފިޝަރީޒް މިނިސްޓްރީގެ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމުގެ ލިޔުން ރައީސް އޮފީހުން މިހާރު ވަނީ ޝަމާހު އަށް ފޮނުވައިފަ އެވެ. އެކަން އޭނާ ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ޝަމާހު މިފްކޯ އިން ވަކިކުރީ، އޭނާ ވިދާޅުވި ގޮތުގައި، އެހެން ތަނަކަށް ބަދަލުވާން އަމިއްލަ އަށް އެދިގެންނެވެ.

"މިތަނުގައި [މިފްކޯގައި] އަޅުގަނޑަށް ތަންކޮޅެއް ބުރަ،" ސަމާހު ވިދާޅުވި އެވެ.

ސަމާހު ވަކި ކުރި އިރު މީގެ މަހެއްހާ ދުވަސް ކުރިން ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ޕީސީބީން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.

ސަމާހުއަށް ކުރެވުނު ތުހުމަތުތައް:

- ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައި އަދި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުން.

- ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން.

- ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފައިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާއި ހިލާފަށް ސަމާހު އާ އާއިލީ ގުޅުން ހުރި ފަރާތްތަކަށާއި ރައްޓެހިންނަށް ވަޒީފާ ދިނުން.

- ގަވަނަންސް އުސޫލުތަކާ ހިލާފަށް ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާ ހިލާފަށް އެއްވެސް އާންމުކޮށް އިއުލާނުކުރުމަކާ ނުލާ މީހުން ވަޒީފާއަށް ނެގުން.

- ޕީސީގެ ހުއްދަ ހޯދުމަކާ ނުލާ ކުންފުނީގެ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުން.

- އެކަށީގެންވާ ތައުލިމާއި ތަޖުރިބާ ނެތް މީހުން އުސޫލުން ބޭރުން ޑިޕާޓްމަންޓުތަކުގެ ވެރިންނަށް އައްޔަންކުރުން.

- ސީއީއޯ ރަސްމީ ދަތުރުތަކުގައި ދާއިރު ކުންފުނީގައި ހަދާފައިވާ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގުން ހަވާލުކުރުން. އަދި ކަމާ ނުބެހޭ މުވައްޒަފުން ދަތުރުތަކުގައި ގެންދިޔުން.

- ކުންފުނީގައި އޮޓް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން ކޮމިޓީއަށް އައްޔަންކުރުން.

- ކުންފުނީގެ މުވަައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރުޓީ ޕްރޮސީޖާ އާއި ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމާއި އެކްސެސް ލިބުން.

- ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުން.

- ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން.

- ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެ ކަމުގެ ބިރު ދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަންކަމާ އެކު ކުރިއަށް ގެންދަން ހުރަސް އެޅުން.

މި މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ޕީސީބީން ވަނީ އޭނާގެ މައްސަލައެއް ނެތް ކަމަށް ނިންމައި ސަސްޕެންޝަން އުވާލައިފަ އެވެ.