Roadha Mihaaru
މިފްކޯއަށް ސީއީއޯއެއް ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

ޝަރުތު ހަމަވާ މީހަކު ކުރިމަތިނުލުމުން މިފްކޯ އަށް ސީއީއޯއެއް ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

16 ޖުލައި 2024

މިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޝަރުތު ހަމަވާ މީހަކު ކުރިމަތިނުލުމުން އިއުލާނު ބާތިލުކޮށްފި އެވެ.

މިފްކޯގެ ޗީފް އެގެޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޝަރުތު ހަމަވާ މީހަކު ކުރިމަތިނުލުމުން އިއުލާނު ބާތިލުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ މަހުގެ 26 ގައި ވަނީ މަހަކު ދެ ލައްކައެއްހާ ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް މިފްކޯގެ ސީއީއޯއަކު އިއުލާނުކޮށްފަ އެވެ. ރާއްޖެއިން ބޭރު މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ދިން މުއްދަތު އިއްޔެ މެންދުރު 2:00 ގައި ވަނީ ހަމަވެފަ އެވެ.

ޕީސީބީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިފްކޯގެ ސީއީއޯގެ މަގާމަށް ހުޅުވާލި ފުރުސަތުގައި، ސުންގަނޑި ހަމަވިއިރު، މަގާމުގެ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ، އެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ.

އެކަމަކު، މަގާމަށް ކުރިމަތިލީ މީހުންގެ އަދަދެއް ނޫނީ އިތުރު ތަފްސީލެއް ނުދެ އެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި މާލީ ގެއްލުމެއްގައި މިހާރު ވެސް ހިންގަމުން ގެންދާ މިފްކޯގެ ސީއީއޯގެ މަގާމަށް އިގްތިސާދީ ތަޖުރިބާކާރު އަދި މިފްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރާއި ފެލިވަރު ކޭނިން ފެކްޓަރީގެ ފުޑް ސޭފްޓީ އިސްވެރިޔާ ކަމާއި ފެލިވަރުގެ މެނޭޖަރުކަން ކުރެއްވި އަލީ އަހުމަދު ވެސް ކުރިމަތިލެއްވި އެވެ.

އެ މަގާމަށް ޕީސީބީން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމެންޓާއި އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ ޑިގްރީ ހާސިލުކޮށް އަދި 8 އަހަރު ދުވަހުގެ ތަޖުރިބާ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ކުންފުންޏެއް ހިންގުމުގެ ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. އެ މަގާމަށް ހޮވޭ މީހާގެ ގާބިލް ކަމަށް ބެލުމަށް ފަހު 9،500 ޑޮލަރު (146،000ރ.) އާއި 12،000 (185،000ރ.) ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް ޕީސީބީން ބުނެފައި ވެ އެވެ.