Roadha Mihaaru
ބީއެމްއެލްގެ ޗެއާމަން ކަމަށް އަހުމަދު އައްޔަންކުރަނީ

ބީއެމްއެލްގެ ޗެއާމަނަކަށް އަހުމަދު އައްޔަންކުރަން ޕީސީބީއަށް ފޮނުވައިފި

17 ސެޕްޓެމްބަރ 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ނަން ފޮނުވާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ނަން ފޮނުވާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ބީއެމްއެލްގެ ބޯޑަށް އަހުމަދުގެ އިތުރުން މުހައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަން ފޮނުވީ މިއަދުގެ ވަގުތެއްގަ އެވެ.

ރައީސް އޮފީހުގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމަށް އަހުމަދު އައްޔަނުކުރަން ޕީސީބީއަށް ނަން ފޮނުވާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަހުމަދު އަލީ ހަބީބަކީ ވަރަށް ތައުލީމީ، އެ މަގާމަށް ވަރަށް ގާބިލު ބޭފުޅެއް،" ހީނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރަން ސަރުކާރުގެ ފަރާތުން ނިންމި އަހުމަދަކީ ޗާޓަޑް އެކައުންޓެންޓެއް ވެސް މެ އެވެ. ބ. އޭދަފުއްޓަށް އުފަން އަހުމަދު ވަނީ 2019 އިން 2021 އަށް އެޗްޑީސީގެ ބޯޑުގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި 2006 އިން 2023 ވަނަ އަހަރާ ހަމައަށް އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ބީއެމްއެލް އިން ބުނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ނަން ފޮނުވާފައިވާ ބޭފުޅުން އައްޔަން ކުރާނެ ކަމަށެވެ.

ބީއެމްއެލްގެ މި ފަހަރުގެ އީޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށެވެ. މިއީ މި އަހަރު ބީއެމްއެލް އިން ބާއްވާ ތިން ވަނަ އީޖީއެމް އެވެ. އޭގެ ކުރިން ބޭއްވި ދެ އީޖީއެމް ވެސް ބޭއްވީ، ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރުމަށެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އޭނާ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައި ވަނީ ވެސް އީޖީއެމް ބާއްވާ ތާރީހުގަ އެވެ. މަގާމުން ވަކިވެވަޑައިގަންނަވާނީ އޭގެ ފަހުންނެވެ.

ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވަ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ. އޭގެ ތެރެއިން ސަރުކާރުން އައްޔަން ކޮށްފައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ. ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.