Roadha Mihaaru
ސަޕޯޓަރުންނަށް ވައްތަރުޖެއްސުމުން ރޮނާލްޑޯއަށް ފާޑުކިޔަނީ

ސަޕޯޓަރުންނަށް ވައްތަރުޖެއްސުމުން ރޮނާލްޑޯގެ މައްސަލަ ބަލަންފަށައިފި

26 ފެބުރުއަރީ 2024

ރިޔާދް (ފެބްރުއަރީ 26) - ސައުދީ ޕްރޯ ލީގުގައި ރޭ އައް ނަސްރުން 3-2 އިން އައް ޝަބާބް ބަލިކުރި މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އިދިކޮޅު ސަޕޯޓަރުންނާ އަމާޒުކޮށް ޖެއްސި ބޭއަދަބީ ވައްތަރުތަކާ ގުޅިގެން އޭނާ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ އެވެ.

ރިޔާދް (ފެބްރުއަރީ 26) - ސައުދީ ޕްރޯ ލީގުގައި ރޭ އައް ނަސްރުން 3-2 އިން އައް ޝަބާބް ބަލިކުރި މެޗުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އިދިކޮޅު ސަޕޯޓަރުންނާ އަމާޒުކޮށް ޖެއްސި ބޭއަދަބީ ވައްތަރުތަކާ ގުޅިގެން އޭނާ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ އެވެ.

އެ އަމަލުތަކާ ގުޅިގެން އޭނާ އަށް އަދަބު ދޭން ސަޕޯޓަރުން ގޮވާލަމުން ދާތީ، ސައުދީ ލީގުގެ ޑިސިޕްލިނަރި ކޮމިޓީން އޭނާގެ މައްސަލަ ބަލަން ފަށައިފިކަމަށް އެ ގައުމުގެ މީޑިއާތަކުން ބުންޏެވެ.

މެޗުގެ 21 ވަނަ މިނިޓުގައި ނަސްރުން ލީޑު ނެގީ ރޮނާލްޑޯ ޖަހައިދިން ޕެނަލްޓީއަކުންނެވެ. ނަމަވެސް މެޗުން މޮޅުވީ ދެވަނަ ހާފުގައި ޓަލިސްކާ ޖަހައިދިން ދެ ގޯލުންނެވެ. ޓީމު މޮޅުވި ގޯލު ޓަލިސްކާ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށެވެ.

ރޮނާލްޑޯގެ ގޯލާ އެކު ނަސްރުން ފުރަތަމަ ހާފު ލީޑުގައި ނިންމަން ދަނިކޮށް ޝަބާބުން އެއްވަރުކުރީ އިތުރު ވަގުތުގައި ޔަނިކް ކަރާސްކޯ ޖަހައިދިން ޕެނަލްޓީއަކުންނެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ޓަލިސްކާ ނަސްރަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގައިދޭން ގޯލު ޖަހާފައި ވަނިކޮށް، 67 ވަނަ މިނިޓުގައި ޝަބާބުން އެއްވަރު ކުރި ގޯލު ޖަހައިދިނީ ކާލޯސް އެވެ.

ނަސްރު މޮޅު ވިއަސް، ޝަބާބުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ވަނީ ފުޓްބޯޅައިގައި ރޮނާލްޑޯގެ ދުވަސްވީ ވާދަވެރިޔާ، އާޖެންޓީނާގެ ލިއޮނެލް މެސީގެ ނަމުން ސްޓޭޑިއަމް ގުގުމާލައިފަ އެވެ. އެކަން ވީ ރޮނާލްޑޯ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނު ކަމަކަށެވެ. މިއާ ގުޅިގެން، މެޗު ކާމިޔާބު ކުރެވުމާ އެކު ރޮނާލްޑޯ ވަނީ ޝަބާބުގެ ސަޕޯޓަރުންނަށް ނިސްބަތްކޮށް ބޭއަދަބީ ވައްތަރުތަކެއް ދަނޑުމަތީގައި ޖައްސައިފަ އެވެ.

ލައިވް ޓީވީ ފީޑުން އެ މަންޒަރުތައް ނުދެއްކި ނަމަވެސް މެޗަށް ފަހު މުޅި ސޯޝަލްމީޑީއާގައި އޮތީ ރޮނާލްޑޯ ޖެއްސި ވައްތަރު ދައްކުވައިދޭ ވީޑިއޯތަކެވެ. އަދި ސައުދީގެ ފުޓްބޯޅަ އެނަލިސްޓުން ވަނީ ރޮނާލްޑޯގެ އެ އަމަލުތަކާ ގުޅިގެން އޭނާ އަށް އަދަބު ލިބެން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ރަސްމީ ސިފައެއްގައި ސައުދީގެ އެއްވެސް ފުޓްބޯޅަ އިދާރާއަކުން އެކަމާ ގުޅލިގެން މިހާތަނަށް ބަހެއް ބުނެފައި ނުވި ނަމަވެސް، ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަނުން ރޮނާލްޑޯގެ އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ހާމަ ކޮށްފައި ވެއެވެ.

"ޑިސިޕްލިނަތީ ކޮމިޓީ އަށް މިއީ އިމްތިހާނަކަށް ވާނެ. އަހަރެމެން ތިބޭނަން ބަލަން،" ސައުދީގެ މަގުބޫލު ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ވަލީދު އަލް ފައްރާޖް އޭނާގެ ޓްވީޓެއްގައި ލިޔެފައި ވެއެވެ.

"ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނާނެ. އެއީ ކިތަންމެ މަޝްހޫރު މީހެއް ވިއަސް."

އިދިކޮޅު ސަޕޯޓަރުން މެސީގެ ނަން ދަނޑުގައި ކިޔާ ކޮންމެ ފަހަރަކު ރޮނާލްޑޯގެ މިފަދަ ބޭއަދަބީ އަމަލުތައް އަންނަނީ ފެންނަމުންނެވެ. މިދިޔަ ޑިސެމްބަރު މަހު ލީގުގައި އަލް ހިލާލް އަތުން 3-0 އިން ބަލިވި މެޗަށް ފަހު ދަނޑުން ފައިބަމުން އޭނާ ޖެއްސި ވައްތަރާއި، މިމަހު ކުރީކޮޅު ހިހާލާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުން ބަލިވުމުން ވެސް ރޮނާލްޑޯ ވަނީ ސަޕޯޓަރަކު އެއްލި ޖޯޒީ ބޭނުން ކޮށްގެން ބޭއަދަބީ ގޮތަކަށް ސަޕޯޓަރުންނަށް އޭނާގެ ނުރުހުން ރައްދު ކޮށްފަ އެވެ.

ސައުދީ ލީގުގައި ނަސްރު އޮތީ ތާވަލްގެ ދެވަނައިގަ އެވެ. ރޭގެ މޮޅާ އެކު 21 މެޗުން 52 ޕޮއިންޓް އެޓީމަށް ލިބިފައި ވާއިރު، އެއްވަނައިގައި އޮތީ 20 މެޗުން 56 ޕޮއިންޓް ހޯދައިފައިވާ ހިލާލެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯ ވަނީ މި ސީޒަންގައި މިހާތަނަށް ލީގުގައި އޭނާ ކުޅުނު 20 މެޗުން 22 ގޯލު ޖަހައިފަ އެވެ. އަދި މި ސީޒަންގައި އޭނާ މިހާތަނަށް ކުޅުނު 35 މެޗުން 34 ގޯލު ޖަހައިފައި ވެ އެވެ.