Roadha Mihaaru
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި

ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި

19 ސެޕްޓެމްބަރ 2024

ރިޔާދު (ސެޕްޓެމްބަރު 19) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ ކޯޗަކަށް، މިދިޔަ ސީޒަނަށް ފަހު އޭސީ މިލާނުން ދޫކޮށްލި އިޓަލީގެ ސްޓެފާނޯ ޕިއޯލީ ހަމަޖައްސައިފި އެވެ.

ރިޔާދު (ސެޕްޓެމްބަރު 19) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ ކޯޗަކަށް، މިދިޔަ ސީޒަނަށް ފަހު އޭސީ މިލާނުން ދޫކޮށްލި އިޓަލީގެ ސްޓެފާނޯ ޕިއޯލީ ހަމަޖައްސައިފި އެވެ.

އުމުރުން 58 އަހަރުގެ ޕިއޯލީ ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މިދިޔަ ސީޒަންގެ ނިޔަލަށް މިލާނުގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ މިލާނަށް 2022 ވަނަ އަހަރު އިޓާލިއަން ލީގު ހޯދައިދީފަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހަމަޔަށް ވެސް ގެންގޮސްދިނެވެ.

މިލާނާ ހަވާލު ވުމުގެ ކުރިން ޕޯލީ ވަނީ ފިއޮރެންޓީނާ އާއި އިންޓަ މިލާނުގެ އިތުރުން ލާޒިއޯ އަދި މިނޫން ވެސް އިޓަލީގެ ގިނަ ކްލަބްތަކަކަށް ކޯޗު ކޮށްދީފަ އެވެ.

އައް ނަސްރުގެ ކޯޗުކަން ހުސްވީ ސީޒަންގެ ކުރީކޮޅު ޓީމުގެ ފަރާތުން އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން ލުއިސް ކަސްޓްރޯ މަގާމުން ވަކިކުރުމުންނެވެ. ކާސްޓްރޯ އަކީ، ރޮނާލްޑޯ ނަސްރަށް ކުޅެން ފެށި ފަހުން މަގާމުން ވަކިކުރި ތިން ވަނަ ކޯޗެވެ.

އައް ނަސްރަށް ބަދަލުވެ، ރޮނާލްޑޯ އަށް މިހާތަނަށް ހަމައެކަނި ކާމިޔާބު ކުރެވިފައި ވަނީ މިދިޔަ އަހަރުގެ އަރަބް ކްލަބް ޗެމްޕިއަންސް ކަޕެވެ.

އެންމެ ފަހުން ނިމުނު ސީޒަންގައި ލީގުގެ ދެ ވަނައިގައި ނިންމި އައް ނަސްރުން، މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ވަނީ ދެ މެޗު އެއްވަރު ވެފަ އެވެ. އަދި ސުޕަ ކަޕް ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ.

މީގެ އިތުރުން އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ ފުރަތަމަ މެޗުގައި އިރާގުގެ އައް ޝުރުތާއާ ދެކޮޅަށް ހޯމަ ދުވަހު ކުޅުނު މެޗު ވެސް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.