Roadha Mihaaru

ރޮނާލްޑޯގެ އައް ނަސްރުގެ ކޯޗު ޕިއޯލީ ޓީމު ދޫކޮށްލައިފި

ރިޔާދު (ޖޫން 25) - ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ ކޯޗުގެ މަގާމް ސްޓެފާނޯ ޕިއޯލީ، 59، ދޫކޮށްލައިފި އެވެ.

ރޮނާލްޑޯގެ އައް ނަސްރުގެ ކޯޗު ޕިއޯލީ ޓީމު ދޫކޮށްލައިފި

ރިޔާދު (ޖޫން 25) - ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ ކޯޗުގެ މަގާމް ސްޓެފާނޯ ޕިއޯލީ، 59، ދޫކޮށްލައިފި އެވެ.

އޭސީ މިލާނަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދިން އިޓަލީގެ ކޯޗު އައް ނަސްރާ ހަވާލުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އައް ނަސްރު މިދިޔަ ސީޒަން ނިންމާލީ ލީގުގެ ތިން ވަނައިގަ އެވެ.

ޕިއޯލީ މަގާމުން ވަކިވުމާ ގުޅިގެން އިތުރު ތަފްސީލެއް ކުލަބުން ހާމައެއް ނުކުރެ އެވެ. އައް ނަސްރު ދޫކޮށްލުމަށް ފަހު އޭނާ އިޓަލީގެ ފިއޮރެންޓީނާގެ ކޯޗުކަމާ ހަވާލުވާން އުޅޭ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

"ޕިއޯލީ އާއި އޭނާގެ ކޯޗިން ސްޓާފުންނަކީ މިވަގުތުން ފެށިގެން ޓީމުގެ ސްޓާފުންނެއް ނޫން ކަން އައް ނަސްރުން އިއުލާން ކުރަން. މިދިޔަ ސީޒަންގައި ޕިއޯލީ އާއި އޭނާގެ ސްޓާފުން ކޮށްދިން މަސައްކަތަށް ޝުކުރުވެރިވަން،" ޕިއޯލީ ކޯޗުކަމާ ހަވާލުވިތާ ނުވަ މަސް ފަހުން މަގާމުން ވަކިވެފައިވާކަން ކުލަބުން ހާމަކުރި އެވެ.

މިލާނަށް ކޯޗު ކޮށްދިނުމުގެ ކުރިން އޭނާ ވަނީ ފިއޮރެންޓީނާގެ އިތުރުން އިންޓަ މިލާނާއި ލާޒިއޯ އަދި ބޮލޯނިއާ ފަދަ އިޓަލީގެ އެހެން ކްލަބްތަކަށް ވެސް ކޯޗު ކޮށްދީފަ އެވެ.

ރޮނާލްޑޯ އައް ނަސްރަށް ބަދަލުވިތާ ދެ އަހަރާ ބައި ވެފައި ވާއިރު، މި މުއްދަތުގައި ކުލަބުން ވަނީ ތިން ފަހަރު ދާއިމީ ކޯޗުން ބަދަލު ކޮށްފަ އެވެ. އަދި އެ ޓީމުން އަންނަނީ 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ތައްޓެއް ހޯދަަން މަސައްކަތް ކުރަމުންނެވެ.

މިދިޔަ ސީޒަންގެ ލީގުގެ ތިން ވަނަ ހޯދައިގެން ނަސްރު ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު އެލީޓް އިން ޖާގަ ހޯދައިފަ އެވެ. އެ ޓީމަށް ތި ންވަނަ ލިބުނީ ސީޒަން ނިމުމަށް ފަހު، ބަލިވި މެޗެއްގައި އިދިކޮޅު ޓީމުން ގަވައިދުން ބޭރުން ކުޅުންތެރިއެއް ކުޅުވި މައްސަލައެއް ކޯޓަށް ވައްދައިގެން މައްސަލަ ކާމިޔާބު ކޮށްގެން ހޯދި ތިން ޕޮއިންޓާ އެކު އެވެ.