Roadha Mihaaru

ހަތަރު ކްލަބަކަށް 100 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ރޮނާލްޑޯ އަށް

ހަތަރު ކްލަބަކަށް 100 ލަނޑު ޖަހައި ދިން ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑް ހަދައިފި އެވެ.

ހަތަރު ކްލަބަކަށް 100 ލަނޑު ޖެހީ ރޮނާލްޑޯ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

24 އޯގަސްޓް 2025

ހަތަރު ކްލަބަކަށް 100 ލަނޑު ޖަހައި ދިން ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑް ހަދައިފި އެވެ.

ސައުދީ ސުޕަ ކަޕްގެ ފައިނަލުގައި ރޮނާލްޑޯގެ އައް ނަސްރު، އަލް އަހްލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ. ނަމަވެސް މެޗުގެ ވަގުތުގައި 2-2 ން އެއްވަރުވި ނަތީޖާގައި ރޮނާލްޑޯ ފުރަތަމަ ހާފުގައި ޖެހި ލަނޑާ އެކު އޭނާ ވަނީ މީގެ ތިން އަހަރު ކުރިން ސޮއި ކުރި ކްލަބަށް އޭނާގެ 100 ވަނަ ލަނޑު ޖަހައިފަ އެވެ.

ރޮނާލްޑޯ އެންމެ ގިނަ ލަނޑު ޖެހީ އޭނާ ނުވަ އަހަރު ވަންދެން ކުޅުނު ރެއާލް މެޑްރިޑަށެވެ. އެ ކްލަބަށް 450 ލަނޑު ޖެހި އެވެ. އެ ކްލަބްގެ ތާރީހްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ދެ ފަހަރެއްގެ މަތިން ކުޅުނު ރޮނާލްޑޯ އެ ކްލަބަށް ޖަހައި ދިނީ 145 ލަނޑެވެ. ޔުވެންޓަސް އަށް 101 ލަނޑު ޖެހި އެވެ.

މީގެ ކުރިން ތިން ކުޅުންތެރިޔަކު ވަނީ ތިން ކްލަބަށް 100 ލަނޑު ޖަހައި ދީފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 1930 އިން 1948 އަށް ކުޅުނު އިސީޑްރޯ ލަންގަރާ، އާއި ބްރެޒިލްގެ ކުރީގެ ސްޓައިކަރު ރޮމާރިއޯ އާއި އެ ޓީމުގެ މިހާރުގެ ފޯވާޑް ނޭމާ ވަނީ ތިން ކްލަށް 100 ލަނޑު ޖަހައިފަ އެވެ.

ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 138 ލަނޑު ޖަހައި ދީފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދި ރޮނާލްޑޯ މިހާރު އުޅެނީ 1000 ލަނޑު ހަމަ ކުރުމާ ކައިރީގަ އެވެ.