Roadha Mihaaru
ޓްރަމްޕް ނޭޓޯގެ މައްސަލަގަނޑު ހޫނުކޮށްލައިފި

ޗަންދާ ނުދައްކާ ނޭޓޯގެ ގައުމުތައް ހިމާޔަތް ނުކުރާނެ ޓްރަމްޕް ވިދާޅުވުމުން ފާޑުކިޔަނީ

12 ފެބުރުއަރީ 2024

ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ އިއްތިހާދު، ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ މެންބަރު ގައުމުތަކުގެ ތެރެއިން އެ ޖަމިއްޔާއަށް ދައްކަންޖެހޭ ޗަންދާ ނުދައްކާ ގައުމުތައް އެމެރިކާއިން ހިމާޔަތް ނުކުރާނެ ކަމަށް ވިދާޅުވެ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވެމުން މައްސަަލަ ހޫނުވެއްޖެ އެވެ.

ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ އިއްތިހާދު، ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ މެންބަރު ގައުމުތަކުގެ ތެރެއިން އެ ޖަމިއްޔާއަށް ދައްކަންޖެހޭ ޗަންދާ ނުދައްކާ ގައުމުތައް އެމެރިކާއިން ހިމާޔަތް ނުކުރާނެ ކަމަށް ވިދާޅުވެ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވެމުން މައްސަަލަ ހޫނުވެއްޖެ އެވެ.

ނޭޓޯގެ ވެރިޔާ ޔެންސް ސްޓޮލެންބާގް ވިދާޅުވީ އެމެރިކާގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ޓްރަމްޕް ނޭޓޯއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން އެމެރިކާ އާއި ޔޫރަޕްގެ ސިފައިންނަށް ނުރައްކާ ބޮޑުވާނެ ކަމަށެވެ.

ޓްރަމްޕަށް ފާޑުކިޔުން އަމާޒުވީ، ނޭޓޯގެ ގައުމުތަކުން އެއްބަސްވެފައި އޮންނަ ގޮތަށް އެ ގައުމެއްގެ ޖީޑީޕީގެ ދެ ޕަސެންޓް ޖަމިއްޔާގެ ޗަންދާގެ ގޮތުގައި ނުދައްކާ ގައުމުތަކަށް ރަޝިއާއިން ހަމަލާދޭން ބާރުއަޅުއްވާނެ ކަމަށް ވިދާޅުވެ ކެމްޕެއިން އެއްވުމެއް ވާހަކަ ދެއްކެވެމުންނެވެ. ޓްރަމްޕް ވިދާޅުވީ ވެރިކަމުގައި ހުންނެވި އިރު ނޭޓޯގެ ވެރިންގެ ބައްދަލުވުމެއްގައި އޭނާ މިގޮތަށް ވާހަކަ ދައްކަވާފައި ވާނެ ކަމަށެވެ.

އަޅުގަނޑު ދެންނެވިން ފައިސާ ނުދައްކަންހޭ؟ ތި ހެދެނީ ގޯހެއް ނޫންހޭ؟ ނޫން. އަޅުގަނޑު ތި ގައުމު ހިމާޔަތެއް ނުކޮށްދޭނަން. އަޅުގަނޑު ހިތްވަރު ދޭނީ އެ މީހުން [ރަޝިއާ] ބޭނުން ކަމެއް ކުރަން. ޖެހޭނީ ފައިސާ ދައްކަން: ޓްރަމްޕް

އޭނާ ވިދާޅުވީ ނޭޓޯގެ ބައްދަލުވުމެއްގައި، ބޮޑު ގައުމެއްގެ ވެރިޔަކު ވަޑައިގެން، ނޭޓޯއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އޮންނަ ހާލަތެއްގައި ރަޝިއާއިން ހަމަލާ ދީފި ނަމަ އެމެރިކާއިން ހިމާޔަތުގައި ނުކުންނާތޯ ސުވާލުކުރެއްވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ފައިސާ ނުދައްކަންހޭ؟ ތި ހެދެނީ ގޯހެއް ނޫންހޭ؟ ނޫން. އަޅުގަނޑު ތި ގައުމު ހިމާޔަތެއް ނުކޮށްދޭނަން. އަޅުގަނޑު ހިތްވަރު ދޭނީ އެ މީހުން [ރަޝިއާ] ބޭނުން ކަމެއް ކުރަން. ޖެހޭނީ ފައިސާ ދައްކަން،" ޓްރަމް ވިދާޅުވި އެވެ.

މި ވާހަކަ ދެއްކެވީ ނޭޓޯގެ ކޮން ގައުމެއްގެ ވެރިޔަކާ ކަމެއް ޓްރަމްޕް ވިދާޅެއް ނުވެ އެވެ. އެކަމަކު ނޭޓޯގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން މެންބަރު 30 ގައުމުގެ ތެރެއިން 19 ގައުމަކުން، އެއްބަސްވެފައިވާ ގޮތަށް ޖީޑީޕީގެ ދެ ޕަސެންޓާ އެއްވަރަށް ނޭޓޯއަށް ފައިސާއެއް ނުދެ އެވެ. އޭގެ ތެރޭގައި ޖަރުމަން، ނޯވޭ އަދި ފްރާންސް ހިމެނެ އެވެ. އެކަމަކު ރަޝިއާ އާއި ޔުކްރެއިނާ އިންވެގެން އޮންނަ ގިނަ ގައުމުތަކުން ދޭންޖެހޭ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދެ އެވެ.

ނޭޓޯ އަކީ އެ ޖަމިއްޔާގެ މެންބަރު އެއްވެސް ގައުމަކަށް އެހެން އެއްވެސް ގައުމަކުން ހަމަލާދޭ ނަމަ އެ ގައުމެއް ހިމާޔަތްކޮށްދޭން އެއްބަސްވެ އުފައްދާފައި އޮންނަ އިއްތިހާދެކެވެ.

ޓްރަމްޕަށް ރައްދު ދެއްވައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މިއީ ވަރަށް ނުރައްކާ އަދި ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށާއި މިއީ ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން އިތުރު ހަނގުރާމަތައް ފަށައި އެހެން ގައުމުތަކަށް އަރައިގަތުމަށް ދިން ފެހި ސިގްނަލެއް ކަމަށެވެ.

ޓްރަމްޕަކީ އަބަދުވެސް ނޭޓޯއާ ދެކޮޅު ބޭފުޅެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުން ނޭޓޯ އަކީ އެހެން 30 ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާއަށް އުފުލަން ޖެހިފައިވާ މާލީ ބުރަޔަކަށް ވަނީ ވެފަ އެވެ.