Roadha Mihaaru
ބޭރުގެ ބާރުތަކަށް ޖާގަ ނެތް ބިމަކަށް ހަދާނަން: ރައީސް

ރާއްޖެއަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމަކަށް ހަދާނަން: ރައީސް މުއިއްޒު

11 ފެބުރުއަރީ 2024

ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމަކަށް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމަކަށް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ އަލިރަސްގެފާނުގެ މަތިވެރި ޖިހާދުން އަދުގެ ސިޔާސީ ބޭފުޅުންނަށް ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ކަމަށެވެ. ދިވެހިންގެ ސަލާމަތް ދިވެހިން ހޯދަން އެ ޖިހާދުން އެބަ ގޮވާލާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އަލިރަސްގެފާނުގެ ޖިހާދުން ދިވެހިންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތްﷲ ހައްގަށް ނަސްރު ދެއްވާނެ ކަމެވެ. އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އަލިރަސްގެފާނު ޝަހީދުކޮށްލެވި ތަނުގައި ހަދާފައިވާ އަލިރަސްގެފާނުގެ ޒިޔާރަތުގައި ހުންނަ އެ ޒިޔާރަތާ ގުޅޭ މައުލޫމާތު ލިޔެފައިވާ ބޯޑު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަލިރަސްގެފާނު ޝަހީދުކޮށްލެވި ތަނުގައި ހަދާފައިވާ އަލިރަސްގެފާނުގެ ޒިޔާރަތުގައި ހުންނަ އެ ޒިޔާރަތާ ގުޅޭ މައުލޫމާތު ލިޔެފައިވާ ބޯޑު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް އޭރުގެ ވެރިން ދޫކޮށްލެއްވި ބައެއް ރަށްތައް ކާބަފައިން، ދިވެހިންނަށް އަލުން ހޯދައިދިން ކަމަށެވެ. އެހެންވެ، އެ މަނިކުފާނުގެ މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް އަނބުރާ ހޯދައިދޭނެ ކަމުގެ ވައުދު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން: ރައީސް

"ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ގައުއުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްތީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު. އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަހުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިހުލާސްތެރި އިލްތިމާސަކީ މިއީ. ގައުމަށް ތެދުވެރިވާށޭ! ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!،" ރައީސް ވިދާޅުވި އެވެ.

ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަހަކީ މީގެ 480 އަަހަރު ކުރިން ދިވެހިންގެ ދީނާއި މިނިވަންކަމުގެ ދިފާއުގައި ޕޯޗުގީޒުންނާ ހަނގުރަމާކުރައްވައި އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަން ފެށިތާ އަދި ވީ 46 އަހަރެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ދިވެހި ދިދަ ބަހައްޓައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ދިވެހި ދިދަ ބަހައްޓައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވީ ރާއްޖޭގައި ގާއިމުވެތިބި އިންޑިއާގެ ސިފައިން ބާލާގެ ކަމުގެ ވައުދާ އެކުގަ އެވެ. އެހެންވެ، ދެ ގައުމުގެ ދެމެދުގައި މިހާރު ފަށާފައިވާ މަޝްވަރާގައި އެއްބަސްވި ގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މި އަހަރުގެ މޭ 10 ނިޔަލަށް ފައިބައިގެން ދާނެ އެވެ. އިންޑިއާގެ ސިފައިން ގާއިމުވެ ތިބި ތިން ޕްލެޓްފޯމުގެ ތެރެއިން އައްޑޫގައި އުޅޭ ސިފައިން އަންނަ މަހުގެ 10 ގެ ނިޔަލަށް ރާއްޖެ އިން ފައިބައިގެން ދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ސިފައިން ބޭލުމާ އެކު، ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވާނީ އިންޑިއާގެ ސިވިލިއަނުންނެވެ.