19 ނޮވެމްބަރ 2023
އިންޑިއާ އިން ރާއްޖޭގައި އައިސް ތިބީ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން 77 ސިފައިން ކަމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ނުލައި، ދެ ގައުމުގެ ހާރިޖީ ގުޅުމާ ބެހޭ 100 އަށް ވުރެ ގިނަ އެއްބަސްވުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަދާފައިވާ ކަމަށް އާ ސަރުކާރުން މިއަދު ބުނެފި އެވެ.
އިންޑިއާ އިން ރާއްޖޭގައި އައިސް ތިބީ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން 77 ސިފައިން ކަމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ނުލައި، ދެ ގައުމުގެ ހާރިޖީ ގުޅުމާ ބެހޭ 100 އަށް ވުރެ ގިނަ އެއްބަސްވުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހަދާފައިވާ ކަމަށް އާ ސަރުކާރުން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ބޭއްވި ފުރަތަމަ މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ އާ ސަރުކާރުން މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ވަގުތު އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ގާއިމްވެ އެބަތިބި ކަމަށެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް 2021 ގައި ސިފައިންގެ ވެރިން ހާޒިރު ކުރުމުން އޭރު ވެސް ބުނެފައިވާ ގޮތުގައި ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން 75 ސިފައިން ރާއްޖޭގައި އެބަތިއްބެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަަށް ރައީސް މުއިއްޒު އިއްޔެ ވަނީ އިންޑިއާ ސަރުކާރުގައި ވެސް ރަސްމީކޮށް އެދިވަޑައިގެންފަ އެވެ. އެކަމަށް އެދިވަޑައިގަތީ އެ މަނިކުފާނު ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މަންދޫބު މިނިސްޓަ އޮފް އާތު ސައިންސަސް، ކިރެން ރިޖިޖޫއާ އެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފިރުޒުލް މިއަދު ވަނީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ ކުރާ މަސައްކަތުގެ ތަފުސީލު ވެސް ދެއްވައިފަ އެވެ. އެއީ؛
• އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބެލެހެއްޓުމަށް 24 ސިފައިން.
• ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް 25 ސިފައިން.
• އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ދެވަނަ ހެލިކޮޕްޓަރު ދުއްވުމަށް 26 ސިފައިން.
• އެ އުޅަނދުތަކުގެ މެއިންޓެނަންސާއި އިންޖީނިއަރިން މަސައްކަތްތައް ކުރަން ދެ ސިފައިން.
ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ހުރި ނުކުތާތަށް އުވާލުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެ ވިދާޅުވުމާ އެއްގޮތަށް އިންޑިއާ އެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތުތައް އެއްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތައް ބަލާއިރު އަދި ޔަގީން ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ބައިލެޓްރަލް އެއްބަސްވުންތަކުގެ ގޮތުގައި އިންޑިއާއާ އެކު އެކަނި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ބައިލެޓްރަލް އެގްރީމެންޓްގައި ސޮއިކުރެވިފައި އެބަހުރި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި އަދަދުގެ ތެރޭގައި މި ފާހަގަކުރަނީ ޕްރޮޖެކްޓުތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނަ އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.
އާ ރައީސް ޑރ. މުއިއްޒު މަގާމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ މިނިސްޓަރާ، ފޮރިން މިނިސްޓަރު ޒަމީރު ސަލާން ކުރައްވަނީ: ރާއްޖެ-އިންޑިއާއާ ގުޅުން ހުރި މަސަލަތައް ހައްލުކުރަން އެ ގައުމާ އެކު މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ޒަމީރު ވިދާޅުވި.-- ފޮޓޯ: ފޮރިން މިނިސްޓްރީ
އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓުން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތުގެ ތަފުސީލު ވެސް ފިރުޒުލް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:
• މެޑިކަލް އިވެކުއޭޝަންގެ ގޮތުގައި 661 އިވެކުއޭޝަން ހިންގި.
• ސަވައިލެންސްގެ 220 އޮޕަރޭޝަން ހިންގި.
• ސާޗު މިޝަންގެ 100 އޮޕަރޭޝަން ހިންގި.
• އެއާ ކްރޫ ޓްރާންސްފާ އާއި ކޮވިޑް ސާމްޕަލް ކަލެކްޝަން އާއި ވީއައިޕީގެ އެކިއެކި މަސައްކަތްތަކާއި ޑިފެންސާ ގުޅޭ އެކި ތަމްރީނުތަކަށް ވެސް މި އުޅަނދުތައް ބޭނުންކުރި.
"މި މަސައްކަތްތަކުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއް ވެފައިވޭ. އެހެން ނަމަވެސް، ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން، އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ރާއްޖޭގައި ގައިމްވެ ތިބުމަކީ. އެ ނިންމުމާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްތައް ބައްޓަންކުރައްވާނީ،" ފިރުޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންޑިއާ އެކު މިހާ ގިނަ އެއްބަސްވުންތަކެއް ހަދާފައި ވާތީ އެ އެއްބަސްވުންތަކުގައި ހުރި ކަންކަން ދިރާސާކުރުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ. ރައީސް މުއިއްޒު މިހާރު އެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން މިދިޔަ ދައުރުގައި، ސަރުކާރުގައި ބަޔަކު އެދުމުން އެއީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ނިންމައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ އެ މައުލޫމާތު ނުދޭން ނިންމައިފަ އެވެ. ނަމަވެސް، މި މަހު ނުވައެއްގައި ހައިކޯޓުން ވަނީ އިންފޮމޭޝަން ކޮމިޝަނަރަށް އެގޮތަށް ނުނިންމޭނެ ކަމަށް ހުކުމް ކޮށްފަ އެވެ.
އެ ހުކުމުގައިވާ ގޮތުން އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ސަބަބެއް އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްދީފައެއް ނުވެ އެވެ. އަދި އެގޮތަށް ނިންމީ ސިއްރު އެއްބަސްވުމަކަށް ރިއާޔަތްކޮށް ކަމަށް އެ ނިންމުމުގައި ބުނެފައި ވިޔަސް، އެއީ އޮތް އެއްބަސްވުމެއްތޯ އާއި އެއްބަސްވުމުގައި ހުރި ކަމަށް ބުނާ ކަންކަން ކަށަވަރު ކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އަދި ހަމައެކަނި އޮތީ އެމްއެންޑީއެފްއިން ބުނާ ބުނުމެއް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމީ އަމަލު ކުރަންޖެހޭ އިޖްރައާތުތަކާ އެއްގޮތަށް ކަމަށް ނުވާތީ އެކަމާ މެދު އެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ސިފައިން ބާލަން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި
މާޗު 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެދިއްޖެ
އިންޑިއާގެ ސަފީރު، ރައީސަށް ވަދާއީ ޒިޔާރަތްކުރައްވައިފި
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
"ޖީޑީޕީގެ 15 ޕަސެންޓަށް ޑިޖިޓަލް ދާއިރާ ހަދާނަން"
"އިންޑިއާއާ މައްސަލައެއް ނެތް، ސިފައިން ތިބެން ނޭދޭ"
އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފައިބައިފި
ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލައިފި
އިންޑިއާ ސިފައިންގެ ފަހު ބެޗު ފުރާނެ ކަމުގެ ޔަގީންކަން
އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ރާއްޖެ އިން ފައިބައިފި