Roadha Mihaaru

އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރާއްޖެ-އިންޑިއާ 8 އެއްބަސްވުމެއްގައި ސޮއިކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

25 ޖުލައި 2025

މިނިވަން ވިޔަފާރި އާއި ޔޫޕީއައިގެ ހިދުމަތް ފެށުން ހިމެނޭ ގޮތަށް އިންޑިއާއާ އެކު ރާއްޖެއިން މުހިންމު 8 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ދެ ގައުމުގެ ރަސްމީ މަޝްވަރާ ބައްދަލުވުމަށް ފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ހާޒިރުގަ އެވެ.

އެއްބަސްވުންތަކުގައި ސޮއިކޮށް ދެ ގައުމުން އެއްބަސްވުންތައް ބަދަލުކުރީ، އިންޑިއާގެ ފަރާތުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އަދި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމަކާ ގުޅޭ ދާއިރާގެ މިނިސްޓަރުންނެވެ.

ރާއްޖެ-އިންޑިއާ އެއްބަސްވުންތައް

1. ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ފެށުމުގެ އެއްބަސްވުން.

2. އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސައިދޭ 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން.

3. އިންޑިއާ އިން ދީފައިވާ ލައިން އޮފް ކްރެޑިޓް ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތައް ހަމަޖެއްސުމަށް ވެވުނު އެއްބަސްވުން.

4. މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.

5. މޫސުމާއި ތިމާވެށީގެ ދާއިރާއިން އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.

6. ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއަށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުމެއް.

7. ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް އިންޑިއަން ޕާމަކޯޕިއާ (އައިޕީ)އާ އެކު ހެދި އެއްބަސްވުން.

8. އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖޭގައި ފަށަން އެމްއެމްއޭއާ އެކު ހެދި އެއްބަސްވުން.

ރާއްޖޭގެ މިނިވަން ކަމަށާއި އިންޑިއާ އާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތީ ރައީސް މުއިއްޒުގެ ދައުވަތަކަށެވެ.

ދިވެހި ސަރުކާރުން ވަނީ މޯދީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނާއި މާލެއިން ވެސް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

މޯދީގެ މި ދަތުރުފުޅުގައި ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގައި ރާއްޖޭގައި އިމާރާތް ކޮށްފައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް ހުޅުއްވައި ދެއްވުން ހިމެނެ އެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ދިމާކޮށް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.