Roadha Mihaaru
ރައީސް އިންޑިއާގެ ޖުމްހޫރީދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާ އެކު ރައީސް ފާހަގަކުރެއްވީ ރަހުމަތްތެރިކަމާއި އިހުތިރާމް

26 ޖެނުއަރީ 2024

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ދުރައުޕަތީ މުރްމު އަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ދުރައުޕަތީ މުރްމު އަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފި އެވެ.

މިއަދަކީ އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހެވެ.

ރައީސް އޮފީހުން ބުނީ ރައީސް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ކަމަށެވެ.

ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ‌‌‏ރައީސްގެ އަމިއްލަ ނަންފުޅުގައި އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވާފައިވެ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ވަނީ ކުރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކަކަށް ވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިން މޯދީއާ ބައްދަލުކުރައްވައިފަ އެވެ. ދެ ގައުމު ގުޅިގެން ބައެއް މައްސަލަތައް ހައްލުކުރުމަށް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ. އޭގެ ފަހުން، އެކި ކަންކަމުގައި ދެ ގައުމުގެ މެދުގައި މަޝްރަހު ހޫނުވެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ ބޮޑު ވައުދެވެ. އެކަމުގެ މަޝްވަރާތައް ދެ ގައުމުގެ ދެމެދުގައި މިހާރު ވަނީ ފަށައިފަ އެވެ.