Roadha Mihaaru
ސިފައިން ބާލަން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި

ރައީސް ވިދާޅުވީ، އިންޑިއާ ސިފައިން ގެންދަނީ އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް!

18 ފެބުރުއަރީ 2024

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދަން ދެ ތާރީހެއް ކަނޑައަޅާފައި ވަނީ ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދަން ދެ ތާރީހެއް ކަނޑައަޅާފައި ވަނީ ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށް ވާއިރު، މިއީ އެ މީހުން ބޭލުމަށް ދެ ގައުމުން އެއްބަސްވެ، ލިޔުމެއްގައި ސޮއިކޮށްފައިވާކަން އެ މަނިކުފާނު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.

ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާގެ މީހުން ކުރިއަށް އޮތް މޭ 10 ގެ ނިޔަލަށް އަނބުރާ ގެންގޮސް ނިންމުމަށެވެ. ފުރަތަމަ ގުރޫޕް ރާއްޖެ އިން ފައިބައިގެން ދާން އެއްބަސްވެފައި ވަނީ އަންނަ މަހުގެ 10 ގެ ކުރިންނެވެ. އެއީ އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ތިން ސަރަހައްދުގެ ތެރެއިން އައްޑޫގައި ތިބި މީހުންނެވެ. ބާކި ދެ ސަރަހައްދުގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ވެސް މޭ 10 ގެ ކުރިން ރާއްޖެ ދޫކޮށް ދާން ޖެހެ އެވެ.

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޮދީ ސަލާން ކުރައްވަނީ.

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޮދީ ސަލާން ކުރައްވަނީ.

ރައީސް މުއިއްޒު އައްޑު އަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފޭދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭލުމަށްޓަކައި ތާރީހުތަކެއްގެ މައްޗަށް އެއްބަސްވެ، ސޮއިކުރުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އެއީ އެ ކަމަށްޓަކައި ﷲ އަށް އެންމެން ހަމްދު ކުރަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

"ދިވެހި ރައްޔިތުން ކުރެއްވި ކަމެއް މިއީ. ތިޔަބޭފުޅުން ނިންމެވި ނިންމެވުމެއް މިއީ. ތިޔަބޭފުޅުން ނިންމެވީ މި ގައުމުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމަށް. އެ ނިންމުން ތަންފީޒު ކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑުގެ މައްޗަށް އޮތީތީ، ތިޔަބޭފުޅުން އަޅުގަނޑަށް ފުރުސަތު ދިނީ،" މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެ ޔަގީންކަމުގެ މަތީގައި ފުރަތަމަ ދުވަހު ހުރި ގޮތަށް މިއަދު ވެސް މި ހުރީ. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބު ކޮށްދޭނަން ތިޔަބޭފުޅުންނަށް."

އައްޑޫ ފޭދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

އައްޑޫ ފޭދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވީ، އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން "ލިޔެކިޔުމަށް ތިރިކޮށް" މިހާރު އޮތީ "ސޮއިކޮށްފައި" ކަމަށާއި މި އަހަރުގެ މޭ 10 ގެ ކުރިން އިންޑިއާގެ ސިފައިން ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދެ ގައުމުން އެއްބަސްވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދިއުމަށް ފަހު، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވަން އެ ގައުމުގެ ސިވިލިއަނުން ގެންނަ ގޮތަށެވެ. ދިވެހި ސަރުކާރުން ބުނީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ދެކޮޅު ހަދާނެ ކަމަށާއި އެކަމަކު އަސްކަރީ މީހުންގެ ބަދަލުގައި އިންޑިއާގެ ސިވިލިއަނުން އެ ތިން އުޅަނދު ދުއްވަން ތިއްބަސް އެންމެ ރަނގަޅު ކަމަށެވެ.

އެކަމަކު، އެ އުޅަނދުތައް ދުއްވަން ދިވެހިން ތަމްރީނު ކުރާނެ ވާހަކަ ރައީސް މުއިއްޒު ވަނީ ރިޔާސީ ކެމްޕެއިނުގައި ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ބާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޔާމީން ކުރިން ވިދާޅުވެފައި ވެ އެވެ. އެކަމަކު، އެކިއެކި ފިއްތުންތައް އޭރުގެ ސަރުކާރުން އިންޑިއާ އަށް ކުރިމަތި ކޮށްގެން ވެސް އެކަން ޔާމީނަށް އޭރު ކާމިޔާބެއް ނުވި އެވެ.

ދިވެހި ރައްޔިތުން ކުރެއްވި ކަމެއް މިއީ. ތިޔަބޭފުޅުން ނިންމެވި ނިންމެވުމެއް މިއީ. ތިޔަބޭފުޅުން ނިންމެވީ މި ގައުމުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެގެން ނުވާނެ ކަމަށް. އެ ނިންމުން ތަންފީޒު ކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑުގެ މައްޗަށް އޮތީތީ، ތިޔަބޭފުޅުން އަޅުގަނޑަށް ފުރުސަތު ދިނީ،"--- ރައީސް މުއިއްޒު

ރައީސް މުއިއްޒު މިރޭ ވިދާޅުވި ގޮތުގައި، އިންޑިއާގެ ސިފައިން ބޭލުމުގެ މަޝްވަރާތައް އެ މަނިކުފާނު ގެންދެވީ ޑިޕްލޮމެސީގެ ރީތި އުސޫލުގެ ތެރެއިންނެވެ. ސަރަހައްދުގެ ހަމަޖެހުމަށް އިސްކަން ދެއްވައިގެންނެވެ. އެއީ ފުރަތަމަ ދުވަހު ވެސް އެ މަނިކުފާނު ބޭނުންފުޅުވި ގޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮންމެ ގައުމެއް ވެސް ގަބޫލު ކުރާނެ އަނެއް ގައުމެއްގެ ޑިމޮކްރެޓިކް ނިންމުންތައް. މި ބަނަވެފައި މި އޮތް ދުނިޔޭގައި އެ ނޫން ގޮތަކަށް އޮޕަރޭޓް ވާނެ ގައުމެއް ނޯންނާނެ. ގިނަ ގައުމުތައް އޮޕަރޭޓް ކުރާނީ އެ ގޮތަށް،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ސަރަހައްދީ ސުލްހަވެރިކަން، ސަރަހައްދީ ހަމަޖެހުން އޮންނަން ވާ ބަޔަކު ވިއްޔާމު ބަލާނެ އެ ގައުމެއްގެ ޑިމޮކްރެޓިކް ނިންމުންތައް އެ އޮތީ ކިހިނެއްތޯ؟ އެއާ އެއްގޮތަށް ތިމަންނަމެން ވެސް ފުރުސަތު ދޭން ވާނެ ކަމަށް. އެހެންވީމާ އެ ހަމައިގެ މަތިން އަޅުގަނޑުމެން މަސައްކަތް ފެށީ ފުރަތަމަ ދުވަހު ވެސް."