Roadha Mihaaru
ޖިހާދުން ގޮވާލީ ބޭރުގެ ބާރުތަކުގެ ފައިބުޑަށް ތިރިނުވާން

އަލިރަސްގެފާނުގެ ޖިހާދުން ގޮވާލަނީ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން: ރައީސް

11 ފެބުރުއަރީ 2024

އަލިރަސްގެފާނުގެ މަތިވެރި ޖިހާދުން ދިވެހިންނަށް ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވެ ގައުމަށް ތެދުވެރިވާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަލިރަސްގެފާނުގެ މަތިވެރި ޖިހާދުން ދިވެހިންނަށް ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވެ ގައުމަށް ތެދުވެރިވާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދުން ދިވެހިންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތްﷲ ހައްގަށް ނަސްރުދެއްވާނެ ކަމެވެ. އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަހަކީ މީގެ 480 އަަހަރު ކުރިން ދިވެހިންގެ ދީނާއި މިނިވަންކަމުގެ ދިފާއުގައި ޕޯޗުގީޒުންނާ ހަނގުރަމާކުރައްވައި އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަން ފެށިތާ އަދި ވީ 46 އަހަރެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ އަލީ ރާޖާގެ އެހީތެރިކަން ހޯއްދެވުމުގައި ކަޅުމުހައްމަދު ރަސްގެފާނު ގައުމަށް ހިޔާނާތްތެރިވެވަޑައިގަތީ ވަރަށް ބޮޑަށް ކަމަށެވެ. އޭގެ ތެރޭގައި އޭރު ދިވެހިން ކުރަމުން ގެންދިޔަ ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރީންނަށް ދޫކޮށްލެއްވި ކަމަށާއި ރާއްޖޭގެ ރަސްކަން ހޯއްދަވަން އަލީ ރާޖާއާ އެކު ހެއްދެވި މުއާހަދާއެއްގެ ދަށުން ކަނޑުން ލިބޭހާ މާވަހަރާއި ރާއްޖެއަށް ލިބޭ ރަނާއި ބޮއްޔާއި އުފައްދާހާ ރޯނުގެ ދެބައިކުޅަ އެއްބައި އަލީ ރާޖާއަށް ދޭ ގޮތަށް ނިންމި ކަމަށް ރައީސް ވިދާޅުވި އެވެ.

އަލިރަސްގެފާނު ޒިޔާރަތް އިހުގައި ހުރި ގޮތް.

އަލިރަސްގެފާނު ޒިޔާރަތް އިހުގައި ހުރި ގޮތް.

އޭގެ އިތުރަށް ވެސް އެ މުއާހަދާގެ ދަށުން، ރ. ނިކޮޅަހާއި ނ. ކެނދިކޮޅުދޫ އަލީ ރާޖާއަށް ދޫކޮށްލެއްވި ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޝަހީދުންގެ ދުވަހެއް ރާއްޖޭގެ ތާރީހުގައި ލިޔެވުނީ ކަޅުމުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން 19 އަހަރުގެ ހަސަން ރަސްގެފާނު ޕޯޗުގީޒުންނާ އެކު އުފެއްދި ގުޅުމުގެ ތެރެއިންނެވެ.

"ރާއްޖޭން ލިބޭ މާވަހަރާއި ރޯނާއި ބޮއްޔަކީ އެ ޒަމާނަށް ވަރަށް އަގުހުރި ތަކެތި. އޭގެ އިތުރަށް ރާއްޖެ އޮންނަ ތަނަކީ ވަރަށް މުހިންމު އޮޅިއެއް. އެކަން ވަސްކޮޑިގާމާ އޭނާގެ ޑައިރީގައި ވެސް ފާހަގަކޮށްފައިވޭ. މި ހުރިހާ ސަބަބުތަކަށްޓަކާ ޒުވާން ނުވަވަނަ ހަސަން ރަސްގެފާނު އެދިވަޑައިގަތުމަށް ޕޯޗުގީޒުން ރާއްޖެއަށް މިސްރާބު ޖެހި،" ރައީސް ވިދާޅުވި އެވެ.

ދިވެހިންނާއި ޕޯޗުގީޒުން ކުރި ހަނގުރާމަ އާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ގައުމަށް ހިޔާނަތްތެރިވުން. ހަމައެއާ އެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެމީހުންގެ ހީލަތްތެރި ރޭވުން: ރައީސް

"އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ގައުމަށް ހިޔާނަތްތެރިވުން. ހަމައެއާ އެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެމީހުންގެ ހީލަތްތެރި ރޭވުން. ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކޮށްފި. ނަމަވެސް އޭނާއަށް އޭނާ އެދޭ ބާރެއް، ރަސްކަމެއް ހޯދައެއް ނުދިން،" ރައީސް ވިދާޅުވި އެވެ.

އަލިރަސްގެފާނު ޝަހީދުކޮށްލެވި ތަނުގައި ހަދާފައިވާ އަލިރަސްގެފާނުގެ ޒިޔާރަތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަލިރަސްގެފާނު ޝަހީދުކޮށްލެވި ތަނުގައި ހަދާފައިވާ އަލިރަސްގެފާނުގެ ޒިޔާރަތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއަދު ދިވެހިން ބަލައިލަން ޖެހޭ ހަގީގަތްތަކަކީ އަލިރަސްގެފާނުގެ އީމާނުގެ މަތިވެރިކަމާއި އެ ރަދުން ގައުމާ މެދު އޮތް ލޯބީގެ ފުންކަމާއި ހިތްވަރުފުޅު ގަދަކަމާއި ދައުލަތަށް ހުރި ވަފާތެރިކަމާއި ދިވެހިންނާ މެދު ހިތްޕުޅުގައި އޮތް ކުލުނާއި އިހްސާންތެރިކަމެވެ.

"އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުހާތަބު ކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ. އަލިރަސްގެފާނު ޖިހާދުން މީޑިއާއާ އެބަ މުހާތަބު ކުރޭ. ދޮގު ހަބަރުތައް ނުފަތުރަން އެބަ އިންޒާރު ދޭ. އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުހާތަބު ކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި ގައުމު ފަހަނައަޅާ ނުދާން އެބަ ނަސޭހަތްތެރިވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް ކަޅުމުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި އެހެން ރަށްރަށް ކާބަފައިން، ދިވެހީންނަށް އަލުން ހޯދައިދިން ކަމަށެވެ. އެހެންވެ، އެމަނިކުފާނުގެ މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް އަނބުރާ ހޯދައިދޭނެ ކަމުގެ ވައުދު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ދިވެހި ދިދަ ބަހައްޓައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ދިވެހި ދިދަ ބަހައްޓައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމަށް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްތީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު: ރައީސް

"އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްތީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު މި ފާހަގަކުރާ ޝަހީދުންގެ ދުވަހު އެމަނިކުފާނު ދިވެހިންނަށް ކުރައްވާ އެންމެ އިހުލާސްތެރި އިލްތިމާސްއަކީ ގައުމަށް ތެދުވެރިވުން ކަމަށެވެ. އަދި ދީނަށް ހުރުމަތްތެރިކޮށް ހިތައި ދައުލަތަށް ވަފާތެރިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.