ލިޔުންތެރިންނަކީ ގައުމަށް ކުރިއެރުން ހޯދައިދިނުމަށް މަތިވެރި ޖިހާދެއް ކުރަން ޖެހޭ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
08 ޖުލައި 2025
ލިޔުންތެރިންނަކީ ގައުމަށް ކުރިއެރުން ހޯދައިދިނުމަށް މަތިވެރި ޖިހާދެއް ކުރަން ޖެހޭ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، އިންސާނާ ކޮންމެ ދުވަހަކު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޮންނަ އެއް ކަމަކީ ކަންކަން އިސްލާހުކުރުން ކަމަށާއި އެކަން ކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ލިޔުން ކަމަށެވެ. އިންސާނުންގެ ނަފުސުތަކާއި މުޖުތަމައު އާއި ގައުމާއި ދުނިޔެ އިސްލާހުކުރުމަށް އެކި މައުލޫއުތަކުގައި ލިޔެ، އިލްމު ފެތުރުމުގެ މަތިވެރި ޒިންމާ އަދާކުރާ ބަޔަކީ ލިޔުންތެރިން ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބަލާއިރު، ދިވެހި ލިޔުންތެރިކަމުގެ ދައުރު އިތުރަށް ފުޅާވެ ތަނަސްވެފައިވާ ކަމަށާއި ލިިޔުންތެރިންގެ ދީނީ، ގައުމީ ޒިންމާ އާއި މަސްއޫލިއްޔަތު އެތައް ގުނަޔަކަށް މުހިންމު ވެފައިވާ ކަމަށެވެ.
ދީނީ ގޮތުން ބަލާއިރު، ދިވެހިންގެ އަގީދާ އާއި އަދަބު އަހުލާގު ހަރުދަނާކުރުމުގައި ލިޔުންތެރިންގެ އެހީތެރިކަން މި ގައުމަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، އިޖުތިމާއީ ގޮތުން ބަލާއިރު، ދޭދޭ ގުޅުންތަކާއި މުޖުތަމައުގެ ހަމަޖެހުން ގާއިމްކުރުމުގައި ލިޔުންތެރިންގެ އަމާނާތްތެރިކަން ވެސް ބޭނުންވެ އެވެ. އިގުތިސާދީ ދާއިރާއަށް ބަލާއިރު، އާ ފުރުސަތުތައް ތައާރަފުކުރުމާއި ޒުވާން ޖީލު މަސައްކަތްތެރި ދުނިޔެއަކަަށް ލޯހުޅުވައި ދިނުމުގައި ލިޔުންތެރިންގެ ލިޔުންތައް މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ބަލާއިރު، މި ޒަމާނުގައި ވެރިކަމަށް އަންނަނީ ލިޔެވޭ މެނިފެސްޓޯއެއްގެ އެހީގައި ކަމަށާއި އެ މެނިފެސްޓޯ އެކުލަވައިލުމާއި ރައްޔިތުންނަށް އޮޅުންފިލުވައިދިނުމާއި ގައުމީ އެކިއެކި މައްސަލަތަކާއި ހާލަތްތައް ހެޔޮ ގޮތުގައި ތެދުވެރިކަމާއެކު ރައްޔިތުންނަށް ވިސްނައިދިނުމުގައި ވެސް އެންމެ އިސްދައުރެއް އަދާކުރެވޭނީ ލިޔުންތެރިންނަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމަ އެހެންމެ، ސިޔާސީ ގޮތުން، އެކި ދައުލަތްތަކާއި ބައިނަލްއަގުވާމީ ޖަމާއާތްތަކާއި އަމިއްލަ ގައުމާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކުރުމާއި ހުރިހައި މާނައެއްގަައި މަސްލަހަތު ހިފެހެއްޓުމުގެ ގައުމީ ބޮޑު ޒިންމާ އަދާކުރެވޭނީ ވެސް ލިޔުންތެރީންނަށެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލިޔުންތެރިންގެ ދައުރެއް ނެތް، އެއްވެސް ދާއިރާއެއް ގައުމުގައި ނެތް ކަމަށެވެ.
އެހެންކަމުން ލިޔުންތެރިންނަކީ އަމިއްލަ ދީނާއި އަމިއްލަ ގައުމާއި އަމިއްލަ ވަތަނުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކު ކަމުގައި ވާން ޖެހެ އެވެ: ރައީސް
"އެހެންކަމުން ލިޔުންތެރިންނަކީ އަމިއްލަ ދީނާއި އަމިއްލަ ގައުމާއި އަމިއްލަ ވަތަނުގެ ދިފާއުގައި އަދި އަމިއްލަ ގައުމަށް ކުރިއެރުން ހޯދައިދިނުމުގެ އަޒުމުގައި ވަރަށް މަތިވެރި ޖިހާދެއް ކުރާ ބަޔަކު ކަމުގައި ވާން ޖެހެ އެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި ލިޔުންތެރިންގެ ފިކުރުތަކާއި ހިޔާލުތަކުން ގައުމުތައް ބިނާކުރެވޭއިރު، ޒިންމާދާރު ކަމެއް ނެތް ލިޔުންތެރިކަމުން ގައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދިވެހި ތާރީހަށް ބަލާއިރު، ރާއްޖެ ބިނާކުރުމުގައި ދިވެހި ލިޔުންތެރިން ވަނީ ޒިންމާދާރު މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެއީ ދީނީ އިލްމުވެރީން ދީނީ ރޮނގުންނެވެ. އަދަބީ އިލްމުވެރީން އަދަބީ ރޮނގުންނެވެ. ތާރީހު އިލްމުވެރީން ތާރީހީ ރޮނގުންނެވެ. އަދި ނޫސްވެރީންނާއި ސިޔާސީ ބޭފުޅުން އެ ދެ ދާއިރާއިންނެވެ.
ދިވެހި ލިޔުންތެރިކަމުގެ ދާއިރާގައި އަގުހުރި ހިދުމަތްތަކެއް ކުރި ހުރިހާ ލިޔުންތެރިންނަށް މި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރައީސް ފޮނުއްވި އެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ފުރަތަމަ މަޖައްލާ "އަލްއިސްލާހު" 1933 ވަނަ އަހަރު ނެރުނު ދުވަހާ ދިމާކޮށެވެ.
ޖިހާދުން ގޮވާލީ ބޭރުގެ ބާރުތަކުގެ ފައިބުޑަށް ތިރިނުވާން
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
ފަހުމީއަށް ރައީސް އޮފީސް މިނިސްޓަރު ފެންވަރުގެ މަގާމެއް
ސީއެސްސީއަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
"ރައްޔިތުން އެދޭ ކަންކަން ހަމަޖެއްސުމަކީ އިސް ޒިންމާ"
ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށް
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް
ދިވެހި ދައުލަތުގެ އިއްޒަތް އުތީމު އާދަމްބެއަށް