Roadha Mihaaru
ޝާހިދު ބައިވެރިވީ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން

ކައުންސިލް ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގަތީ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން: ނަރީޝް

18 ޖެނުއަރީ 2024

ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން ކަމަށް،ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު މާލެ ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން ކަމަށް،ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލުން އިއްޔެ ބޭއްވި ރަސްމީ ބައްދަލުވުމުގައި، ކުރީގެ ޕްރޮޖެކްޓު ކޮންސަލްޓަންޓުގެ ހައިސިއްޔަތުން ޝާހިދު ބައިވެރިވެވަޑައިގެން އޭނާ ވަނީ، މީގެ ކުރިން އެ ޕްރޮޖެކްޓުތައް ހިންގި ޝަރުތުތަކަށް ބަދަލެއް ނުގެނެސް، އެކަންތައް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓްރީ އަށް ބަދަލުކުރަން ހުށަހަޅައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން، ގަލޮޅު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ ކައުންސިލަރު ނާޒިމާ ފާއިޒު ފިޔަވައި އެހެން މެމްބަރުން ވަނީ އެކަމަށް ތާއިދު ކުރައްވައިފަ އެވެ.

ނަމަވެސް، ރައީސް އޮފީހުގެ މަގާމެއްގައި ހުންނަވައި، ކައުންސިލްގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެކަމާ ގުޅިގެން، ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "މިހާރު" އަށް ވިދާޅުވީ، އެ އުސޫލުން ކައުންސިލްގެ ބައްދަލުވުންތަކުގައި މީގެ ކުރިން ވެސް އެކި މުވައްޒަފުން ބައިވެރިވެ، މަސައްކަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ، ކައުންސިލުން އަލަށް ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވި ގޮތުގައި، ޝާހިދު ހުށަހެޅުއްވީ ކައުންސިލުން ތައްޔާރުކުރި ކަރުދާހެކެވެ. އެ ގާނޫނުގައި އޮންނަ ގޮތަށް، ރަސްމީ ބައްދަލުވުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު ކައުންސިލަރުންނަށް އެ ރިޕޯޓު ފޮނުވާފައިވާ ކަމަށް ނަރީޝް ވިދާޅުވި އެވެ.

ކައުންސިލުން މީގެ ކުރިން ވެސް ނިންމި ނިންމުން، ރަސްމީ ބައްދަލުވުމުގައި ފާސްކުރަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މީގެ ތިން ހަފުތާ ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ބަޖެޓާ ގުޅޭ މަސައްކަތްތަކެއް ކުރަން ޖެހުމުން އެ ކަރުދާސް ހުށަހެޅުން ފަސްވެގެން ދިޔައީ އެވެ.

"ޕްރޮޖެކްޓުތަކުގެ އަޕްޑޭޓްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަން، ކައުންސިލްގެ އެދުމަކަށް ޝާހިދު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ،" ނަރީޝް ވިދާޅުވި އެވެ.

އެ ވާހަކަތައް، ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ސައިފު ފާތިހު ގަބޫލެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ، ކައުންސިލުން ތައްޔާރު ކުރި ޕޭޕަރެއް، ކުރީގެ ކޮންސަލްޓެންޓު ހައިސިއްޔަތުން ޝާހިދު ހުށަހަޅަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަން ކައުންސިލް މެމްބަރަކަށް ވެސް ހުށަހެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައިފު ވިދާޅުވީ ޕާކިން ބިލްޑިންގްތަކާއި ވިލިމާލެ ކޮމާޝަލް ބިލްޑިންގާއި ވިލިމާލެ ހައުސިން ޕްރޮޖެކްޓު ފަދަ ބޮޑެތި ކަންކަމަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރަން ނިންމި ކަންތައްތަކެއް ނޫން ކަމަށެވެ. އެއީ ކައުންސިލުން އަމިއްލައަށް ފަންޑިން ހޯދައިގެން ފެށި މަސައްކަތްތަކެއް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެ ހުރިހާ މަޝްރޫއެއް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، މޭޔަރު ކަމުގައި ހުންނަވަނިކޮށް ފެއްޓެވި މަޝްރޫއުތައް ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލަށް ކުރެވިދާނެތޯ އެ މަނިކުފާނު ގަބޫލުނުކުރައްވާތީތޯ ސައިފު ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގައި ކުރީގެ ކޮންސަލްޓަންޓުން ނުވަތަ މުވައްޒަފުން ބައިވެރިވެވަޑައިގަތުމަކީ ވަރަށް ގޯސް ކަމެކެވެ. އެ އުސޫލުން ބަލާ ނަމަ ކުރީގެ މޭޔަރުގެ ހައިސިއްޔަތުން ރައީސް މުއިއްޒާއި ކުރީގެ ކައުންސިލަރުންނަށް ވެސް ބައިވެރިވެވަޑައިގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތްތައް މިނިސްޓްރީއާ ހަވާލުކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ މަސައްކަތްތައް އަވަސް ކުރުމަށެވެ. ނަމަވެސް، އެ ކަންތައްތައް ހަ މަސް ދުވަހުގެ ތެރޭގައި ނުފެށިއްޖެ ނަމަ އަލުން އެ މަޝްރޫއެއް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވާނެ އެވެ. އެކަމަކު، އޭގެ ތެރެއިން ބަދަލުކުރާނީ 100 މިލިއަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތަކެވެ.

"އަޅުގަނޑު މި ހުށަހަޅަނީ މި ޕްރޮޖެކްޓުތަކަށް ކައުންސިލުން އެއްބަސްވެފައި ހުރި ޓާމްތަކަށް އެއްވެސް ބަދަލެއް ނުގެެނެސް މި ޕްރޮޖެކްޓުތައް އަވަސްކުރުމަށްޓަކައި މިކަމާ ގުޅޭ ވުޒާރާ އަށް މި ޕްރޮޖެކްޓުތައް ވަގުތީ ގޮތުން މެނޭޖްކުރުމަށް ހަވާލު ކުރުމަށް. އެ ވުޒާރާއެއްގެ ގޮތުގައި އަޅުގަނޑު މި ހުށަހަޅަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ،" ކައުންސިލްގެ އިއްޔެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވި އެވެ.