Roadha Mihaaru
ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި

ވޯނާ ބްރަދާސްއާ އެކު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި

11 ޖެނުއަރީ 2024

ހޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ވޯނާ ބްރަދާސް ޑިސްކަވަރީ އަށް ފިލްމު އުފެއްދުމަށް އެ ކުންފުންޏާ އެކު އެމެރިކާގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި އެވެ.

ހޮލީވުޑްގެ މަޝްހޫރު ޕްރޮޑަކްޝަން ހައުސް ވޯނާ ބްރަދާސް ޑިސްކަވަރީ އަށް ފިލްމު އުފެއްދުމަށް އެ ކުންފުންޏާ އެކު އެމެރިކާގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒް އާ ޑީލެއް ހަދައިފި އެވެ.

ވޯނާ ބްރަދާސް ޑިސްކަވަރީ އިން ބުނި ގޮތުގައި، އޭގެ ތެރޭގައި އޮރިޖިނަލް ފިލްމާއި ފްރެންޗައިޒްތައް ވެސް ހިމެނެ އެވެ. މި އަހަރު އުފައްދަން ފަށާ މި ފިލްމުތަކުގައި ލީޑު ރޯލު ކުޅޭނީ ވެސް ޓޮމް ކްރޫޒް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ދުނިޔޭގައި މިހާރު ހުރި އެންމެ މަގުބޫލު އެކްޓަރާ އެކު މި ކަހަލަ ބޮޑު ޑީލެއް ހެދުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ޓޮޕް ގަން" އާއި "ދަ ލާސްޓް ސަމުރާއީ" އަދި "މިޝަން: އިމްޕޮސިބަލް" ކަހަލަ މަޝްހޫރު ފްރެންޗައިޒްތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޓޮމް ކްރޫޒްގެ ފިލްމުތަކަކީ ސިނަމާތަކަށް އެންމެ ގިނައިން މީހުން ވަންނަ ފިލްމުތަކެވެ.

ޓޮމް ކްރޫޒްގެ 50 އަހަރުވީ ފިލްމީ ކެރިއަރުގައި ފިލްމުތަކަށް 12 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ވޯނާ ބްރަދާސް ޑިސްކަވަރީއާ އެކު ޓޮމް ކްރޫޒް ހެދި މި ޑީލްގެ ދަށުން އޭނާ އަށް ހާއްސަ އޮފީހެއް ވެސް ހަދާނެ އެވެ.

ޓޮމް ކްރޫޒްގެ ފިލްމަކަށް އެންމެފަހުން ނުކުތީ މިދިޔަ ޖުލައި މަހު ނެރުނު "މިޝަން: އިމްޕޮސިބަލް-ޑެޑް ރިކޮނިން ޕާޓް ވަން" އެވެ. އެ ފިލްމަށް ވަނީ 568 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމުގެ ދެވަނަ ބައި އަންނަ އަހަރު ނެރެން ވަނީ ނިންމައިފަ އެވެ.