Roadha Mihaaru
ޖައްވީ ސްޓޭޝަންގައި ފިލްމު ޝޫޓްކޮށް އެނބުރި ދުނިޔެއަށް

ޖައްވީ ސްޓޭޝަންގައި ފިލްމު ޝޫޓްކޮށް، ރަޝިއާގެ ކްރޫ އެނބުރި ދުނިޔެ އަށް

18 އޮކްޓޯބަރ 2021

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ފީޗާ ފިލްމެއްގެ ޝޫޓް ކުރުމުގެ ޝަރަފު ފުރަތަމަ ފަހަރަށް ހޯދި ރަޝިއާގެ ކްރޫގެ މަސައްކަތް ނިންމާލައި، އާދީއްތަ ދުވަހު އެނބުރި ދުނިޔެ އަށް އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ފީޗާ ފިލްމެއްގެ ޝޫޓް ކުރުމުގެ ޝަރަފު ފުރަތަމަ ފަހަރަށް ހޯދި ރަޝިއާގެ ކްރޫގެ މަސައްކަތް ނިންމާލައި، އާދީއްތަ ދުވަހު އެނބުރި ދުނިޔެ އަށް އަތުވެއްޖެ އެވެ.

ކާމިޔާބުކަމާ އެކު މަސައްކަތް ނިންމައިލެވުނު ވާހަކަ އައިއެސްއެސް ޓްވީޓް ވެސް ކޮށްފައިވެ އެވެ. އަދި ރަޝިއާ އިން މި ހޯދި ކާމިޔާބީ އެ ގައުމުގެ އިދާރާ ރޮސްކޮސްމޮސްގެ ވެރިޔާ ޑިމިޓްރީ ރޮގޯޒިން ތަހުނިޔާ އާއި މަރުހަބާ ވިދާޅުވި އެވެ.

ޖައްވީ ސްޓޭޝަންގައި މަންޒަރުތަކެއް ޝޫޓް ކުރުމުގެ ޝަރަފު ރަޝިއާ އިން ހޯދި އިރު، ކްރޫ އެ މަސައްކަތަށް ފުރީ މި މަހުގެ 12 ގަ އެވެ. އެ ދަތުރުގައި ހިމެނުނީ ރަޝިއާގެ މަޝްހޫރު ބަތަލާ ޔޫލިއާ ޕެރެސިލްޑާއި ފިލްމުގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު ކްލިމް ޝިޕެންކޯގެ އިތުރުން ރަޝިއާގެ މަޝްހޫރު ކޮސްމޮނޯޓް އޭންޓަން ޝްކަޕްލެރޯވް އެވެ.

މި ދަތުރުގައި ޖައްވީ ސްޓޭޝަންގައި މަންޒަޒަރުތައް ނެގި ފިލްމަކީ ޖައްވީ ސްޓޭޝަނުގައި އުޅެނިކޮށް ކުއްލިއަކަށް ބަލިވެ ކޮސްމޮނޯޓެއްގެ އޮޕަރޭޝަނަކަށް ދުނިޔެ އަށް ގެންދެވެން ނެތުމުން އޭނާގެ ފަރުވާ އަށް ޖައްވީ ސްޓޭޝަނަށް ދާ އަންހެން ޑޮކްޓަރެއްގެ މަސައްކަތް ދައްކުވައިދޭ "ޗެލެންޖް" އެވެ.

މި ފިލްމާ އެކު ފީޗާ ފިލްމެއްގެ މަންޒަރުތަކެއް ޖައްވީ ސްޓޭޝަނުގައި ނެގުމުގެ ޝަރަފު ރަޝިއާ އިން ހޯދި އިރު، އެ ޝަރަފު ކުރިން ލިބެން އޮތީ ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒަށެވެ. އެކަމަކު މިދިޔަ އަހަރު އިއުލާންކުރި އޭނާގެ ފިލްމުގެ މަސައްކަތް އަންނަ އަހަރަށް ފަސްކުރަން ޖެހުމުން، ރަޝިއާ އަށް އެ ޝަރަފު ކަށަވަރުވީ އެވެ. ކްރޫޒްގެ އަދި ނަން އިއުލާން ނުކުރާ ފިލްމަކީ އެމެރިކާހެ ޖައްވީ އިދާރާ ނާސާ އާއި މަހުޖަނު އީލޮން މަސްކްއާ ގުޅިގެން ހަދާ އެއްޗެކެވެ. އޭގެ ޑައިރެކްޓަރަކީ ޑަގް ލިމަން އެވެ.

މީގެ ކުރިން ވެސް ޖައްވީ ސްޓޭޝަނުގައި ބައެއް ޑޮކިއުމަންޓަރީ އާއި ކުރު ފިލްމު ޝޫޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކްރޫޒް ނެރޭޓްކޮށް ދިން 2002 ގެ އައިމެކްސް ޑޮކިއުމަންޓަރީ "ސްޕޭސް ސްޓޭޝަން" އާއި 2012 ގެ އަށް މިނިޓްގެ ސައިންސް ފިކްޝަން ފިލްމު "އެޕަޖީ އޮފް ފިއާ" ހިމެނެ އެވެ.